އިޓާލިއަން ލީގުގައި ރޮނާލްޑޯގެ ފުރަތަމަ މެޗު ކިއޭވޯއާ ދެކޮޅަށް
އިޓާލިއަން ލީގުގައި ރޮނާލްޑޯގެ ފުރަތަމަ މެޗު ކިއޭވޯއާ ދެކޮޅަށް

ރޯމް (ޖުލައި 27) – ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީގައި އިޓާލިއަން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ކިއޭވޯ ވެރޯނާއާ ދެކޮޅަށެވެ.

އިއްޔެ ބޭއްވި އިޓާލިއަން ލީގުގެ އާ ސީޒަނުގައި ގުރުނެގުމުގައި މިގޮތަށް ހަމަޖެހިގެން ގޮސްފައިވާއިރު މި މެޗު ކުޅޭނީ ވެރޯނާގައި ހުންނަ ސާޅީހަކަށް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއޯ މާކްއެންޓޯނިއޯ ބެންޓެގޮޑީގަ އެވެ. ޔުވެންޓަސްގެ ދަނޑުގައި ރޮނާލްޑޯ އެ ޓީމުގެ ސަޕޯޓަރުން ބައްދަލުކުރާނީ އޮގަސްޓް 26 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ލާޒިއޯއާ އެވެ. ތިން ވަނަ އަށް އޮންނާނީ އަނެއްކާ ވެސް ރަށުން ބޭރުގެ މެޗެވެ. ސެޕްޓެމްބަރު 2 ވަނަ ދުވަހު މި މެޗުގައި ޔުވެންޓަސް ބައްދަލުކުރާނީ ގިނަ ދުވަސްތަކަށް ފަހު އިޓާލިއަން ލީގަށް ޕްރޮމޯޓްވި ކުރީގެ ގަދަބާރު ޕާމާއާ އެވެ.

ޔުވެންޓަސްއާ ތަށްޓަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ނަޕޯލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނާނީ ސެޕްޓެމްބަރު 30 ގަ އެވެ. ރަށުން ބޭރުގައި އޭސީ މިލާނާ ވާދަކުރަނީ ނޮވެމްބަރު 11 ގަ އެވެ. އަދި ޑާބީ ޑި އިޓާލިއާ މެޗުގައި އިންޓަ މިލާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޑިސެމްބަރު 9 ގައި ނުކުންނާނެ އެވެ.

ރެއާލް މެޑްރިޑް ދޫކޮށް 100 މިލިއަން ޔޫރޯގެ އަގަކަށް ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯ އަދި ހުރީ އޮފް ސީޒަން ޗުއްޓީގަ އެވެ. އެހެންވެ އޭނާ އަށް ޔުވެންޓަސްގެ އެމެރިކާ ޓުއާގައި ބައިވެރިނުވެ އެވެ. މާނައަކީ އޮގަސްޓް 4 ގައި މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ކުޅުމުގެ ފުރުސަތު ނެތުމެވެ. އޭނާ ކްލަބުގެ ޖާޒީގައި ކުޅޭނެ ނުރަސްމީ ފުރަތަމަ މެޗަކަށް ވާނެ ކަމަށް ބެލެވެނީ އޮގަސްޓް 12 ގައި ޔޫތު ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ އޭނާގެ ލަނޑު ޖެހުމުގެ އާދަޔާހިލާފު ފޯމް އިޓާލިއަން ލީގުގައި ވެސް ކުރިއަށްދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިދިޔަ ހަތަރު ޗެމްޕިއަންސް ލީގުގެ ތެރެއިން ތިން މުބާރާތް އަދި އެ މުބާރާތް ޖުމްލަ ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ޔުވެންޓަސް އަށް ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫރަޕުގެ ތަށި ހޯދުމެވެ. އެ ޓީމު މިހާރު ވެސް އަންނަނީ އިޓާލިއަން ލީގުގައި ރަސްކަންކުރަމުންނެވެ.