26 ޖުލައި 2018 - 12:24

ޕެރިސް (ޖުލައި 26) – ޓުއާ ޑި ފްރާންސް ބައިސިކަލް ރޭހުގެ 16 ވަނަ ސްޓޭޖުގައި ވާދަކުރަނިކޮށް ބެލްޖިއަމްގެ ފިލިއްޕެ ގިލްބަޓް ވެއްޓި ކަކުލުގެ ފިޔަންކަށިގަނޑު ފަށަޅައިގެން ދިޔަ ނަމަވެސް 60 ކިލޯމީޓަރު ކަޑައްތުކޮށް އެ ސްޓޭޖް ފުރިހަމަކޮށްފި އެވެ.
އެކަމަކު އުމުރުން 36 އަހަރުގެ ގިލްބަޓަށް ރޭހުގައި ދެން ވާދަކުރެވޭނެ ގޮތެއް ނެތެވެ. އޭނާ ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯގައި ވާތުފައިގެ ކަކޫ އޮތީ ދުޅަވެ، ފުފިފަ އެވެ. ފިޔަންކަށިގަނޑު ފަޅައިގެން ގޮސްފައިވާކަން އެނގުނީ އެ ސްޓޭޖަށް ފަހު އޭނާ ހެދި ސްކޭންތަކުންނެވެ.
"އުނދަގޫ ވަގުތުތަކަށް ފަހު މިހިސާބަށް އާދެވުނީތީ އުފާކުރަން. އަހަރެން ރޭސް ނިންމަން ބޭނުންވި ގޮތެއް ނޫން މިއީ. މިގޮތަށް ވަކިވާން ޖެހުމުން އަސަރުކުރޭ،" ގިލްބަޓް ބުންޏެވެ.
އޭނާ ވެއްޓުނުއިރު އޮތީ އޮތީ 218 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭ އެ އެ ސްޓޭޖުގެ އެއް ވަނައިގަ އެވެ. ބާރަށް ދުއްވަމުން ގޮސް ވާތަށް އަޅަން އޭނާ ކުރި މަސައްކަތުގައި ބުރަކި ނުޖެއްސި ދިޔަ ގޮތަށް ގޮސް މަގުގެ އަނެއް ފަރާތުގައި ހުރި ތިރި ފާރުބުރީގައި ޖެހި ތިރީގައި އޮތް ހިލަމަގަކަށް ވެއްޓުނީ އެވެ. އެކަމަކު ވަގުތުން ތެދުވެ ބައިސިކަލަށް އަރައި ބާކީ އޮތް 57.2 ކިލޯމީޓަރު ފުރިހަމަކުރި އެވެ. އެއީ މާލެ ވަށައި ނަމަ 12 ބުރެވެ.
އޭނާ ވެއްޓުނީ 1995 ވަނަ އަހަރުގެ ޓުއާގައި އިޓަލީގެ ފަބިއޯ ކަސަރްޓެއްޔީ ވެއްޓި މަރުވި ހިސާބުގަނޑަށެވެ.
ތިން ހަފުތާއަށް ދެމިގެންދާ 21 ސްޓޭޖް އޮންނަ ޓުއާ ޑި ފްރާންސް ނިމޭނީ އަންނަ އާދީއްތަ ދުވަހު އެވެ. މީގެ 115 އަހަރު ކުރިން 1903 ވަނަ އަހަރު ފެށި މި ރޭހަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅިވަރު އިވެންޓެވެ.