02 އޯގަސްޓް 2016 - 10:17

ވޮޝިންޓަން (އޮގަސްޓް 1) - އިރާގު ހަނގުރާމައިގައި މަރުވި އެމެރިކާގެ މުސްލިމް ސިފައިންގެ މީހާގެ އާއިލާއާ ޑޮނަލްޑް ޓްރަމްޕް ދިމާކޮށްލައިގެން އުޅޭ މައްސަލަ ސެނޭޓާ ޖޯން މެކޭން އާއި ރިޕަބްލިކަން ޕާޓީގެ ބައެއް އެހެން ލީޑަރުން ކުށްވެރި ކުރައްވައިފި އެވެ.

މެކްކޭން ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ތެރޭން އެންމެ އަބުރުވެރި އާއިލާތަކުގެ އަބުރަށް އަރައިގަތުމުގެ ހައްގު ޓްރަމްޕަށް ލިބިގެން ނުވާ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި މަރުވި ސިފައިންގެ މީހާގެ ބައްޕަ ޚިޒްރު ޚާން ވަނީ ރިޕަބްލިކަން ޕާޓީން ޓްރަމްޕަށް ދެކޮޅު ހެދުމަށް ގޮވާލައިފަ އެވެ. އެމެރިކާ ސިފައިންގެ ކެޕްޓަނެއް ކަމަށްވާ ހުމައިޔުން ޚާން މަރުވީ 2004 ވަނަ އަހަރު އިރާގުގައި އުޅެނިކޮށް ކާރު ބޮމުގެ ހަމަލާއެއްގަ އެވެ. އޭރު އޭނާގެ އުމުރަކީ 27 އަހަރެވެ.

ސިފައިންގެ މީހާގެ ބައްޕަ ޕާކިސްތާނަށް އުފަން ޚާން ވަނީ އަންހެނުންނާއި ފަނޑިޔާރުންނާއި އޭނާގެ ޕާޓީގެ މެންބަރުންނަށް ދިމާކޮށްލައިގެން ޓްރަމްޕަށް ނޫޅެވޭނެ ކަމަށް ބުނެފަ އެވެ. އަދި ޓްރަމްޕަށް ލިބިފައިވާ ހައްގެއް ވިއްޔާ އޭނާ އަށް ވެސް ލިބިފައިވާ ކަމަށާއި ފާޑު ކިޔަންޏާ ފާޑު ކިޔާނެ ކަމަށް ޚާން ބުންޏެވެ.
ރިޔާސީ އިންތިޚާބުގައި 2008 ވަނަ އަހަރު ރައީސް ބަރަކް އޮބާމާއާ ވާދަކުރެއްވި މެކްކޭން ވަނީ ޚާންގެ އާއިލާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޓްރަމްޕް ދައްކާ ވާހަކަތަކަކީ މުޅި ޕާޓީގެ ޚިޔާލު ނޫން ކަމަށް ވެސް މެކްކޭން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޓްރަމްޕް މިދިޔަ އަހަރު ވަނީ މެކްކޭނަށް ވެސް ބަހުގެ ހަމަލާއެއް ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ މެކްކޭން އަކީ ހަނގުރާމައިގެ ބަތަލެއް ނޫން ކަމަށާއި އޭނާ އަކީ ވިއެޓްނާމް ހަނގުރާމައިގެ ތެރޭގައި ހައްޔަރުކުރި އަސީރެއް ކަމަށެވެ.
ޓްރަމްޕާ ދެކޮޅަށް ޕާޓީގެ ތެރޭން އެންމެ ފަހުން ޚިޔާލު ތަފާތުވެފައި މި ވަނީ "ގޯލްޑް ސްޓާ" އާއިލާއަކާ ދިމާކޮށްލުމުންނެވެ. އެމެރިކާގައި ގޯލްޑް ސްޓާ މުޚާތަބު ކުރަނީ ހަނގުރާމައިގައި ދަރިއަކު މަރުވެފައިވާ މަންމަ އާއި ބައްޕަ ނިސްބަތްވާ އާއިލާ އަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުގައި ޚާން ވަނީ ގައުމަށް ޓަކައި އޭނާގެ ދަރިފުޅުވީ ގުރުބާނީއާ ބެހޭ ގޮތުން ވަރަށް އަސަރު ގަދަ ތަގްރީރެއް ދީފަ އެވެ. ޚާން ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ ކައިރީގައި އަންހެނުން ގަޒާލާ ޚާން ވެސް ހުއްޓެވެ. ގަޒާލާ އަށް ފާޑު ކިޔަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ އެގޮތަށް ސްޓޭޖުގައި ހުރީ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުދިނުމުން ކަމަށެވެ. ގާޒާލާ ވެސް ވަނީ ޓްރަމްޕަށް ވަރުގަދަ ބަހުގެ ހަމަލާއެއް ވޮޝިންޓަން ޕޯސްޓް މެދުވެރިކޮށް ދީފަ އެވެ. ގަޒާލާ ބުނީ ޓްރަމްޕަށް އިސްލާމް ދީނުގެ އެކައްޗެއް ވެސް ނޭނގޭ ކަމަށާއި އަދި ގުރުބާނީގެ މާނައަކީ ކޮބައިކަން ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ.
ޓްރަމްޕުގެ ރަނިން މޭޓް މައިކް ޕެންސް ވަނީ ދެފަރާތުގެ ބަހުގެ ހަމަލާތަކުން ދުރުވެ އޭނާ އާއި ޓްރަމްޕް ވެސް ގަބޫލް ކުރަނީ ކެޕްޓަން ޚާން އަކީ އެމެރިކާގެ ބަތަލެއް ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.
އެމެރިކާގައި 2.75 މިލިއަން މުސްލިމުން އުޅޭ ކަމަށް 2011 ވަނަ އަހަރުގެ ސާވޭއަކުން ދައްކާފައިވެ އެވެ. އަދި 2050 ވަނަ އަހަރު އަންނަ އިރު އެމެރިކާގެ އާބާދީގެ 2.1 ޕަސެންޓަކީ މުސްލިމުންނަށް ވާނެ ކަމަށް ލަފާކުރުންތަކުން ވަނީ ދައްކައިފަ އެވެ.