އިރާގުގެ ފަލުއްޖާގައި އާއްމުންގެ 50،000 މީހުން ތާށިވެފައި
އިރާގުގެ ފަލުއްޖާގައި އާއްމުންގެ 50،000 މީހުން ތާށިވެފައި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް އިރާގުގެ ފަލުއްޖާގައި އާއްމުންގެ 50،000 މީހުން ތާށިވެފައި އެބަތިބި ކަމަށާއި އެ މީހުންނާ މެދު ވަރަށް ކަންބޮޑުވާ ކަމަށް އދ. އިން ބުނެފި އެވެ.

އިރާގުގެ ފަލުއްޖާގައި އާއްމުންގެ 50،000 މީހުން ތާށިވެފައި
އިރާގުގެ ފަލުއްޖާގައި އާއްމުންގެ 50،000 މީހުން ތާށިވެފައި

އދ. ގެ ތަރުޖަމާން ސްޓެފާނީ ޑުޖަރިކް ވިދާޅުވީ ނުރައްކަލުގައިވާ ފަލުއްޖާގެ އާއްމުންނަށް އެ ސިޓީން ނުކުމެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

ބަޣުދާދުގެ ހުޅަނގުން 30 މޭލު ދުރުގައި އޮންނަ ފަލުއްޖާ ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށީ ހޯމަ ދުވަހު އެވެ. އައިއެސްގެ ބާރުގެ ދަށަށް ފަލުއްޖާ ގެންދިޔައީ ޖެނުއަރީ 2014 ގަ އެވެ.

ފަލުއްޖާ ހިފުމުގެ އޮޕަރޭޝަން ހޯމަ ދުވަހު ފެށި ނަމަވެސް އެ ސިޓީ ވަށާލައިގެން އިރާގު ސިފައިން ތިބޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ފަލުއްޖާގެ އާއްމުން ބުނީ އެ ސިޓީން ނުކުތުމަކީ މިހާރު ބިރުވެރި ކަމެއް ކަމަށާއި އެކި ދިމަދިމާލުގައި އައިއެސްގެ ސްނައިޕަރުން ހަރަކާތްތެރިވާ ކަމަށެވެ. ފަލުއްޖާ އިން ނުކުންނަ އާއްމުންނަށް އެހީތެރިވުމަށް އދ. އިން ވަނީ އެ ސިޓީއާ ކައިރި ޓައުންތަކުގައި ފޭލިގެތައް ޖަހައިދީފަ އެވެ.

ފަލުއްޖާ ހިފުމުގެ އޮޕަރޭޝަނުގެ ކުރިން އިރާގު ސިފައިން ވަނީ އެ ސިޓީން އާއްމުން ނުކުތުމަށް އަންގައިފަ އެވެ. އަދި ސިޓީން ނުނިކުމެވޭ މީހުން ވެސް އެ މީހުން ތިބި ތަނެއްގައި ހުދު ދިދަ ނަގައިގެން ތިބުމަށާއި އައިއެސްގެ މަރުކަޒުތަކާ އާއްމުން ކައިރި ނުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ފަލުއްޖާ ހިފުމުގެ އޮޕަރޭޝަނުގެ ކުރިން އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ އާއްމުންނަށް ބަލައިގެން އުޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ފަލުއްޖާ ހިފުމުގެ އޮޕަރޭޝަން ކުރިއަށް ދަނީ ހީކުރި ވަރަށް ވުރެ ހަލުވި މިނުގައި ކަމަށް ވިދާޅުވި އެވެ.