02 އޯގަސްޓް 2016 - 11:01

ލަންޑަން (އޮގަސްޓް 2) - އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅެން ޗެލްސީ އަށް ފުރުސަތު ލިބިފައިނުވުމުގެ ފައިދާ އެ ޓީމަށް ނެގޭނެ ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީން ނިންމީ 10 ވަނައިގަ އޮވެ އެވެ. އެހެންވުމުން މި އަހަރު ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ޗެލްސީ އަށް ނުލިބެ އެވެ.
"ޗެމްޕިއަންސް ލީގުގައި ނުކުޅޭތީ އޭގެ ފައިދާ އަހަރެމެންނަށް ނެގޭނެ. އެއީ ކުޅުންތެރިން ދެނެގަންނަން ގިނަ ވަގުތު ލިބި ލީގު ހޯދަން ވެސް ފަސޭހަވާނެ. ވާދަވެރި އެހެން ޓީމުތަކުން ކުޅެން ޖެހޭ މެޗުތައް ގިނަވާނެ އަހަރެމެންނަށް ވުރެ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ވަނީ އޭނާ ޔުވެންޓަސް އަށް ކޯޗު ކޮށްދިން ފުރަތަމަ ސީޒަނުގައި އެ ޓީމަށް ލީގު ހޯދައިދީފަ އެވެ. އެ ސީޒަނުގައި ޔުވެންޓަސް ޔޫރަޕްގެ މުބާރާތެއްގައި ނުކުޅެ އެވެ.
ޗެމްޕިއަންސް ލީގުގައި ނުކުޅުމަކީ އެއް ގޮތަކުން ބަލާއިރު ޓީމަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ވެސް ކޮންޓޭ ދެކެ އެވެ.
"ޗެމްޕިއަންސް ލީގުގައި ކުޅެން ނުލިބުމަކީ ވެސް ކަންބޮޑުވުމެއް. ޗެލްސީ އަކީ ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހޭ ކްލަބެއް. ޗެމްޕިއަންސް ލީގުގައި ނުކުޅެވުމަކީ ޗެލްސީ އަށް ވެސް ލިބޭ އުނިކަމެއް. ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތުގައި ކުޅެން ކޮންމެ ކްލަބަކުން ވެސް ބޭނުންވާނެ،" ކޮންޓޭ ބުންޏެވެ.
އިޓަލީ ގައުމީ ޓީމަށާއި ޔުވެންޓަސް އަށް ކުރިން ކުޅުނު މިޑްފީލްޑަރު ކޮންޓޭ ޗެލްސީއާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.