މަޝްހޫރު ބޭސްވެރިޔާ، މާވާ މުހައްމަދު މަނިކު އަވަހާރަވެއްޖެ
މަޝްހޫރު ބޭސްވެރިޔާ، މާވާ މުހައްމަދު މަނިކު އަވަހާރަވެއްޖެ

ދިވެހި ބޭސް އަމިއްލައަށް އުފައްދަވައިގެން ފަރުވާދެއްވާ މަޝްހޫރު ބޭސްވެރިޔާ މާވާ މުހައްމަދު މަނިކު (ޑރ. މުހައްމަދު މަނިކު) މިއަދު އަވަހާރަވެއްޖެ އެވެ.

ފަތްޕިލާވެލިން އަމިއްލައަށް ބޭސް އުފައްދަވައިގެން ފަރުވާ ދެއްވި ބޭސްވެރިޔާ، އުމުރުން 85 އަހަރުގައި މިއަދު އަވަހާރަވީ ބަލިވެ އުޅުއްވާތާ ދުވަސްތަކެއްވުމަށް ފަހު އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށެވެ.

އެމްއެމްއެމް މެޑި ކްލިނިކްގެ ނަމުގައި ހިންގި ކްލިނިކުގައި ދިވެހި ބޭހާއި ހަކީމީ ބޭސް އަދި ޑޮކްޓަރީ ބޭސް ބޭނުންކޮށްގެން ފަރުވާ ދިނުމުގެ ހިދުމަތް މެދުނުކެނޑި ގާތްގަނޑަކަށް 45 އަހަރު އޭނާ ދެއްވި އެވެ. އަދި އޭނާ އުފެއްދެވި ބައެއް ބޭސްތައް އިންޑިއާ އަށާއި ސްރީލަންކާއަށް ވެސް އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި އައްޑޫ ބަޣާވަތުގެ ދުވަސްވަރު ވެސް ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އަމިއްލައަށް ބޭސް ތައްޔާރުކުރައްވައިގެން ފަރުވާދެއްވާފައިވެ އެވެ.

ދިވެހި ސަރުކާރުން އޭނާއަށް 2000 ވަނަ އަހަރު ދިވެހި ބޭސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމް ރައީސް މައުމޫން ދެއްވައިފަ އެވެ.

މާވާ މުހައްމަދު މަނިކުގެ މައްޗަށް ކުރާ ކަށު ނަމާދުކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.