26 ޖުލައި 2018 - 13:15

އިސްލާމްއާބާދު (ޖުލައި 26) - ވޯޓުލުމުގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާތީ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ލީޑަރު އިމްރާން ޚާންގެ ވޯޓު ބާތިލް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިމްރާންގެ ވޯޓު ބާތިލްކޮށްފައި ވަނީ ވޯޓުގެ ސިއްރުކަން ގެއްލުވާލާފައިވާތީ އެވެ. އިމްރާން ޚާން ވޯޓު ލައްވާފައި ވަނީ ޓީވީތަކުގެ ކުރިމަތީގައި ވޯޓު ކަރުދާސްކޮޅު ދެއްކުމަށް ފަހު އެވެ. ޕާކިސްތާނުގެ ޑޯން ނޫހުން ބުނީ އިލެކްޝަންސް އިން ބާތިލްކޮށްފައިވާ ވަނީ އިސްލާމްއާބާދުގެ އެންއޭ-53 ދާއިރާ އަށް އިމްރާން ޚާން ލެއްވި ވޯޓު ކަމަށެވެ.
ޕީޓީއައި އިން ބުނީ ވޯޓުލުގެ އެއްވެސް އުސޫލަކާ އިމްރާން ޚާން ޚިލާފުވެވަޑައިގެންފައި ނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމަށް ފަހު މީޑީއާތަކާ ވާހަކަ ދެއްކި ސިޔާސީ ފަރާތްތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވޯޓަށް ފަހު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތައް ބްރޯޑްކާސްޓް ނުކުރަން މީޑިއާ ހައުސްތަކަށް އަންގާފައިވާ ކަމަށް ވެސް އިލެކްޝަންސް އިން ބުނެ އެވެ.