26 ޖުލައި 2018 - 09:36

މެޑްރިޑް (ޖުލައި 26) - ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް މަސައްކަތް ކުރަމުން އަންނަ ރެއާލް މެޑްރިޑުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އެމެރިކާގެ ވިންގް ކްރިސްޓިއަން ޕުލިސިޗަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެ ގޮތުން ރެއާލުން ވަނީ ދާދި ފަހުން ޕްރީ ސީޒަނުގައި ޑޯޓްމަންޑުން 3-1 އިން ލިވަޕޫލް ބަލިކުރި މެޗުގައި ޕުލިސިޗް ކުޅޭތަން ބަލަން ގޮސްފަ އެވެ. އެ މެޗުގައި ޕުލިސިޗް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ދުނިޔޭގެ ކޮންމެ ޓީމަކުން ވެސް އުމުރުން 19 އަހަރުގެ ޕުލިސިޗް ބޭނުންވާނެ ކަމަށް ބުނެފަ އެވެ.
ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އަގުބޮޑުކޮށް ކުޅުންތެރިން ގަތުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިން ތަރައްގީ ކޮށްގެން ކާމިޔާބު ހޯދުމުން ކްލަބަށް އޭގެއިން ކުރާނެ ފައިދާ ބޮޑު ކަމަށް ބުނެފަ އެވެ. އެގޮތުން ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޒުވާން ތިން ކުޅުންތެރިއެއްގެ ސޮއި ހޯދައިފަ އެވެ. އެ ކުޅުންތެރިންނަކީ ސްޕެއިނުގެ އުއްމީދީ ފުލްބެކް އަލްވާރޯ އޮޑްރިއޮޒޯލާ، ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާ އަދި ޔޫކްރޭންގެ ޒުވާން ގޯލްކީޕަރު އަންޑްރީ ލުނިން އެވެ.
އެމެރިކާގެ ސީނިއާ ޓީމަށް 16 މެޗު ކުޅެދީފައިވާ ޕުލިސިޗަކީ ބަޔާން މިއުނިކުން ވެސް ބޭނުންވާ ކުޅުންތެރިއެކެވެ. ހާއްސަކޮށް ބަޔާނުގެ ދެ ވިންގުން ކަމަށްވާ އާޔެން ރޮބެން އާއި ފްރޭންކް ރިބެރީ ރިޓަޔަކުރުމާ ގާތަށް ގޮސްފައިވާއިރު އެ ކުޅުންތެރިން ނެތްތަނަށް ބަޔާނުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޕުލިިސިޗް ހިމެނެ އެވެ.
ޕުލިސިޗް ވިއްކާލަން ޑޯޓްމަންޑުން މީގެ ކުރިން ކިޔާފައިވަނީ 78 މިލިއަން ޑޮލަރު (60 މިލިއަން ޕައުންޑް) އެވެ. އެހެން ނަމަވެސް މިހާރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންގެ އަގު އުފުލިފައިވާ ގޮތަށް ބަލާއިރު، ޑޯޓްމަންޑުން ޕުލިސިވް ވިއްކާލަން ކިޔާ އަގު ބޮޑުވާނެ އެވެ.