26 ޖުލައި 2018 - 16:22

މާލޭގެ ފަޅުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ ހެނދުނު ބާއްވަން ޒުވާނުންތަކެއް ނިންމައިފި އެވެ.
"މޫދުގެ ދަރިން މޫދަށްޓަކައި" ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގައި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ފެށިގެން ވެސްޓް ޕާކް ފަޅުތެރެއާ ހަމައަށް ސާފުކުރާނެ އެވެ. އަދި ރަސްފަންނު ބީޗް ސަރަހަައްދު ވެސް ހިމެނެ އެވެ.
އެކަމުގައި، އިސްކޮށް ހަރަކާތްތެރިވާ އަހުމަދު އައިހަމް ނިޔާޒް މިއަދު ބުނީ ހެނދުނު 8:00-10:00 އަށް ކުރިއަށް ގެންދާ ހަރަކާތަށް ފުުލުހުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އޭގެ އިތުރުން، އެމެރިކަން ސެންޓަރާއި އެހެން ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ކަމަށް ބުންޏެވެ.
އޭނާ ބުނިގޮތުގައި، ކުޑަކުދިން ވެސް ހިމަނައިގެން ސާފުކުރުމުގައި 150 އެއްހާ މީހުން ބައިވެރިވާނެ އެވެ.
"ފުލުހުންނާއި އެހެން ޖަމިއްޔާއަކުން ވެސް އަޅުގަނޑުމެންނާ ބައިވެރިވާނެ. އަދި ކްލީނިން ގައި ބައިވެރިވާ މީހުންނަށް، ފުލުހުން ވަނީ ޑައިވިންއާ ބެހޭ ލެސަންސް ނަގައިދޭން ނިންމާފައި،" އައިހަމް ބުންޏެވެ.
ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރިއަސް، ލިބޭ ތަރުހީބަށް ބެލުމަށްފަހު ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާނެ އެވެ.
މޫދާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ތަފާތު ހަރަކާތްތައް މީގެ ކުރިން ވެސް އެ ޒުވާނުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.