25 ޖުލައި 2018 - 15:31

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1ގައި ނެރުނު އަމުރުގެ ބައި ބާތިލް ކުރެވެން ނެތް ކަމަށް އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ. މި ހުކުމާއެކު، ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެންނެވެ.
ފެބްރުއަރީ 1 ގެ އަމުރުގައި މެމްބަރުންނާ ގުޅޭ ގޮތުން ހުރި ބައިތައް ބާތިލުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް، މިދިއަ ފެބްރުއަރީ މަހު ހުށަހެޅި މައްސަލައިގައި ވަނީ ސުޕްރީމް ކޯޓުގެ ހުއްދަ ނެތި، ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ނުކުރެވޭ ގޮތަށް ބުނާ ބައި ބާތިލް ކުރަން ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމްގައި ވަނީ ފެބްރުއަރީ 1 ގެ އަމުރުގެ އެ ބައި ބާތިލް ނުކުރީ ފަނޑިޔާރުން އަބަދުވެސް އައްޔަން ކުރަނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށްވާތީ ކަމަށެވެ. ސުޕްރީމް ކޯޓަކީ އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާއިރު، އިންސާފު ގާއިމުކޮށް ދިނުމަށް ބާރު ކަނޑައެޅުމަކީ އެ ކޯޓުގެ ޒިންމާއެއް ކަމަށް ވެސް ހުކުމްގައިވެ އެވެ.
ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސްއޫލިއްޔަތަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިފައި އޮތް ބާރަކަށް ވާއިރު، އެ ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ލަފާ ހޯދާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެކަމަކު، ޖޭއެސްސީ އިން އެކަން ވެސް ކުރަން ޖެހޭނީ އަދުލު އިންސާފުގެ ތެރެއިން ކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހުކުމްގައި ބުނި ގޮތުގައި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރަނީ ޖުޑިޝަލް ކައުންސިލްގެ ލަފާ ހޯދައިގެންނެވެ. އެ ކައުންސިލްގެ ބަލަހައްޓަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ. އެކަމަކު، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އެ ކޯޓުގެ އެއްވެސް ދައުރެއް ނޯންނާނެ ކަން ހުކުމުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އަދި މެމްބަރުންގެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް ކަނޑައަޅައި، އެ މެމްބަރުންނާ ގުޅޭ ގޮތުން ނިހާއީ ހުކުމެއް އިއްވަން ކޯޓުން ވަނީ ނިންމައިފަ އެވެ.