އެމްއެންޔޫ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިނުވެވޭ މާއްދާ ބާތިލްކުރަން ކޯޓަށް ހުށަހަޅައިފި
އެމްއެންޔޫ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިނުވެވޭ މާއްދާ ބާތިލްކުރަން ކޯޓަށް ހުށަހަޅައިފި

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ފިކުރު ހާމަކުރުން މަނާކޮށް ޔުނިވާސިިޓީގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓްގައި އޮންނަ މާއްދާ ބާތިލްކުރަން އެމްއެންޔޫގެ މުވައްޒަފުންތަކެއް ހައި ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން އަމަލުކުރަމުން އަންނަ ކޯޑް އޮފް ކޮންޑަކްޓްގެ 11 ވަނަ މާއްދާ ބުނާ ގޮތުން އެމްއެންޔޫގެ އެއްވެސް މުވައްޒަފަކު ސިޔާސީ ޕާޓީއެއްގައި މަގާމެއް އަދައެއް ނުކުރެވޭނެ އެވެ. އަދި އެތަނުގެ ފުލްޓައިމް ވަޒީފާގައި ދެމި ތިބޭ މީހުން ވަކި ސިޔާސީ ފިކުރަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް މަސައްކަތްކޮށް ނުވަތަ އެއްވެސް ފޯރަމެއްގައި އެފަދަ ޝުއޫރެއް ވެސް ފާޅުކޮށްގެން ނުވާނެ އެވެ.

އެއީ ގާނޫނު އަސާސީއާ ޚިލާފް މާއްދާއެއް ކަމަށް ބުނެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެމްއެންޔޫގެ ތިން މުވައްޒަފެކެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށް ވާއިރު އަސާސީ ހައްގުތައް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށް އެ ދައުވާގައިވެ އެވެ. ނަމަވެސް އެމްއެންޔޫގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އުޅުން މަނާކުރީ މަޖިލީހުން ފާސްކުރި ގާނޫނެއް ނެތި، ހަމައެކަނި އުސޫލަކުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ.

ދުސްތޫރީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލޭނީ ހައި ކޯޓަށެވެ. ދުސްތޫރީ މައްސަލަތަކަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އުސޫލެއް ނުވަތަ އޭގެ ބައެއް ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެވެ.