ދިއްލީގައި ތިން ކުއްޖަކު ބަނޑަށް މަރުވުން އެތައް ބަޔަކަށް ޝޮކެއް
ދިއްލީގައި ތިން ކުއްޖަކު ބަނޑަށް މަރުވުން އެތައް ބަޔަކަށް ޝޮކެއް

ނިއު ދިއްލީ (ޖުލައި 27) - ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ގައުމު ކަމަށްވާ އިންޑިއާގެ ވެރިރަށުގައި ކުޑަ ތިން ކުއްޖަކު ބަނޑަށް މަރުވި ޚަބަރު ލިބުމާ އެކު އެތައް ބަޔަކަށް ޝޮކް ލިބިއްޖެ އެވެ.

އުމުރުން އެންމެ އަށް އަހަރުގެ މަންސީ އާއި ހަތަރުގެ ޝިކާ އަދި ދެ އަހަރުގެ ޕަރޫލް މަރުވެފައި ވަނީ ކާނެ އެއްޗެއް ނުލިބިގެން ބަނޑަށް ކަމަށް ދިއްލީގެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ތިން ކުދިންގެ ބައްޕަވީ ތަނެއް ނޭނގޭ ކަމަށާއި އެ ކުދިންގެ މަންމަ އަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށެވެ.

ދިއްލީގެ ލާލް ބަހާދުރު ޝާސްތުރީ ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. އަމީތާ ސަޒެނާ ވިދާޅުވީ އެ ކުދިން މަރުވެފައި ވަނީ ކާނެ އެއްޗެއް ނުލިބި ބަނޑަށް ކަމަށް ފޮރެންސިކް ޓެސްޓްތަކުން ދައްކާފައިވާ ކަމަށާއި އެއިން އެއްވެސް ކުއްޖެއްގެ ގައިގައި ފެޓުގެ އެއްވެސް މިންވަރެއް ނެތް ކަމަށެވެ.

"ވޭތުވެދިޔަ އަށެއް ނުވަތަ ނުވަ ދުވަހު ތެރޭ އެ ކުދިން ނެތް އެކައްޗެއް ވެސް ކައިފައި،" ޑރ. އަމީތާ ވިދާޅުވި އެވެ.