27 ޖުލައި 2018 - 18:29

ތެހެރާން (ޖުލައި 27) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކެރިވަޑައިގަންނަވަންޏާ ހަނގުރާމަ ފައްޓަވަންވީ ކަމަށާއި އީރާނުން އެ ހަނގުރާމަ ނިންމާނީ އެމެރިކާގެ ބާރުގައިވާ ހުރިހާ ތަނެއް ނެތިކޮށްލާފައި ކަމަށް އެ ގައުމުގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރު މޭޖާ ޖެނެރަލް ގައްސާމް ސުލައިމާނީ އިންޒާރު ދެއްވައިފި އެވެ.

"އީރާން އޮތީ ތައްޔާރަށް. ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ފައްޓަވާ. އެ ހަނގުރާމަ ނިންމާނީ އީރާނުން،" ޖެނެރަލް ސްލައިމާނީއާ ހަވާލާދީ އިރާނުގެ ތަސްނިމް ނޫސް އެޖެންސީން ބުންޏެވެ.
އީރާނުގެ ޖެނެރަލްގެ މި އިންޒާރު އައިސްފައި މިވަނީ އެމެރިކާ އަށް ބިރު ނުދެއްކުމަށް ރައީސް ހަސަން ރޫހާނީ އަށް ޓްރަމްޕް ކެޕިޓަލް އަކުރުން އިންޒާރުގެ ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ.
އީރާނުގެ އެލީޓް ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސްގެ ކޮމާންޑަރުކަން ކުރައްވާ ޖެނެރަލް ސުލައިމާނީ ވިދާޅުވީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ވެސް އެމެރިކާގެ ބިރުތަކަށް ރައްދު ދިނުމަކީ އޭނާގެ ވާޖިބެއް ކަމަށެވެ.
"އަޅުގަނޑާ ވާހަކަ ދައްކަވާ. ރައީސް ހަސަން ރޫހާނީއާ ވާހަކަ ދައްކަވަން ނޫޅުއްވާ. މަނިކުފާނަށް ޖަވާބުދާރީ ވުމަކީ އަޅުގަނޑުމެންގެ ރައީސް ކުރައްވަން ޖެހޭ ކަމެއް ނޫން،" ޓްރަމްޕަށް އިޝާރާތް ކުރައްވާ ޖެނެރަލް ވިދާޅުވި އެވެ. "އަހަރެމެން މިތިބީ އެމެރިކާއާ ވަރަށް ގާތުގައި. އަހަރެމެން ތިބި ހިސާބު އެމެރިކާ އަށް ޚިޔާލަށް ވެސް ނުގެނެވޭނެ. ވަޑައިގަންނަވާ. އަޅުގަނޑުމެން ތައްޔާރު!"
އީރާނުގެ ޖެނެރަލް ވިދާޅުވީ އެމެރިކާ ހަނގުރާމަ ފަށައިފި ނަމަ އީރާނުން އެ ހަނގުރާމަ ނިންމާނީ އެމެރިކާގެ ބާރުގެ ދަށުގައިވާ ހުރިހާ އެއްޗެއް ފަނާކޮށްލުމަށް ފަހު ކަމަށެވެ.
ޖެނެރަލް ސުލައިމާނީ ވިދާޅުވީ އެމެރިކާގެ ރައީސްގެ ބަސްމަގު ހުންނަނީ ނައިޓް ކްލަބްތަކާއި ޖުވާ ކުޅޭ ހޯލްތަކުގެ މީހުންގެ ބަސްމަގު ހުންނަ ގޮތަށް ކަމަށެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ވެސް ވަނީ އެމެރިކާ އިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ އެ ހަނގުރާމަ ވާނީ ހަނގުރާމަތަކުގެ މަންމަ ހަނގުރާމަ އަށް ކަމަށް ވިދާޅުވެފަ އެވެ.