ރެސްޓޯރަންޓްގެ މުޑުދާރުކަން ދެއްކުމުން ވަޒީފާ ގެއްލިއްޖެ
ރެސްޓޯރަންޓްގެ މުޑުދާރުކަން ދެއްކުމުން ވަޒީފާ ގެއްލިއްޖެ

މަޝްހޫރު ފުޑް ޗެއިން "އަ ޕޮޕްއައިޒް ލޫޒިއާނާ ކިޗަން" އިން އެމެރިކާގެ ޑިޓްރޮއިޓްގައި ހިންގާ އައުޓްލެއްގެ އެތެރޭގެ ނުތާހިރުކަން ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ލައިވް ސްޓްރީމް ކުރުމުން މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

ރެސްޓޯރަންޓްގެ މުޑުދާރުކަން ދެއްކުމުން ވަޒީފާ ގެއްލިއްޖެ
ރެސްޓޯރަންޓްގެ މުޑުދާރުކަން ދެއްކުމުން ވަޒީފާ ގެއްލިއްޖެ

ޝަކީތާ ޝެމެރޭ، 20، ފޭސްބުކްގައި އާންމުކުރި ވީޑިއޯގައި ފެންނަނީ ރެސްޓޯރަންޓްގެ ސްޓޯރޭޖް ބައިތަކާއި ކާތަކެތި ތައްޔާރުކުރާ ތަނުގައި ތަރުތީބު ގެއްލި، ހަޑިވެފައިވާ އެއްޗެހި އެކި ތަންތަނަށް އުކާލައިފައި ހުއްޓަ އެވެ.

އޭނާގެ މި ވީޑިއޯއާ ގުޅިގެން ވަޒީފާ ގެއްލުމުން ދި އެސޯސިއޭޓް ޕްރެސް އަށް ޝަކީތާ ބުނީ ވީޑިއޯ އާންމުކުރަން މަޖުބޫރުވީ ރެސްޓޯރަންޓް ތެރެއިން ކުރަފިތަކެއް ފެނިގެން އެކަމާ ބިރުން ހަޅޭއްލެވުމުން، މެނޭޖަރު އޭނާ އަށް އެއްޗެހި ކިޔުމުން ކަމަށެވެ.

ޝަކީތާ ބުނި ގޮތުގައި ކުރަފި ފަދަ ފަކުރު ސޫފިތައް ރެސްޓޯރަންޓް ތެރޭގައި އުޅެނީ އެތަން މުޑުދާރުކަމުންނެވެ. އަދި ވީޑިއޯ އާންމުކުރީ ކަސްޓަމަރުންގެ ސަމާލު ކަމަށްޓަކައި ކަމަށް ބުންޏެވެ.

ޝަކީތާގެ ވީޑިއޯ އަށް ކޮމެންޓް ކުރި ވަރަށް ގިނަ މީހުން ވަނީ އޭނާ ވަޒީފާގެ ބިރެއް ނެތި، ކަސްޓަމަރުންގެ ސިއްހަތަށްޓަކައި މިފަދަ ކަމެއް ކޮށްދިނީތީ އޭނާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް ތައުރީފު ވެސް ކޮށްފަ އެވެ.

މިކަމާ ގުޅިގެން އަ ޕޮޕްއައިޒް ލޫޒިއާނާ ކިޗެން ހޫނު ފެނަށް ވެއްޓި އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން އަންގާރަ ދުވަހު ވަނީ ވަގުތީ ގޮތުން ރެސްޓޯރަންޓް ބަންދު ވެސް ކުރަން ޖެހިފަ އެވެ.

ޑިޓްރޮއިޓްގެ ހެލްތު ޑިޕާޓްމަންޓުން ބުނީ ރެސްޓޯރަންޓް ބަންދު ކުރުމަށް ފަހު، ސާފު ތާހިރު ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެތަނުން އަމަލު ކުރޭތޯ ބަލަމުން ދާނެ ކަމަށެވެ.

ތަން ހުޅުވަން އަލުން ހުއްދަ ދޭނީ މިންގަނޑަށް ފެތޭ ގޮތަށް ތަނުގެ ސާފު ތާހިރުކަން ކަށަވަރުކޮށް ދިނުމުން ކަމަށް ބުންޏެވެ.