25 ޖުލައި 2018 - 16:54

އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައިވާ ގޮތުން ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. މީގެ ކުރިން، އީސީން ނިންމާފައިވާ ގޮތުންނަމަ، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށެވެ.
އީސީން ބުނީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ މީހުންގެ އެޕްލިކޭޝަން ފޯމް ބަލައިގަންނާނީ އެ ކޮމިޝަނަށް ކަމަށެވެ. ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން އޯގަސްޓް ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 2 ޖަހަންދެންނެވެ. ހުކުރު ދުވަހު ވެސް ފޯމު ބަލައިގަންނަން ނިންމާފައިވާއިރު، އެ ދުވަހު ފޯމު ހުށަހަޅަންޖެހޭ ގަޑިއަކީ މެންދުރުފަހު 2 އިން ހަވީރު 4 އާ ހަމައަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިދާރީ ފީގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހެ އެވެ. އީސީން ބުނީ ނަގުދު ފައިސާ ނުވަތަ ބޭންކް ގެރެންޓީ ޗެކަކުން ވެސް ބަލައިގަންނާނެ ކަމަށެވެ.
އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، އުމުރުން 18 އަހަރު ވެފައިވާ މީހުންގެ ތެރެއިން، މަދުވެގެން 1،500 މީހުންގެ ތާއީދު އޮތްކަން އަންގައިދޭ ލިޔުން އީސީ އަށް ހުށަހަޅަން ޖެހެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިނެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް އީސީން ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖަހަންދެންނެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގައި ނިމޭތާ 30 މިނިޓު ފަހުންނެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް އީސީން ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރިންނެވެ.