ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭގޮތް އައިޖީއެމްއެޗުން ހަދައިފި
ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭގޮތް އައިޖީއެމްއެޗުން ހަދައިފި

ޑޮކްޓަރަށް ދައްކާ އެޕޮއިންޓްމެންޓްގެ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭގޮތަށް، އައިޖީއެމްއެޗުގެ އާ ވެބްސައިޓު މިއަދު ލޯންޗުކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި އާ ވެބްސައިޓު ތައްޔާރުކޮށްފައިވަނީ އާއްމުންނަށް ވީހާ ވެސް ފަސޭހައިން ހިދުމަތް ދެވޭ ފަދަ ގޮތަކަށެވެ. އެގޮތުން ޑޮކްޓަރު އެޕޮއިންޓްމެންޓުގެ ޓޯކަން ނަމްބަރު އޮންލައިންކޮށް ބަލާލުމުގެ އިތުރުން، ހިދުމަތް ހޯދާ ކިޔޫގެ ނަމްބަރު ވެސް ޗެކްކޮށްލެވޭނެ އެވެ.

އެގޮތުން ކިއު ސްޓޭޓަސް ބައިގައި މެމޯކޮޅުގެ ނަމްބަރު ޖެހުމުން، ކިޔޫގައި އެ މީހެއްގެ ތަރުތީބު ނަމްބަރު އެނގެން ހުރެ އެވެ.

މީގެ އިތުރުން އޮންލައިންކޮށް ދޭ ގިނަ ހިދުމަތްތަކެއް އާ ވެބްސައިޓުގައި ވަނީ ތައާރަފްކޮށްފަ އެވެ. އައިޑީ ކާޑު ނަމްބަރު ޖަހައިގެން ކޮންމެ މީހަކު ވެސް މިހާރު އެ ވެބްސައިޓަށް ލޮގިން ވުމުން، އޯޕީޑީ ކައުންޓަރާއި ގްރީން ޒޯނާއި ލެބޯޓަރީ ކިއުގެ އިތުރުން އެހެން ހިދުމަތްތައް ހޯދަން ތިބި މީހުންގެ އަދަދު އެނގެ އެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ލިބެން ހުރި ހިދުމަތްތަކާއި ހިދުމަތް ދޭ ޑޮކްޓަރުންގެ މައުލޫމާތު ވެސް ހިމަނާފައި ވެ އެވެ. މި މައުލޫމާތުތައް ވެބްސައިޓުގައި ހުރީ ކޮންމެ ޑިޕާޓްމެންޓެއް ވެސް ވަކި ވަކިން ބެލޭ ގޮތަށެވެ.

ފަހަކަށް އައިސް އައިޖީއެމްއެޗަށް އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން އާ ގިނަ ހިދުމަތްތަކެއް ތައާރަފްކުރުމުގެ އިތުރުން، ނަރުހުންގެ ޔުނީފޯމު ވެސް ވަރަށް ފަހުން ވަނީ ބަދަލުކޮށްފަ އެވެ.