26 ޖުލައި 2018 - 16:10

ވޮޝިންޓަން (ޖުލައި 26) - ވައިޓް ހައުސްގައި ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ބޭއްވި އިވެންޓަކުން ސީއެންއެންގެ ރިޕޯޓަރަކު ބޭރުކޮށްލުމުން ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
ރިޕޯޓަރު ކައިޓްލަން ކޮލިންސްއާ ހަވާލާދީ ސީއެންއެން އިން ބުނީ ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް އޮފިސަރުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖީން-ކްލައުޑް ޖަންކާ ބާއްވާ އިވެންޓަށް އޭނާ އަށް ނުވަދެވޭނެ ކަމަށް އަންގާފައި ކަމަށެވެ. ސަބަބަކީ އެކަށީގެން ނުވާ ސުވާލުތަކެއް އޭނާ ކުރިން ކޮށްފައިވާތީ ކަމަށް ވެސް ސީއެންއެން އިން ބުނެފައިވެ އެވެ.
"ރައީސް ޓްރަމްޕް ހިތްޕުޅާ ނުވާ ސުވާލުތަކެއް ކުރުމުން ވައިޓް ހައުސްގެ ޕްރެސް އިވެންޓަކުން ސީއެންއެންގެ ރިޕޯޓަރަކު ބޭރުކޮށްލި މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކުރަން،" ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "މި ބާވަތުގެ ބަދަލު ހިފުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން."
ސީއެންއެން އިން ވެސް ބުނީ ވައިޓް ހައުސް އިން ބޭނުންނުވާ ސުވާލުތަކެއް ކޮށްގެން ރިޕޯޓަރު ބޭރުކޮށްލުން ކުށްވެރި ކުރާ ކަމަށެވެ. ބައެއް ނިއުސް އެޖެންސީތަކުން ވެސް ވަނީ ކޮލިންސްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސެންޑާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޯވަލް އޮފީހުގެ ނިއުސް އިވެންޓެއް ނިމުނީމާ ވެސް ސީއެންއެންގެ ރިޕޯޓަރު އަޑުގަދަކޮށް ސުވާލު ކުރަމުން ދިޔަ ކަމަށާއި އަދި އިވެންޓް ނިމުމުން ވެސް ބޭރަށް ދިއުމަށް އޭނާ ދެކޮޅު ހެދި ކަމަށެވެ. އެހެންވެ ވައިޓްހައުސްގައި ދެން އޮންނަ އިވެންޓަކަށް އޭނާ އަށް މަރުހަބާ ނުކިޔާނެ ކަމަށް ސްޓާފުން އަންގާފައިވާ ކަމަށް ސެންޑާސް ވިދާޅުވި އެވެ.