ބޮނޫޗީ އެނބުރި އަންނަން ބޭނުންވޭ: ޔުވެންޓަސް
ބޮނޫޗީ އެނބުރި އަންނަން ބޭނުންވޭ: ޔުވެންޓަސް

ޓިއުރިން (ޖުލައި 26) – މީގެ އެއް އަހަރު ކުރިން އޭސީ މިލާނާ ގުޅުނު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް ބަދަލުވާން ބޭނުންވާ ކަމަށާއި އޭނާގެ އެ އެދުން ފުރިހަމަކޮށްދޭން ބޭނުންވާ ކަމަށް ޔުވެންޓަސްގެ ޖެނެރަލް މެނޭޖަރު ޖިސެއްޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.

ކުއްލި ގޮތަކަށް 40 މިލިއަން ޔޫރޯ އަށް މިލާނާ ގުޅި އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ބޮނޫޗީގެ ސަބަބުން މިދިޔަ ސީޒަނުގައި މިލާނަށް މާބޮޑު ފައިދާތަކެއް ނުކުރެ އެވެ. ބޮޑު ހަރަދުތަކެއްކޮށް ގިނަ ކުޅުންތެރިންތަކެއް ގެނައި ނަމަވެސް އެ ޓީމު އިޓާލިއަން ލީގު ނިންމާލީ ހަ ވަނައިގައި އޮވެ އެވެ. ޔުވެންޓަސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބޮނޫޗީ އަށް މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީން ވެސް ޝައުގުވެރިވާ ކަމަށްވެ އެވެ.

މަރޯޓާ ވިދާޅުވީ ބޮނޫޗީ ގެނައުމަށްޓަކައި މިލާނަށް އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އެދެވޭ ނަތީޖާއެއް ނެތް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިލާނުން ބޭނުންވަނީ ބޮނޫޗީގެ ބަދަލުގައި ޔުވެންޓަސްގެ ޒުވާން ޑިފެންޑަރު މަޓިއާ ކަލްޑަރާ އާއި ޓްރާންސްފާ ފީ އެކެވެ. އެކަމަކު ލޯން އުސޫލުން އެޓަލާންޓާ އަށް މިދިޔަ ސީޒަނުގައި ކުޅުނު ކަލްޑަރާ އަކީ ޔުވެންޓަސް އިން ވިއްކާލަނެ ކުޅުންތެރިއެއް ނޫން ކަމަށް މަރޯޓާ ވަނީ ވިދާޅުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދެ ޓީމުގެ އޮފިޝަލުންނާއި ބޮނޫޗީ އައި ކަލްޑަރާގެ އޭޖެންޓުން އިތުރު ބައްދަލުވުންތަކެއް ބާއްވާނެ އެވެ. އުމުރުން 24 އަހަރުގެ ކަލްޑަރާ ނުލިބޭ ގޮތަކަށް އުމުރުން 31 އަހަރުގެ ބޮނޫޗީ ދޫކޮށްލަން މިލާނުން ބޭނުމެއް ނުވެ އެވެ. އިޓަލީގެ އެންމެ އުއްމީދީ އެއް ޑިފެންޑަރު އަލެސިއޯ ރޮމަނޮލީ މިވަގުތު މިލާނުގައި ހުރުމާ އެކު ކަލްޑަރާ ލިބިއްޖެ ނަމަ އެއީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ފޯވާޑް ލައިން ވަރުގަދަކުރުމުގެ މަސައްކަތް މިލާނުން ކުރި ނަމަވެސް ހިގައިން އަކީ އެ ޓީމުގެ އެއް ވަނަ ޗޮއިސް ނޫން ކަމަށްވެ އެވެ. އެކަމަކު ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ނުލިބިއްޖެ ނަމަ ވަކި ޑީލެއްގެ ދަށުން ހިގައިން ގެނައުމަށް އެ ޓީމުން މަސައްކަތްކުރާނެ ކަމަށްވެ އެވެ.

މިލާން މިދިޔަ ދޮޅު އަހަރު ހިންގި ޗައިނާގެ އިންވެސްޓަރު، އެ ކްލަބް ގަތުމަށް އެމެރިކާގެ އެލިއޮޓް މެނޭޖްމަންޓުގެ އަތުން ނެގި ލޯން ދެއްކިފައިނުވާތީ ކްލަބް މިހާރު އޮތީ އެލިއޮޓުގެ އަތްމަތީގަ އެވެ. އެ ކުންފުނިން ވަނީ މިލާނުގެ ސްޕޯޓިން ޑިރެކްޓަރަކަށް ކުރީގެ ކުޅުންތެރިއާ އަދި ކޯޗު ބްރެޒިލްގެ ލެއޮނާޑޯ ހަމަޖައްސައިފަ އެވެ. ޓްރާންސްފާގެ ހުރިހާ ކަމެއް މިހާރު ބަލަހައްޓަނީ މިލާނަށް ކަކާ އާއި ޕަޓޯ އަދި ތިއާގޯ ސިލްވާ ފަދަ ކުޅުންތެރިން ގެނައުމުގެ ފަހަތުގައި ހުރި ލެއޮނާޑޯ އެވެ. ކްލަބުގެ ސީއީއޯ އަކަށް އާސެނަލްގެ ސީއީއޯ އިވާން ގަޒިޑިސް ހަމަޖައްސާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.