27 ޖުލައި 2018 - 12:29

ވޮޝިންޓަން (ޖުލައި 27) - ގާނޫނީ އަސާސީގައި ބުނެފައިވާ ގޮތާ ޚިލާފަށް ވިޔަފާރީގައި އަމިއްލަ މަސްލަހަތު ހިމަނައި ބޭރުގެ ސަރުކާރަކުން މާލީ މަންފާއެއް ހޯދާފައިވާތީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަނުގެ މައްސަލަ ކޯޓުން ބެލޭނެ ކަމަށް ފަނޑިޔާރަކު ނިންމައިފި އެވެ.
ޓްރަމްޕުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ވޮޝިންޓަންގެ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓަލް އިން ޓްރަމްޕަށް ލިބޭ ފައިސާ އަކީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ހޯދާ އެއްޗެއް ކަމަށެވެ. އެއީ ބޭރުގެ ސަރުކާރުތަކުގެ އޮފިޝަލުންގެ ފަރާތުން ޓްރަމްޕަށް ލިބޭ މާލީ މަންފާއެއްގެ ގޮތުގައި ބަލައިފަ އެވެ. ޓްރަމްޕުގެ މައްޗަށް ކުރާ މި ތުހުމަތުގައި މެރީލޭންޑުގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ނިންމާފައި ވަނީ އެއީ ކޯޓުން ބެލޭނެ މައްސަލައެއް ކަމަށެވެ. ފަނޑިޔާރުގެ ނިންމުމާ ގުޅިގެން އެ މައްސަލަ ދެން ދާނީ ހެކި ހޯދުމުގެ މަރުހަލާއަށެވެ. އެހެންވެ ޓްރަމްޕުގެ ވިޔަފާރީގެ ރެކޯޑްތައް މިހާރު ހޯދޭނެ އެވެ.
ޓްރަމްޕް މީގެ ކުރިން ވަނީ އެ ބާވަތުގެ މައުލޫމާތު އާއްމު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.
ވައިޓްހައުސްއާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓަލްގައި ބޭރު ގައުމުތަކުގެ ސަރުކާރުގެ އޮފިޝަލުން ތިބޭ އިރު ދައްކާ ފައިސާ އަކީ ބޭރު ގައުމުތަކުން ޓްރަމްޕަށް ލިބޭ މާލީ މަންފާއެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ ގާނޫނު އަސަސީގެ މާއްދާ މާނަ ކުރަނީ ރިޝްވަތުގެ ގޮތުގައި ބޭރުގެ ގައުމުތަކުން މާލީ މަންފާ ހޯދުމަށް ކަމަށެވެ. އެހެންވެ އެ މައްސަލަ ކޯޓުން ބޭރުކޮށްލަން ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ މަސައްކަތް ކޮށްފަ އެވެ.