25 ޖުލައި 2018 - 15:27

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑު އެކުލެވޭ ގޮތަށް ޕީޕީއެމުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ އިސްލާހު ފާސްކޮށްފައި ވަނީ ހާޒިރުވެ ތިއްބެވި 34 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ ވޯޓުންނެވެ. އެއް މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ޕީއެސްއެމްގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ މަޖިލިސް ގަވާއިދުގައި ބުނާ ކޯރަމް ހަމަނުވަނީސް އެ ބިލް ވޯޓަށް އަހަން ފާސް ކުރުމަށް ހުށަހަޅުއްވައިފަ އެވެ.
އެ ހުށަހެޅުން ފާސްވެފައި ވަނީ 31 މެންބަރުންގެ ވޯޓުންނެވެ.
މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމުގެ ބަދަލުގައި އެ ބާރު ލިބިވަޑައިގަންނަވާނީ ރައީސް އައްޔަން ކުރައްވާ މެމްބަރުން ތިއްބަވާ ