25 ޖުލައި 2018 - 17:05

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށްޓަކައި ރަޖިސްޓްރީކުރަން އެއްވެސް މުވައްޒަފަކަށް އަންގާފައިނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ އިންތިޚާބަށް ރީ ރަޖިސްޓްރީކުރަން ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމުގެ ތުހުމަތުތައް ކުރަމުން ދަނިކޮށް ސީއެސްސީން ނެރުނު ބަޔާނުގައި ބުނީ، ރަޖިސްޓްރޭޝަންގައި މުވައްޒަފުން ބައިވެރިކޮށްގެން އުޅޭ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްވެސް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށް ވެސް ބުންޏެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ރަޖިސްޓްރޭޝަނާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވި ނަމަ އެކަން ބަލާނެ އެވެ. އެ ކޮމިޝަނުގެ ނިންމުންތަކަކީ، ނުފޫޒެއް ނެތި ނިންމާ ނިންމުންތަކެއް ކަން ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
"ސިވިލް ސާވިސް ކޮމިޝަނަކީ ގާނޫނުއަސާސީގައި ވާ ގޮތުން ވަކި ފަރާތަކަށް ބުރަ ނުވާ މުސްތަގިއްލު މުއައްސަސާއެކެވެ... ކޮމިޝަނުން ކަމެއް ނިންމޭނީ ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމުގައި ބަޔާންވެގެން ވެ އެވެ. ވުމާއެކު، ކޮމިޝަންގެ ނިންމުންތަކަކީ، ވަކި މެމްބަރެއްގެ ނުފޫޒު ފޯރުވައިގެން ނިންމާ ނިންމުންތަކެއް ނޫން ކަމުގައި ވެސް ދެންނެވީމެވެ،" ސީއެސްސީގެ ބަޔާނުގައި ވެ އެވެ.
ވޯޓުލާން ރަޖިސްޓްރީ ކުރުވުމުގެ ޒިންމާ، މިނިސްޓްރީތަކުގެ މުވައްޒަފުންނާ ހަވާލު ކޮށްފައިވަނީ އެ މިނިސްޓްރީއެއްގައި ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ބެއްލެވުމުގެ ދަށުންނެވެ. މިނިސްޓްރީތަކާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަންނަނީ ގޭގެ އަށް ގޮސްގެންނާއި އާއްމުކޮށް މީހުން އެއްވާ ތަންތަނަށް ފޯމު ހިފައިގެން ގޮސް ރަޖިސްޓްރީ ކޮށްދެމުންނެވެ.
ރީ ރަޖިސްޓްރީކުރަން ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުން ދާ ކަމަށް ބުނެ، ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމައިފަ އެވެ. އަދި ކަމާ ބެހޭ އެހެން އިދާރާތަކަށް ވެސް ޝަމީމްގެ މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.
ސީއެސްސީގެ ބަޔާން ނިންމާލާފައިވަނީ އެ ކޮމިޝަނާއި ސިވިލް ސާވެންޓުންނާ ގުޅުވައިގެން ދޮގު ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރަމުންނެވެ. އަދި އެކަން ކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.