28 ޖުލައި 2018 - 13:10

ޖަކާޓާ (ޖުލައި 28) - އިންޑޮނީޝިއާގެ ޖަލެއްގައި ތިބި ގައިދީން ޖަލުގެ ސްޓާފުންނަށް ރިޝަވަތު ދީގެން ޖަލު ގޮޅި ލަގްޒަރީ ކޮޓަރިއަކަށް ބަދަލުކޮށްލައިފި އެވެ.
އިންޑޮނީޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ) ގެ އޮފިޝަލުން ބުނީ ރިޝްވަތު ނެގި ޖަލުގެ ސްޓާފުން ވަނީ ފައިސާ ދިން ގައިދީންގެ ގޮޅީގައި އޭސީ ހަރުކޮށް، ފްލެޓް ސްކްރީން ޓީވީ ބަހައްޓައިދީފައި ކަމަށެވެ. އަދި ގޮޅީގެ ފާޚާނާ ވެސް ވަނީ މުޅިން ބަދަލުކޮށް ހޫނު ފެން ލިބޭ ގޮތަށް ހަދައިދީފައި ކަމަށް ބުންޏެވެ. މީގެ އިތުރުން ގޮޅީގައި ފްރިޖް ބަހައްޓައިދީ، ކޮފީ މޭކަރާއި މައިކްރޯވޭވް އަވަން އަދި ސްޓީރިއޯ ސްޕީކަރު ވެސް ވަނީ ހަރުކޮށްދީފަ އެވެ.
ގޮޅި މަރާމާތުކޮށްދޭން ސްޓާފުން ވަނީ ގައިދީންގެ އަތުން 200-500 މިލިއަން އިންޑޮނީޝިއާ ރުޕިއާ (14،000-35،000 ޑޮލަރު) ނަގައިފަ އެވެ.
ކޭޕީކޭ އިން ބުނީ ގައިދީންނަށް ވަނީ އެންމެ ފަހުގެ މޯބައިލް ފޯނު ވެސް ދީފައި ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި ފައިސާ ޚަރަދުކުރި ގައިދީންނަށް ވަނީ ގޮޅިން ނުކުމެގެން އުޅުމުގެ ހުއްދަ ވެސް ދީފައި ކަމަށެވެ.
ވެސްޓް ޖާވާގެ ސުކަމިސްކިން ޖަލުގައި ހިންގި މި ކަންތައް ގަނޑާ ގުޅިގެން ވަނީ ޖަލުގެ ފަސް ސްޓާފަކު ހައްޔަރުކޮށްފަ އެވެ.
އިންޑޮނީޝީއާ ސަރުކާރުން މިދިޔަ އަހަރު ވަނީ ގައިދީން އަތުން ރިޝްވަތު ނަގާ ސްޓާފުންނަށް ބޮޑެތި އަދަބު ދޭނެ ކަމަށް ބުނެފަ އެވެ. ސަރުކާރުން މި އިންޒާރު ދިނީ ޖަލުގައި ބަންދުކުރި މުއްސަންޖެއްގެ އަތުން ފައިސާ ނަގާ އޭނާ ހުރި ގޮޅީގައި ޓީވީ އާއި ސްޕްރިން ގޮދަނޑި، އަދި އޭސީ ހަރުކޮށްދިންކަން ފަޅާ އެރުމުންނެވެ.