27 ޖުލައި 2018 - 12:20

ޓޯކިޔޯ (ޖުލައި 27) - ޖަޕާނުން 2020 ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސް އަށް ތައްޔާރުވަމުންދާ އިރު ޓޯކިޔޯ ސްޕޯޓްސް އެންޑް ކަލްޗަރަލް އިވެންޓްސް ކޮމްޕެނީން ދަނީ މުސްލިމް މެހްމާނުންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުންނެވެ. އެ ކުންފުނިން ތައްޔާރުކޮށްފައި ވަނީ ވެހިކަލްގައި މިސްކިތެކެވެ.

ޔަސޫ ޕްރޮޖެކްޓްގެ ސީއީއޯ ޔަސުހަރު އިނޯ ވިދާޅުވީ 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް އެ ގައުމަށް ޒިޔާރަތް ކުރާ މުސްލިމް މެހްމާނުންނަށް އެކަށީގެންވާ އަދަދަށް ޖަޕާނުގައި މިސްކިތް ނެތުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންވެ އޭނާގެ ކުންފުނިން ވަނީ މޯބައިލް މިސްކިތެއް ތައްޔާރުކޮށްފަ އެވެ. އޭނާ އުއްމީދު ކުރަނީ އޮލިމްޕިކްސްގެ އެކި ވެނިއުސްތަކަށް އެ މޯބައިލް މިސްކިތް ގެންދެވޭނެ ކަމަށެވެ.

"ޖަޕާނަކީ މެހްމާންދާރީ އަދާކުރުމުގައި ކުރީގައި އުޅޭ ގައުމަކަށްވާތީ ޖަޕާނަށް އަންނަ މުސްލިމް މެހްމާނުންނަށް މި ޚިޔާލު ހިއްސާ ކުރަން ބޭނުންވީ،" އޭނާ ވިދާޅުވި އެވެ.

މި ގޮތުން ތައްޔާރު ކުރާ ފުރަތަމަ މޯބައިލް މިސްކިތް ވަނީ ޓޮޔޯޓާ ސްޓޭޑިއަމްގެ ބޭރުގައި މި ހަފުތާގައި ދައްކާލައިފަ އެވެ. ފަންސަވީސް ޓަނުގެ ޓްރަކުގެ ދެ އަރިމަތި ބޭރަށް ނެރެފައިވާ އިރު 48 އަކަ މީޓަރުގެ ޖާގަ ލިބެ އެވެ. އެ ވެހިކަލްގައި ގާއިމްކޮށްފައިވާ މިސްކިތުގައި ގާތްގަނޑަކަށް 50 މީހުންނަށް ނަމާދު ކުރެވެ އެވެ.

މޯބައިލް މިސްކިތުގެ ބޭރުގައި ވަނީ ވުޟޫކުރަން އިސްކުރު ވެސް ހަރުކޮށްފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު އެރި ސުނާމީގައި ގެއްލުން ލިބުނު އިންޑޮނީޝިއާގެ ދަރިވަރުންތަކަށް ވަނީ މޯބައިލް މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު ދީފަ އެވެ.
"މޯބައިލް މިސްކިތަކީ ޖަޕާން މީހުންނާއި ޖަޕާނަށް ޒިޔާރަތް ކުރާ މުސްލިމް ޓޫރިސްޓުންނަށް ވަރަށް ބޭނުންކުރި އެއްޗެއް،" އުމުރުން 14 އަހަރުގެ ނޫރް އަޒީޒާ ބުންޏެވެ.
ޖަޕާނުގައި ގާތްގަނޑަކަށް 100،000 އާއި 200،000 އާ ދެމެދުގެ އަދަދަކަށް މުސްލިމުން ދިރިއުޅެ އެވެ.