04 އޯގަސްޓް 2016 - 06:25

މީހަކު ފެންނައިރަށް ދަރިފުޅު ފިލަން އުޅޭ ހެއްޔެވެ؟ ނުވަތަ މީހުންނާ ވާހަކަ ދައްކަން ދަރިފުޅު ލަދުގަނޭ ހެއްޔެވެ؟ މިފަދަ ދަރިން ގެންގުޅޭ މައިންބަފައިންނަށް ގިނަ ފަހަރަށް އެކުދިން މިހެން އުޅޭ ސަބަބެއް ނޭނގެ އެވެ. ގިނަ މީހުން ގަބޫލުކުރަނީ އެއީ އުފެދުމުގައި ވެސް ލަދުވެތި ސިފަ ހުންނަ ކުދިން ކަމަށެވެ. ބޮޑުވާވަރަކަށް އެ އާދަ ކެނޑިގެން ދާނެކަމަށް ވެސް ގިނަ މީހުން ގަބޫލު ކުރެ އެވެ.

ލަދުން އުޅޭ ބައެއް ކުދިން މީހަކު ފެންނައިރަށް މަންމަ ނުވަތަ ބައްޕަގެ ފައިގައި ނުވަތަ ގައިގައި އޮޅުލައިގަނެ ފަހަތަށް ވަދެ ފިލަ އެވެ. އަދި މީހަކު ސުވާލެއް ކޮށްލިޔަސް ޖަވާބު ދޭކަށް ނުކެރެ އެވެ. އަދި މިފަދަ ކުދިން އެހެން ކުދިންނާ ބައިވެރިވެގެން ކުޅުމުގެ ބަދަލުގައި އުޅޭނީ ވެސް ގިނަ ފަހަރަށް އެކަންޏެވެ.

ޔުނިވަސިޓީ އޮފް މެލްބަންގެ ޑިވެލޮޕްމަންޓަލް ސައިކޮލޮޖީގެ ސީނިއާ ލެކްޗަރާއެއް ކަމަށްވާ ހެއިޑީ ގިޒޭލް މެއިލް އޮންލައިނަށް ވިދާޅުވެފައިވާ ގޮތުގައި ލަދުން އުޅުމަކީ ވަގުތީ ކަމެކެވެ. މާބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެކަން ނުފިލާ ހުންނަ ނަމަ އެއީ މައްސަލައެކެވެ.
ކުދިން ލަދުން އުޅޭ އުޅުމަށް މައިންބަފައިން ކަންބޮޑުވާން ޖެހޭ ހިސާބު ގިޒޭލް ވަނީ ކިޔައި ދެއްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ކުދިންނަކީ އެހެން މީހުންނާ ރައްޓެހިވާން ވަގުތު ނަގާ ކުދިންނެވެ. ނަމަވެސް އިރުކޮޅަކު ކުޑަކޮށް ލަދުން އުޅެލާފައި ގިނަ ކުދިން އެހެން ކުދިންނާ ނުވަތަ މީހުންނާ ގުޅުން ބަދަހިކުރަން ދަނެ އެވެ.
ބައެއް ކުދިންނަކީ ޕްރައިމަރީ ސްކޫލަށް ދާން ފެށުމާ އެކު ލަދުވެތިކަމުގެ ސިފަ އެކުދިންގެ ކިބައިން އަމިއްލައަށް ނެތިގެންދާ ކުދިންނެވެ. ނަމަވެސް އެ ލަދު ފިލާ ނުގޮސް އެހާ ދެކެފަރިތަ ނޫން މީހަކު ފެންނައިރަށް ލަދުން އުޅޭ ކުދިން ވެސް ތިބެ އެވެ.
ބޮޑެތި މީހުން ދެކެ ލަދުގަތުމަށްވުރެ އެ ކުއްޖާއާ އެއް އުމުރެއްގެ ކުޑަކުދިން ދެކެ ލަދުގަތުމަކީ މާބޮޑު ކަންބޮޑުވުމެކެވެ.
އާއްމުކޮށް ނުފެންނަ ބޮޑެތި މީހުންނާ ބައްދަލުވުމުން ލަދުން އުޅުމަކީ ކުޑަކުދިންގެ ކިބައިން ފެންނަ އާންމު ސިފައެކެވެ. ޚާއްސަކޮށް ފިރިހެނުން ދެކެ ވަރަށް ގިނަ ކުދިން ލަދުގަނެ އެވެ. ނަމަވެސް އެ ކުއްޖާގެ އުމުރުގެ ކުދިން ދެކެ ލަދުން އުޅެނީ ވަރަށް މަދު ކުއްޖެކެވެ.
