އަބޫ ދާބީ އެއާޕޯޓަށް ޑްރޯނަކުން ހަމަލާ ދިން ކަމަށް ހޫތީން ބުނެފި
އަބޫ ދާބީ އެއާޕޯޓަށް ޑްރޯނަކުން ހަމަލާ ދިން ކަމަށް ހޫތީން ބުނެފި

އަބޫ ދާބީ (ޖުލައި 27) - ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އަބޫ ދާބީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯނަކުން ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.

ހޫތީން ހިންގާ މަސީރާ ޓީވީން ބުނީ ސަމަދު-3 ޑްރޯން އިން ވަނީ އަބޫ ދާބީ އެއާޕޯޓަށް އިއްޔެ ތިން ހަމަލާދީފައި ކަމަށެވެ. ހޫތީން ދިން ކަމަށް ބުނާ ހަމަލާގައި އަބޫ ދާބީ އެއާޕޯޓަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް ނޭނގެ އެވެ.

ހޫތީންގެ އަސްކަރީ ފަރާތްތަކުން ބުނީ އަބޫ ދާބީ އެއާޕޯޓަށް ހަމަލާ ދިނުމުގެ ކުރިން ޑްރޯން ވަނީ 1،500 ކިލޯ މީޓަރަށް ދަތުރުކޮށްފައި ކަމަށެވެ. ހޫތީންގެ އަސްކަރީ ތަރުޖަމާން ޖެނެރަލް އަބްދުﷲ އަލް ޖާފަރީ ބުނީ މި ހަމަލާ އިން ދޭހަކޮށްދެނީ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާ ސައުދީ-އެމިރޭޓްސް ކޯލިޝަނުގެ މަދަނީ އިންފްރާސްޓްރަކްޗާ އަށް ހަމަލާ ދިނުމުގެ ގާބިލްކަން ހޫތީންނަށް ލިބިގެންވާކަން ކަމަށެވެ.

"ދެން އޮތް އަމާޒަކީ ސައުދީ އާއި އެމިރޭޓްސްގައިވާ މަދަނީ އިންފްރާސްޓްރަކްޗާ އަށް އިތުރު ހަމަލާ ދިނުން،" އޭނާ ބުންޏެވެ.

ހޫތީން ހަމަލާ ދިން ކަމަށް ޔޫއޭއީ އިން އެއްބަސް ނުވި ނަމަވެސް އަބޫ ދާބީ އެއާޕޯޓުގެ ގިނަ ފްލައިޓްތަކެއް ޑިލޭކޮށްފައިވާ ކަމަށްވެ އެވެ.

ޔޫއޭއީ އެއާޕޯޓަށް ހަމަލާ ދިން ކަމަށް ހޫތީން ބުނިއިރު އެ ޖަމާއަތުން ވަނީ ރެޑް ސީގައި ސައުދީގެ ތެޔޮ ޓޭންކަރަކަށް ވެސް ހަމަލާދީފަ އެވެ.