27 ޖުލައި 2018 - 07:56

މަޝްހޫރު މީސްމީހުންނާ ވައްތަރު މީހުން ފެނިގެން އެ މީހުންގެ ފޭނުންނަށް ބައެއް ފަހަރު އޮޅޭ ހިސާބަށް ވެސް ދެ އެވެ. ދާދި ފަހުން ބަތަލާ ނަރްގިސް ފަޚްރީ އިޓަލީގައި ޗުއްޓީ ހޭދަކުރަނިކޮށް، އޭނާއަކީ ކެޓްރީނާ ކެއިފް ކަމަށް ހީކޮށް ފޭނަކު ސެލްފީ ނެގި ވާހަކަތަކެއް މީޑިއާތަކުގެ ސުރުހީތަކަށް ވެސް އެރި އެވެ.
ޕްރިޔަންކާ ޗޯޕްޅާ މާ ވައްތަރު މީހަކު ފެނިގެން ވެސް މި ދޭތެރެއަކުން އެ ވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ.
މި ފަހަރު މިއޮތީ އެކްޓަރު ޓައިގާ ޝްރޮފާ މާ ވައްތަރު ޒުވާނަކާ ލައްވާލައިފަ އެވެ. އާސާމަށް އުފަން މި ޒުވާނަކީ އެ ސްޓޭޓްގެ އެކްޓަރެކެވެ. އަދި އޭނާ އިންސްޓަގްރާމް މޮޑެލްއެއްގެ ގޮތުގައި ވެސް މިހާރު ވަރަށް މަޝްހޫރެވެ.
ޕޭޖްގެ ނަމަކަށް އިންނަނީ ޑޭވިޑް މެސީ ކަމަށް ވިޔަސް ޑޭވިޑްގެ އަސްލު ނަމަކީ ޑޭވިޑް ސަހާރިއާ އެވެ. އެކަމަކު ހަމަ ޔަގީނުން ވެސް އެއީ ޓައިގާއޭ ހީވޭ ވަރަށް މި ޒުވާނާ ބޮލީވުޑްގެ ޒުވާން އެކްޓަރާ ވައްތަރެވެ.
ޑޭވިޑްގެ މޫނުގެ ބައްޓަން ހުރި ގޮތާއި ލޮލާއި ބޮލުގެ އިސްތަށިގަނޑާއި ހަށިގަނޑު ވެސް ހަމަ ޓައިގާއާ ވަރަށް އެއްގޮތެވެ. އޭނާ އިސްޓަގްރާމްކޮށްފައި ހުރި ގިނަ ފޮޓޯތައް ހުރީ ވެސް ޓައިގާ ޕޯޒްކޮށްފައި ހުންނަ ކަހަލަ ގޮތްގޮތަށް ޕޯޒްކޮށްފަ އެވެ.
އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް އަށް ޑޭވިޑް ބުނި ގޮތުގައި އޭނާ އެއްގޮތަކަށް ވެސް ޓައިގާ ވައްތަރުވާކަށް ނުވަތަ އޭނާ ކޮޕީ ކުރާކަށް މަސައްކަތެއް ނުކުރެ އެވެ.
"އަހަރެން ފެނުމީމަ ބައެއް މީހުން ހުއްޓި ބަލަން ތިބޭ ޓައިގާ ކަމަށް ހީކޮށް، އަދި އެކަމާ ކުރިން އުފާ ވެސްވި. އެކަމަކު ޓައިގާއޭ ކިޔާފައި އަހަންނަށް ގޮވަން ފެށި ހިސާބުން އެކަން އެހާ ގަޔާވާ ކަމަކަށް ނުވި،" ޑޭވިޑް ބުންޏެވެ. "އެހެން ވިޔަސް ޓައިގާ ކަމަށް ހީކޮށް އަހަންނަށް ސަމާލުކަން ލިބޭތީ އެކަމަކާ ދެކޮޅެއް ނަހަދަން."
ސަލްމާން ވައްތަރު ޒުވާނަކު އޭނާގެ ބައެއް ފިލްމްތަކުގައި ބޮޑީ ޑަބަލްއެއްގެ ގޮތުގައި ބޭނުންކޮށްފައިވެ އެވެ. ފަހަރުގައި ޓައިގާއާ ވައްތަރުކަމުން ޑޭވިޑަށް ވެސް ބޮލީވުޑުން ފުރުސަތެއް ލިބި ދާނެ އެވެ. ވާ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ.