28 ޖުލައި 2018 - 13:15

އިސްލާމްއާބާދު (ޖުލައި 28) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ލިބިވަޑައިގަތް ނަމަވެސް ބޮޑު ވަޒީރަށް ޚާއްސަކޮށްފައިވާ ރަސްމީ ގޭގައި ދިރި ނޫޅުއްވާނެ ކަމަށާއި އުޅުއްވާނީ ކުޑަކުޑަ ގެއެއްގައި ކަމަށް އިންތިޚާބު ކާމިޔާބު ކުރި ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ލީޑަރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
"ބޮޑު ވަޒީރުގެ ގެ ޚާއްސަ ކުރާނީ ރައްޔިތުންނަށް. އެ ތަން ބަދަލު ކުރާނީ ތައުލީމީ މުއައްސަސާއަކަށް. ގަވަރުނަރުންގެ ރަސްމީ ގެތައް ވެސް ފައިދާއެއް ހޯދޭނެ ގޮތަށް، ހޮޓާފަދަ ތަންތަނަށް ބަދަލު ކުރާނަން،" އިންތިޚާބުގެ ނަތީޖާ މުޅިން އިއުލާންކޮށް ނުނިމި އުޅެނިކޮށް އިމްރާން ޚާން ދެއްވި ތަގްރީރުގައި ވިދާޅުވި އެވެ.
"ބޮޑު ވަޒީރުގެ ގޭގައި ދިރިއުޅެން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވެސް ލަދުވެތިވަން. އަޅުގަނޑު އުޅޭނީ އެއަށް ވުރެ ކުޑަ ގެއެއްގައި،" އިމްރާން ޚާން ވިދާޅުވި އެވެ. "އަޅުގަނޑުގެ ވައުދަކީ ޚަރަދުތައް ކުޑަކޮށް ޕާކިސްތާނުގެ އިގްތިސާދު މައްޗަށް ޖެއްސުން."
ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ ބޭފުޅުން 1970ގެ އަހަރުތަކުން ފެށިގެން ދިރިއުޅުއްވާފައި ވަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ.
ކާމިޔާބު އިއުލާން ކުރައްވަމުން ޓީވީ މެދުވެރިކުރައްވާ ދެއްވި ބަޔާނުގައި އިމްރާން ޚާން ވިދާޅުވީ ޒަމާންތަކެއް ވަންދެން އޭނާ ދެކެމުން އައި ހުވަފެން ފުރިހަމަ ކުރުމަށް ރައްޔިތުން ފުރުސަތު ދިނުމުން ދުވަހަކު ވެސް ޕާކިސްތާން ހިންގާފައި ނުވާ ފަދަ ގޮތަކަށް ހިންގާނެ ކަމަށެވެ.
"އަޅުގަނޑު މި މަސައްކަތް ފެށީ މީގެ 22 އަހަރު ކުރިން. މިއަދު އަޅުގަނޑަށް މި ވަނީ ގައުމަށްޓަކައި ދެކެމުން އައި ހުވަފެން ފުރިހަމަ ކުރަން ފުރުސަތު ލިބިފައި،" އިމްރާން، 65، ވިދާޅުވި އެވެ. " ގައުމު މި ދަނީ ކޮރަޕްޝަނުގައި ޖެހި ކައި ހުސްވަމުން. ކޮންމެ މީހެއްގެ މައްޗަށް ވެސް ގާނޫނު ހިނގާނެ ކަމުގެ ރީތި މިސާލެއް ދައްކުވައިދޭނަން."