ގިނަ ކުދިންތަކެއް އެކުގައި ކުޅެން އުޅޭއިރު އެއް ކުއްޖަކު ލަދުން އެ ކުދިން ކައިރިއަށް ނުގޮސް އެކަނިމާއެކަނި ކުޅެން އިންނަ ނަމަ އެއީ ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ.
އެހެންކުދިންނާ އެކުވެރިކޮށް ކުޅެން އުޅޭ ގަޑިތަކަކީ ކުއްޖެއްގެ ހެދިބޮޑުވުމަށް އެޅޭ ރަނގަޅު ބިންގަލެކެވެ. އެފަދަ ވަގުތުތަކުގައި ކުއްޖާއަށް އެހެންކުދިންގެ ފަރާތުން ވަރަށް ގިނަ ހުނަރުތައް ދަސްވާނެ އެވެ. އަދި އެހެން ކުދިންގެ އިހްސާސްތަކާއި އެކުދިން ކަންކަމާ މެދު ދެކޭ ގޮތް ވެސް ކުއްޖާއަށް ވިސްނޭނެ އެވެ. އަދި އެހެން ކުދިންނަށް ވެސް ކުޅޭއިރު ފުރުސަތު ދީގެން ކުޅުމާއި އެހެން ކުދިންނާ ގުޅިގެން ހީ މަޖާކުރަން ވެސް ދަސްވާނެ އެވެ. ވާހަކަ ދައްކައިގެން ކަންކަންކުރާނެ ގޮތް ވެސް ދަސްވާނެ އެވެ. އެހެންކަމުން، ކުދިން ކަންތައްތައް ދަސްކުރާ އުމުރުގައި ކުދިންނާ ގުޅިގެން އުޅެން ނޭނގޭ ނަމަ އެއީ އެ ކުއްޖެއްގެ ތުއްތު ހަޔާތުން މަދުވެގެންދާ ވަރަށް މުހިއްމު ތަޖުރިބާތަކަކަށް ވާނެ އެވެ. ނަތީޖާއަކަށް ވާނީ އެ ކުއްޖާގެ ވިސްނުމަށާއި ހުނަރަށް އަދި އިޖްތިމާއީ ގޮތުން ކުއްޖާ ތަރައްގީވާ މިންވަރު ވެސް އުމުރުގެ އެހެން ކުދިންނަށް ވުރެ ދަށްވުމެވެ.
އަލަށް ފެންނަ ކުދިންނަށް ވުރެ ބޮޑަށް އަބަދު ފެންނަ ކުދިން ދެކެ ލަދުން އުޅުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ޚާއްސަކޮށް، ސްކޫލުންނާއި އެނޫންވެސް ތަންތަނުން އަބަދު ފެންނަ ކުދިން ދެކެ ލަދުން އުޅުމަކީ ގޯހެކެވެ.
ކްލާސް ކުދިން ދެކެ ލަދުން އުޅުމުގެ މާނައަކީ އެހެން ކުދިން ތިމާއާ ދޭތެރޭ ކަންތައް ކޮށްފާނެ ގޮތަކާ މެދު އެ ކުއްޖާގެ ކަންބޮޑުވުންތަކެއް ހުރުމެވެ. ނުވަތަ އެހެން ކުދިން އެ ކުއްޖާއާ ގަޔާވާނެތޯ އާއި އެކުގައި ކުޅޭނެތޯ ޝައްކު އުފެދުމެވެ.
އެހެން ކުދިން ކައިރިއަށް ދިއުމުން އެކުދިން ކަންތައް ކޮށްފާނެ ގޮތެއް ނޭނގޭތީ ވެސް ބައެއް ކުދިން ލަދުން ކުދިންނާ ބައިވެރި ނުވެ ތިބެ އެވެ.
ލަދުން އުޅޭ ކުދިންނަކީ ގިނަ ފަހަރަށް އެހެން ކުދިންގެ މަލާމާތާއި ބުލީކުރުމުގެ ޝިކާރައަކަށް ވެސް ވާނެ ކުދިންނެވެ. ރައްޓެހިން ހޯދުން މިފަދަ ކުދިންނަށް ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.
