26 ޖުލައި 2018 - 13:55

ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ރީ-ރެޖިސްޓްރީވުމަށް މިހާތަނަށް ލިބިފައި ވަނީ ގާތްގަނޑަކަށް 8،000 މީހުންގެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވޯޓު ލާން ރީ-ރެޖިސްޓްރީ ކުރަން ޖެހެނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްތަކަށް ވޯޓުލާން ބޭނުންވާ މީހުންނެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންތިހާބަށް ކުރިމަތިލެއްވި ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝަރީފް ވިދާޅުވީ ރީ-ރެޖިސްޓްރޭޝަންގެ ކަންތައް މިދިޔަ އިންތިހާބަށް ވުރެ މިހާތަނަށް ރަނގަޅު ކަމަށެވެ.
"ރީ-ރެޖިސްޓްރޭޝަން 2013 އަށް ވުރެ ފާސްޓް. ދެ ހާސް ތޭރައިގައި މި މުއްދަތާ ހަމަ އަށް ރަޖިސްޓްރީ ކުރެވިފައި އޮތީ ގާތްގަނޑަކަށް 4،000 މީހުން. އެކަމަކު ރޭގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ގާތްގަނޑަކަށް 8،000 ފޯމު ރީ-ރެޖިސްޓްރީ ކުރުމަށްޓަކައި ލިބިފައިވޭ،" ޝަރީފް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ގާތްގަނޑަކަށް 60،000 މީހުން ރީ-ރެޖިސްޓްރީ ކުރި އިރު މި ފަހަރު އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެންމެ ފަހުން 2014 ގައި ބޯހިމެނިއިރު ދިވެހިރާއްޖޭގެ އާބާދީގައި 338،434 މީހުން އުޅެ އެވެ. އޭޣެ ތެރެއިން 38 ޕަސެންޓް މީހުންނަކީ ވެރިރަށް މާލޭގައި ދިރިއުޅޭ، އެހެން ރަށްރަށުގެ މީހުންނެވެ. އަދި ހަތް ޕަސެންޓް މީހުންނަކީ ރިސޯޓުތަކުގައި ދިރިއުޅޭ މީހުންނެވެ.
އިބޫ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ވޯޓުލާ އާބާދީގެ ވަރަށް ބޮޑު ނިސްބަތެއް އުޅެނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގަ އެވެ.
"ބައެއް ރަށްރަށުގައި 64 ޕަސެންޓް އެބައުޅޭ ރަށުން ބޭރުގައި. އައްޑޫ ސިޓީ އަށް ބަލާއިރު އައްޑު އަތޮޅުގެ 40 ޕަސެންޓަކީ ސިޓީން ބޭރުގައި އުޅޭ މީހުން. މިއީ ރީ-ރެޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް. އެގޮތަށް ކިތަންމެ ރަށްތަކެއް، އަތޮޅުތަކެއް އެބަހުރި،" އިބޫ ވިދާޅުވެފައިވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 263،000 މީހުން އުޅޭއިރު 489 ވޯޓުފޮށި ރާއްޖެ އާއި ބައެއް އެހެން ގައުމުތަކުގައި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.