ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި ދުވަސްކޮޅަކީ ފިލްމްތައް ރިލީޒް ކުރަން ނިންމާފައިވާ ބައެއް ތާރީހުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެކެވެ. ފާހަގަކޮށްލެވޭ ފިލްމްތަކެއް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ވަނީ ކުރިން ތާވަލު ކުރި ތާރީހުތަކުން އެހެން ތާރީހުތަކަކަށް ބަދަލުކޮށްފަ އެވެ. އެގޮތުން ބައެއް ފިލްމްތައް ރިލީޒް ކުރާ ތާރީހު ލަސްކޮށްލި އިރު، ބައެއް ފިލްމްތައް ވަނީ އަވަސްކޮށްފަ އެވެ.

ކުރިން ސެޕްޓެމްބަރު މަހުގެ 14 އަށް ތާވަލުކޮށްފައި އޮތް ކާޖޮލްގެ ފިލްމް "ހެލިކޮޕްޓާ އީލާ" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އެ މަހުގެ 7 އެވެ. ހަފުތާއެއްހާ ދުވަހަށް ފިލްމް އަވަސް ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ކާޖޮލް ވަނީ އިންސްޓަގްރާމާއި ޓްވިޓާގައި ފިލްމްގެ އާ ޕޯސްޓަރެއް ހިއްސާ ކުރަމުން، ފިލްމް ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 7 ގައި ކަމަށް ބުނެފަ އެވެ.

މި މަހުގެ 31 ގައި ރިލީޒް ކުރަން ކުރިން އޮތް ޝާހިދު ކަޕޫރްގެ "ބައްތީ ގުލް މީޓަރު ޗާލޫ" ސެޕްޓެމްބަރު 14 އަށް ލަސްކުރުމަށް ފަހު، މިހާރު ނިންމާފައި ވަނީ އެ މަހުގެ 21 ގައި ފިލްމް ރިލީޒް ކުރާށެވެ.

"ހެލިކޮޕްޓާ އީލާ" އަކީ އެކަނިވެރި މަޔަކާއި އޭނާގެ ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޕްރަދީޕް ސަރްކާރް އެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ރާޖްކުމާރް ރާއޯ އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅެފައިވާ ހޮރޯ ކޮމެޑީ "ސްޓްރީ" ގެ ޓްރެއިލާ މިހާރު ވަނީ ދައްކާލައިފަ އެވެ. މިއީ ހުނަރުވެރި މި ދެ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް ވެސް މެ އެވެ.

"ސްޓްރީ" އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 31 ގަ އެވެ. މި ފިލްމް އެ ތާރީހުގައި ރިލީޒް ކުރަން ނިންމުމުން ޝްރަދާ ބަތަލާގެ ރޯލުން ފެނިގެންދާ "ބައްތީ ގުލް މީޓަރު ޗާލޫ" މިހާރު ވަނީ ސެޕްޓެމްބަރު 21 އަށް ފަސްކޮށްފަ އެވެ.

ސެޕްޓެމްބަރު މަހުގެ 21 ގައި ރިލީޒް ކުރަން އޮތް އަނޫރާގް ކެޝަޕްގެ ފިލްމް "މަންމަރްޒިޔާން" ރިލީޒް ކުރާ ތާރީހު އަވަސްކޮށްފި އެވެ. ކުރިން އޮތް ގޮތުން ނަމަ އެ ފިލްމް ބޮކްސް އޮފީހުގައި ވާދަ ކުރަން ޖެހޭނީ ޝާހިދު ކަޕޫރްގެ "ބައްތީ ގުލް މީޓަރު ޗާލޫ" އާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމް ހަފުތާއެއްހާ ދުވަހަށް އަވަސްކޮށްލި ސަބަބަކީ ސެޕްޓެމްބަރު 14 ގައި ރިލީޒް ކުރަން އޮތް، ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" މިހާރު އެ މަހުގެ 7 އަށް އަވަސް ކުރުމާ ގުޅިގެންނެވެ.

"މަންމަރްޒިޔާން" ގެ ތަރިންނަކީ އަބީޝެކް ބައްޗަން، ތާޕްސީ ޕައްނޫ އަދި ވިކީ ކޯޝަލް އެވެ.

އަނިލް ކަޕޫރާއި އޭނާގެ އަންހެން ދަރިފުޅު އަދި މަޝްހޫރި ބަތަލާ ސޯނަމް ކަޕޫރް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ. ކުރިން އަންނަ އޮކްޓޯބަރު މަހުގެ 12 ގައި ރިލީޒް ކުރަން އޮތް ފިލްމް މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ފެބްރުއަރީ، 1، 2019 ގަ އެވެ.

ޝެލީ ޗޯޕްޅާ ޑައިރެކްޓްކޮށްފައިވާ މި ފެމިލީ ޑްރާމާގެ ކާސްޓުންގެ ތެރޭގައި ރާޖްކުމާރް ރާއޯ އާއި ޖޫހީ ޗާވްލާ ވެސް ހިމެނެ އެވެ.

"އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެންމެ ފުރަތަމަ ރިލީޒް ކުރާ ގޮތަށް އޮތީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ގަ އެވެ. އެކަމަކު އަނިލް އަށް ބޮޑުބޭބެ ކިޔާ އަރްޖުން ކަޕޫރްގެ "ނަމަސްތޭ އިންގްލެންޑް" އޮކްޓޯބަރު 19 އަށް ތާވަލު ކުރުމުން އަނިލް އާއި ސޯނަމްގެ ފިލްމް އޮކްޓޯބަރު 12 އަށް އަވަސް ކުރީ އެވެ.

ނަމަވެސް ތާރީހަށް މިހާރު ގެނައި ބޮޑު ބަދަލާ އެކު ފިލްމް އަންނަ އަހަރަށް ފަސްވުމަކީ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އަށް އިންތިޒާރު ކުރަމުން ދިޔަ މީހުންނަށް ލިބޭނެ މާޔޫސްކަމެކެވެ.