އެހެންކުދިންގެ ގޯނާތައް ކުރިމަތިވެ ކުއްޖާ ބާކީވުމަކީ އެ ކުއްޖަކަށް ނަފްސާނީ ގޮތުން ގެއްލުން ލިބޭނެ ކަމެކެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކުރުން ކުޑަވާނެ ކަމެކެވެ. އަބަދު މިކަހަލަ ކަންތައް ދިމާވާ ނަމަ އެއީ ރަނގަޅު ގޮތަކަށް ނުވާނެ އެވެ.
އަންހެންކުދިން ވެސް އަދި ފިރިހެން ކުދިން ވެސް ލަދުން އުޅެ އެވެ. ނަމަވެސް ލަދުން އުޅޭ ފިރިހެން ކުދިންނަށް ގިނަ ފަހަރަށް ރައްޓެހިންގެ ފަރާތުން މާ އުނދަގޫތަކާ ކުރިމަތިލާންޖެހެ އެވެ. ސަބަބަކީ ލަދުވެތިކަމަކީ ފިރިހެނުންނާ ގުޅޭ ސިފައެއް ކަމަށް ގިނަ ކުދިން ގަބޫލުނުކުރާތީ އެވެ. ފިރިހެންކުދިންނަކީ ވަރަށް ކެރޭ އަމިއްލަވަންތަ ބައެއްގެ ގޮތުގައި ގަބޫލުކުރާތީ އެވެ.
ނަމަވެސް ދެ ޖިންސުގެ ކުދިންނަށް ވެސް އެކުވެރިންގެ ދުއްތުރާ ކުރިމަތިވެ ކުއްޖާ ބާކީކޮށްލުން ފަދަ ކަންތައް ދިމާވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.
މިފަދަ ކުދިން އެހެން ކުދިންގެ އުނދަގުލުން ސަލާމަތްކޮށްދީ އެހެން ކުދިން އެކުއްޖާ ބާކީ ނުކޮށް ވޭތޯ މައިންބަފައިން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. ކުއްޖާއަށް މިފަދަ ކަމެއް ދިމާވާކަން އެނގިއްޖެ ނަމަ އެކަމެއް ދިމާވި ތަނެއްގެ އިސް މީހުންނާ ބައްދަލުކޮށް ކުއްޖާގެ ފަރާތުން ވަކާލާތުކޮށްދޭން ޖެހޭނެ އެވެ.
ކުއްޖާއަށް ނުވަތަ އާއިލާގެ ކޮންމެ ދުވަހެއްގެ މަސައްކަތަށާއި ހަރަކާތްތަކަށް ބުރޫއަރާ ވަރަށް ކުދިން ލަދުގަންނަ ނަމަ އެއީ ވެސް މައްސަލައެކެވެ. ކުއްޖާ އެކަނިވެ ފޫހިވާކަމަށް ބުނެ ދެރަވެފައި ހުރުމަކީ ވެސް މައްސަލަ އެކެވެ.
އެހެން ކުދިން ދަރިފުޅު ބާކީކޮށް އެ ކުއްޖާއަށް އިހާނެތި ކަންތައްތައް ނުކުރޭތޯ ޔަގީންކުރުމަކީ މައިންބަފައިންގެ ޒިންމާ އެކެވެ.
ކުދިން ލަދުން އެހެން ސްކޫލަށް ނުދާންވެގެން އުޅުމާއި ޕާޓީތަކަށް ނުވަތަ ތިމާގެ މީހުންނާއި އެކުވެރިންގެ ގޭގެއަށް ދިއުމަށް ދެކޮޅުހަދާ ނަމަ އެ ކުޑަކުދިންނަށް ޚާއްސަ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދާށެވެ.
މިކަހަލަ ކުދިންނަށް މައިންބަފައިންނަށް ފޯރުކޮށްދެވިދާނެ އިތުރު އެހީތަކުގެ ތެރޭގައި އެހެން ކުދިންނާ އެކު ކުޅޭނެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި އިތުރު ހަރަކާތްތަކުގައި ގިނަގިނައިން ބައިވެރިކުރުން ހިމެނެ އެވެ.
އަދި އެކުދިންނަށް އެހެން އެކުވެރިން ގެންގުޅުމުގެ މުހިއްމުކަން ކިޔައިދީ އެކުދިންނަށް އެފަދަ ކަންކަމަށް ހިތްވަރުދިނުންހިމެނެ އެވެ.
ކުއްޖަކު އެކުވެރިއަކާ ހިތްހަމަނުޖެހިގެން އުޅޭ ނަމަ އެ މައްސަލަ ހައްލުކޮށް އެ ކުއްޖާއާ އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މައިންބަފައިން ހިތްވަރުދޭން ޖެހޭނެ އެވެ.