އޮސްޓްރޭލިއާގެ ޖަލު ފަޅާލައި ފިލި ގިނަ މީހުން ހައްޔަރުކޮށްފި
އޮސްޓްރޭލިއާގެ ޖަލު ފަޅާލައި ފިލި ގިނަ މީހުން ހައްޔަރުކޮށްފި

ސިޑްނީ (ޖުލައި 25) - އޮސްޓްރޭލިއާގެ ޖަލެއްގައި ރޭ ހިންގި ހަމަނުޖެހުމުގައި ޖަލު ފަޅާލައި ފިލި 10 މީހުންގެ ތެރޭން ނުވަ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޕާތުގެ އުތުރުން 250 މޭލު ދުރުގައިވާ ގްރީނޯ ރީޖަނަލް ޕްރިޒަން ފަޅާލައި ބަޔަކު ފިލުމާ ގުޅިގެން ފުލުހުން ވަނީ އާއްމުން ސަމާލުމަށް އިންޒާރުގެ މެސެޖްތައް ފޮނުވައިފަ އެވެ. ފުލުހުން މިއަދު ބުނެފައި ވަނީ ޖަލުން ފިލި މީހުންގެ ތެރޭން 35 އަހަރުގެ މީހަކު ފިޔަވައި އެހެން އެންމެން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ކަރެކްޓިވް ސާވިސަސް ކޮމިޝަނާ ޓޯނީ ހަސޯލް ވިދާޅުވީ ޖަލުގައި ހަމަނުޖެހުން ހިންގި މީހުން ވަނީ ޖަލުގެ ސްޓާފުންނަށް ވެސް ހަމަލާދީފައި ކަމަށެވެ.

ޖަލުން ފިލި ގައިދީން ހޯދަން ވަނީ އިތުރު 150 ފުލުހުން ނެރެފަ އެވެ. ޖަލުގައި ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބެއް އޮފިޝަލުން ހާމައެއް ނުކުރެ އެވެ. ބައެއް މީހުން ވަނީ އެ ޖަލުގައި ގައިދީން ގިނަވެ ސްޓާފުން މަދުވުމުން ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުނދަގޫވާ ކަމަށް ތުހުމަތުކޮށްފަ އެވެ.