ޖަލުން ފިލި ގޭންގްސްޓާ ފުލުހުންގެ އަތު ނުޖެހި އަނެއްކާވެސް ފިލައިފި
ޖަލުން ފިލި ގޭންގްސްޓާ ފުލުހުންގެ އަތު ނުޖެހި އަނެއްކާވެސް ފިލައިފި

ޕެރިސް (ޖުލައި 26) - ފްރާންސްގެ ޕެރިހުގެ ޖަލަކުން ފިލި ނުރައްކާތެރި ގޭންގްސްޓާ ރިދުއައިން ފާއިދު ފުލުހުންގެ އަތްދަށު ނުވެ އަނެއްކާ ވެސް ފިލައިފި އެވެ.

ޖަލުން ފިލި ގޭންގްސްޓާ ފުލުހުންގެ އަތު ނުޖެހި އަނެއްކާވެސް ފިލައިފި
ޖަލުން ފިލި ގޭންގްސްޓާ ފުލުހުންގެ އަތު ނުޖެހި އަނެއްކާވެސް ފިލައިފި

ވައްކަމުގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ފާއިދު ހެލިކޮޕްޓަރެއްގައި ޖަލުން ފިލީ ތިން ހަފުތާ ކުރިންނެވެ. މިދިޔަ އަންގާރަ ދުވަހު މެންދުރު ފަހު ފުލުހުންގެ ޕެޓްރޯލް އޮފިސަރުންނަށް އޭނާ ވަނީ ޕެރިހާ ކައިރި ހިސާބަކުން ފެނިފަ އެވެ. ނަމަވެސް ފުލުހުންނަށް އަތު ނުޖެހި އޭނާ ވަނީ ޝޮޕިން ސެންޓަރެއްގެ ޕާކިންނަށް ކާރު ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ. އޭނާ ދޫކޮށްލި ކާރުގައި ހުރީ ގޮވާ ތަކެތި ހަރުކޮށްފަ އެވެ. އަދި ކާރުގައި ޖަހާފައި ހުރީ ވަގު ނަން ބޯޑެކެވެ.

މިއީ މި މަހު 1 ވަނަ ދުވަހު ފާއިދު ޖަލުން ފިލި ފަހުން ފުލުހުންނަށް ފެނުނު ފުރަތަމަ ފަހަރެވެ. އޭނާ ހޯދަން ވަނީ 2،900 ފުލުހުން ނެރެފަ އެވެ.

ފާއިދު ޖަލުން ފިލާފައި ވަނީ ބަރު ހަތިޔާރާ އެކު ތިބި ތިން މީހެއްގެ އެހީގަ އެވެ. ފާއިދުގެ ބޭބެއަކާ ބައްދަލު ކުރަން މެހްމާނުންގެ ކޮޓަރިއަށް ވަތް ވަގުތު ބަޑި ހިފައިގެން ތިބި ދެ މީހަކު ވަނީ ސްމޯކް ބޮމާއި އަތުބޮން އުކައި މެހެމާނުންގެ ކޮޓަރިއަށް ވަދެ ފާއިދު ނެރެފަ އެވެ. އޭރު ތިން ވަނަ މީހާ ހުރީ ޖަލުގެ ކޯޓްޔާޑުގައި ހެލިކޮޕްޓަރެއް ގާޑުކޮށްގެންނެވެ. ހެލިކޮޕްޓަރު ޖަލަށް ތިރިކުރީ ހައިޖެކްކޮށްގެންނެވެ. ހެލިކޮޕްޓަރު ޖެއްސި ކޯޓްޔާޑަކީ އެންޓި-އެއާކްރާފްޓް ނެޓް ނުޖަހައި ހުރި ހަމައެކަނި ސަރަހައްދެވެ. ޖަލުން ބުނީ އެ ސަރަހައްދުގައި ނެޓު ޖަހާފައި ނުވަނީ އެއީ ގައިދީން ބޭނުންކުރާ ތަނަކަށް ނުވާތީ ކަމަށެވެ.

ހެލިކޮޕްޓަރުގައި ފާއިދު ގެންދިއުމަށް ފަހު އެ މީހުން ވަނީ ހެލިކޮޕްޓަރު ދޫކޮށްލުމަށް ފަހު ވެހިކަލެއްގައި ފިލައިފަ އެވެ. ހެލިކޮޕްޓަރު ތިރިކުރި އިރު އެ ވެހިކަލް އޮތީ ތައްޔާރަށެވެ. ފަހުން އެ މީހުން ވަނީ އެ ވެހިކަލް އަންދާލުމަށް ފަހު އެހެން ވެހިކަލެއްގައި ފިލައިފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ފާއިދު ވަނީ ޖަލުގެ ހަތަރު ގާޑަކު އިންސާނީ އައްޑަނައަކަށް ހެދުމަށް ފަހު ޖަލުގެ ދޮރުތަކުގައި ޑައިނަމައިޓް އަޅައި ގޮއްވާލުމަށް ފަހު ފިލައިފަ އެވެ. ނަވާރަ ސަތޭކަ ހަތް ދިހަ ދެ ވަނަ އަހަރު އުފަންވެފައިވާ ފާއިދު ވަނީ 90ގެ އަހަރުތަކުގައި ގޭންގެއް ހިންގައިފަ އެވެ. ފާއިދު ވަނީ ގޭންގްސްޓާ ފިލްމުތައް ބަލަން އޭނާ ވަރަށް ލޯބިކުރާ ކަމަށް ބުނެފަ އެވެ.