ޕާކިސްތާނުގެ އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި
ޕާކިސްތާނުގެ އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

އިސްލާމްއާބާދު (ޖުލައި 26) - ޕާކިސްތާނުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބު ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ކާމިޔާބުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕާކިސްތާނުގެ އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި
ޕާކިސްތާނުގެ އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

އިންތިޚާބުގެ ނަތީޖާ ގުނައި ނުނިމުނު ނަމަވެސް ޕީޓީއައި އަށް ކޯލީޝަން ސަރުކާރެއް އުފެއްދޭނެކަން ވަނީ ޔަގީންވެފަ އެވެ.

ޕާކިސްތާނުގެ އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި
ޕާކިސްތާނުގެ އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

ކާމިޔާބު އިއުލާން ކުރައްވަމުން ޓީވީ މެދުވެރިކުރައްވާ އިމްރާން ޚާން ދެއްވި ބަޔާނެއްގައި ވިދާޅުވީ ކާމިޔާބު ލިބިއްޖެ ކަމަށާއި ރައްޔިތުން އެ ޕާޓީ އަށް އާ މޭންޑޭޓެއް ދީފި ކަމަށެވެ. އަދި އޭނާ ޒަމާންތަކެއް ވަންދެން ދެކެމުން އައި ހުވަފެން ފުރިހަމަ ކުރުމަށް ރައްޔިތުން ފުރުސަތު ދިނުމުން ދުވަހަކު ވެސް ޕާކިސްތާން ހިންގާފައި ނުވާ ފަދަ ގޮތަކަށް ހިންގާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި މަސައްކަތް ފެށީ މީގެ 22 އަހަރު ކުރިން. މިއަދު އަޅުގަނޑަށް މި ވަނީ ގައުމަށްޓަކައި ދެކެމުން އައި ހުވަފެން ފުރިހަމަ ކުރަން ފުރުސަތު ލިބިފައި،" އިމްރާން، 65، ވިދާޅުވި އެވެ.

އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނުގެ ފަގީރުންނަށް އެހީވެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށެވެ.

"ކެންސަރެއް ގޮތަށް ކޮރަޕްޝަނުގައި މި ގައުމު މި ދަނީ ކަމުން. ކޮންމެ މީހެއްގެ މައްޗަށް ވެސް ގާނޫނު ހިނގާނެ ކަމުގެ ރީތި މިސާލެއް ދައްކުވައިދޭނަން،" އިމްރާން ވިދާޅުވި އެވެ.

އިންޑިއާ އަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ އެއް ފިޔަވަޅު ކުރިއަށް ޖެހިލައިފި ނަމަ "އަޅުގަނޑުމެން ދެ ފިޔަވަޅު ކުރިއަށް ޖެހިލާނެ" ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ހުރި މައްސަލަތައް ހައްލު ކުރަން މަޝްރާކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުން ލަސްވަމުން ދަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި ވޯޓު އޮޅުވާލާފައިވާ ކަމަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން އިން ކުރި ތުހުމަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގު ކޮށްފަ އެވެ. އިމްރާން ވެސް ވިދާޅުވީ މިއީ ޕާކިސްތާނުގެ ތާރީޚުގައި ވެސް ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބު ކަމަށެވެ.

ޕާކިސްތާނުގައި ސަރުކާރެއް އުފައްދަން 137 ގޮނޑީގެ އަޣުލަބިއްޔެއް ބޭނުންވާނެ އެވެ.

އިމްރާންގެ ކުރީގެ އަންހެނުން އިނގިރޭސި ވިލާތުގެ ފިލްމް ޕްރޮޑިއުސަރު ޖެމީމާ ގޯލްޑްސްމިތް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ 22 އަހަރުގެ ދިގު މަސައްކަތަށް ފަހު "ޕާކިސްތާނުގެ ބޮޑު ވަޒީރަކަށް ދެން ވާނީ އަހަރެންގެ ފިރިހެން ދަރިފުޅުގެ ބައްޕަ" ކަމަށެވެ.

* ކުރިން ބައިނަލްއަގުވާމީ ކްރިކެޓް ކުޅުންތެރިން. ޕާކިސްތާނަށް 1992 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން

* ތައުލީމް ހާސިލް ކުރައްވާފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީން

* ޕްލޭބޯއީ ލައިފްސްޓައިލްގެ ސަބަބުން މީޑިއާގެ ސަމާލުކަން ލިބުނު

* ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) 1996 ވަނަ އަހަރު އުފެއްދި

* ކެމްޕޭން އަމާޒުކޮށްފައި ވަނީ ޕާކިސްތާނުގައި ހިންގާ ކޮރަޕްޝަނާ ދެކޮޅަށް

* ސިފައިން އެހީވާ ކަމަށް އިމްރާން ޚާންގެ މައްޗަށް ތުހުމަތު ކުރޭ. އެކަމަކު އޭނާ އެކަން ދޮގު ކުރޭ