ނޯރާ ފަތެހީ ވެސް "ބާރަތު" އަށް
ނޯރާ ފަތެހީ ވެސް "ބާރަތު" އަށް

މިހާރު ޝޫޓިން ފަށާފައިވާ ސަލްމާން ހާންގެ "ބާރަތު" ގެ ރޯލަކަށް ނޯރާ ފަތެހީ ވެސް ސޮއިކޮށްފި އެވެ.

ކުރިން އަޑު އަރާފައި އޮތް ގޮތުން މި ފިލްމްގެ އައިޓަމް ލަވައަކަށް ނޯރާ ގެންނަން ކުރިން ވެސް އޮތީ ނިންމައިފަ އެވެ.

އެކަމަކު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު މުމްބާއީ މިރާ އަށް ބުނީ ނޯރާ ފެނިގެން ދާނީ "ބާރަތު" ގެ އައިޓަމް ލަވައަކުން ނޫން ކަމަށެވެ.

"ފިލްމްގެ ވަރަށް މުހިއްމު ރޯލަކުން ނޯރާ ފެނިގެން ދާނީ. އެކަމަކު އޭނާގެ ކެރެކްޓާގެ މާ ބޮޑު ތަފުސީލަކަށް އަދި ނުދާނަން." އަލީ ބުންޏެވެ.

"ބާރަތު" ގައި އެކި ދުވަސްވަރު ދައްކުވައިދޭ އިރު، ނޯރާ ފެނިގެން ދާނީ 80 ގެ ދައުރުގެ ތެރޭގައި ކަމަށް އަލީ ބުންޏެވެ.

ކެނެޑާ އަށް އުފަން ނޯރާއަކީ އާއިލީ ގޮތުން މޮރޮކޯއާ ވެސް ގުޅުން އޮންނަ ބަތަލާއެކެވެ. ކުރިން ވެސް ބައެއް ފިލްމްތަކުގައި މަސައްކަތް ކުރުމުގެ އިތުރަށް ނޯރާ ވަނީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގައި ވެސް 2016 ގައި ވާދަކޮށްފަ އެވެ. އޭނާ ބޮލީވުޑްގައި ބޮޑަށް މަޝްހޫރު އައިޓަމް ގާލްއެއްގެ ގޮތުގަ އެވެ.

އެގޮތުން އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ ޖޯން އަބްރަހަމްގެ ފިލްމް ސަތިޔަމޭވް ޖަޔަތޭ (އެސްއެމްޖޭ) ގެ އައިޓަމް ލަވައަކުން ވެސް ނޯރާ ފެންނާނެ އެވެ. އެ ލަވައަކީ މިހާރު ވެސް ތަފާތު އެކި ޗާޓްތަކުގައި ވިދަމުން އަންނަ "ދިލްބަރް ދިލްބަރް" އެވެ.

މި ލަވައަކީ 1999 ގައި ރިލީޒް ކުރި ސުޝްމިތާ ސެން އާއި ސަންޖޭ ކަޕޫރްގެ ފިލްމް "ސިރްފު ތުމް" އަށް އަލްކާ ޔަގްނިކް ކިޔައި ދީފައިވާ ލަވައިގެ އާ ވާޝަނެކެވެ. އާ ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރް އެވެ. މި ލަވައިގެ ވީޑިއޯގައި ނޯރާ ބެލީ ޑާންސާ ވެސް އެކު ދައްކުވައި ދީފައިވާ ޖާދުވީ ހަރަކާތްތަކުން ލަވައިގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ނޯރާ މީގެ ކުރިން ވެސް ވަނީ ޖޯންގެ އެހެން ފިލްމަކަށް އައިޓަމް ލަވައެއް ކުޅެފަ އެވެ. އެއީ 2016 ގައި ރިލީޒް ކުރި "ރޮކީ ހޭންސަމް" ގެ "ރޮކް ތާ ޕާޓީ" އެވެ.

އުމުރުން 26 އަހަރުގެ ބަތަލާއަކީ އެމްޓީވީ ގެނެސްދޭ "ޑޭޓް އިން ދަ ޑާކް" ގެ ހޯސްޓް ވެސް މެ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އަށް ނޯރާ ސޮއި ކުރި އިރު، މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ، ޑިޝާ ޕަޓްނީ، ތައްބޫ އަދި ސުނިލް ގްރޯވާ ވެސް ހިމެނެ އެވެ.