ސައުދީގެ ތެޔޮ ޓޭންކަރަކަށް ހޫތީން ހަމަލާ ދީފި
ސައުދީގެ ތެޔޮ ޓޭންކަރަކަށް ހޫތީން ހަމަލާ ދީފި

ރިޔާޒް (ޖުލައި 26) - ސައުދީ އަރަބިއާގެ ތެޔޮ ޓޭންކަރަކަށް ރަތް ކަނޑުގައި ޔަމަނުގެ ހޫތީން ހަމަލާދީފައިވާ އޮފިޝަލުން ބުނެފި އެވެ.

ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާ ސައުދީ ކޯލީޝަނުން ބުނީ ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ ޔަމަނުގެ ހުދައިދާ ބަނދަރުގެ ހުޅަނގުން ކަމަށެވެ. ހަމަލާގައި ޓޭންކަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ކަމަށް ބުނެފައިވެ އެވެ.

ހޫތީން ހިންގާ އަލް މަސީރާ ޓީވީން ބުނެފައި ވަނީ ޔަމަނުގެ ހުޅަނގުން ހަނގުރާމަ މަތީ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށެވެ.

ޔަމަނުގެ ހުދައިދާ ބަނދަރު ހޫތީންގެ އަތް ދަށުން ހިފުމަށް ސައުދީ ކޯލިޝަނުން ވަނީ ޖޫން 13 ގައި ވަރުގަދަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އަދި ޖޫން 19 ވަނަ ދުވަހު ހުދައިދާ ބަނދަރު ވަނީ ހިފައިފަ އެވެ. ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި ހޫތީން ދަނީ ވަގަށް ހަތިޔާރު އެތެރެ ކުރަން ހުދައިދާ ބަނދަރު ބޭނުން ކުރަމުންނެވެ.

ސައުދީ އާއި ޔޫއޭއީން ބުނަމުން ދަނީ އެ މީހުން މަސައްކަތް ކުރަމުން ދަނީ ރަތް ކަނޑުގައި ދަތުރު ކުރާ ބޯޓުތައް ހޫތީންގެ ހަމަލާތަކުން ސަލާމަތް ކުރަން ކަމަށެވެ. މެދުއިރުމަތީގެ ތެލާއި އޭޝިއާގެ މުދާ ޔޫރަޕަށާއި ސުއޭޒް ކެނަލް ހުރަސްކޮށް ގެންދިއުމަށް އުޅަނދުތަކުން އާއްމުކޮށް ބޭނުން ކުރަނީ ރަތް ކަނޑެވެ. ސައުދީ ކޯލިޝަނުން ބުނެފައި ވަނީ ރަތް ކަނޑުގައި ދަތުރު ކުރާ އުޅަނދުތަކަށް އެޕްރީލް އަދި މެއި މަހު ވެސް ހޫތީން ދޭން އުޅުނު ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.