އަންހެން ކުއްޖާ ރޭޕްކޮށްލީ ސިނަމާލޭ ފްލެޓަކަށް ވައްދާފައި: އާއިލާ
އަންހެން ކުއްޖާ ރޭޕްކޮށްލީ ސިނަމާލޭ ފްލެޓަކަށް ވައްދާފައި: އާއިލާ

ދެ ފިރިހެނުން ވެގެން އިއްޔެ ރޭ އުމުރުން 16 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްލީ ސިނަމާލޭ ފްލެޓަކަށް ގެންގޮސްގެން ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

"މިހާރު"އަށް ކުރިން އެނގިފައިވާ ގޮތުގައި އިއްޔެ ރޭ އަށެއް ޖަހާކަންހާއިރު އަންހެން ކުއްޖާ ރޭޕްކުރީ ބްރޭކް ގަޑީގައި ކޮލެޖުން ނިކުތް ވަގުތު ގަދަކަމުން ނަގައިގަނެގެން ގެންގޮސްގެންނެވެ. އެކަމަކު އެ ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އޭނާ ބޭރަށް ދިޔައީ ރަހުމަތްތެރި ފިރިހެން ކުއްޖަކާ އެކީގައި ކަމަށެވެ. އެ މީހުން ސިނަމާލެ ފްލެޓް ބަރިއާ އަރާހަމަވި ތަނުން، ފިރިހެން ކުއްޖާއަށް ބަޔަކު ހަމަލާދީ، އަންހެންކުއްޖާ ގަދަކަމުން ފްލެޓް ތެރެއަށް ވައްދައި ރޭޕްކޮށްލީ ކަމަށް އޭނާ ބުންޏެވެ.

"ފްލެޓުން އެ ވަގުތު ގުރޫޕެއް ނިކުމެ ފިރިހެން ކުއްޖާއަށް ހަމަލަދީ، އޭނާ ހިފެހެއްޓުމަށް ފަހު އަންހެން ކުއްޖާ ފްލެޓް ތެރެއަށް ވެއްދީ. އެ ވަގުތު ވެސް ފިރިހެން ކުއްޖާ ބުނަމުން ދިޔަ ކަމަށް ވަނީ ސޮރީއޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އަންހެން ކުއްޖާ ފްލެޓާ ހަމައަށް ގެންދިޔައީ ރާވައިގެން ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވެ އެވެ. އެއީ އެ ކުއްޖާ ސަލާމަތް ކުރަން ނުވަތަ އެކަން ބައެއްގެ ސަމާލުކަމަށް ގެންނަން އެ ފިރިހެން ކުއްޖާ މަސައްކަތް ނުކުރުމުންނެވެ.

"[އަންހެންކުއްޖާ] ފްލެޓުން ނިކުތްއިރު އެ ފިރިހެން ކުއްޖާ އެތަނުގައި ނުވެސް ނެތް. ފެރީ ޓާމިނަލާ ހަމައަށް ވެސް އޭނާ ދިޔައީ އަމިއްލައަށް، ރޮމުންރޮމުން،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަންހެން ކުއްޖާ ދިރިއުޅެނީ އާއިލާއާ އެކު ހުޅުމާލޭގަ އެވެ. އޭނާ ރޭޕްކުރިކަން އާއިލާ އަށް އެންގީ އެނބުރި ހުޅުމާލެ އަށް ގޮހެވެ. އެކަމަކު ފެރީގައި އިންއިރު ވަރަށް ބޮޑަށް ރޮއި ހެދިކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

އާއިލާއިން ވާހަކަ ދެއްކި މީހަކު އިއްޔެ ބުނީ އަންހެން ކުއްޖާ ރޭޕްކޮށްފައި ހުރި ކަން ޓެސްޓްތަކުން ދެއްކި ކަމަށެވެ.

އާއިލާގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.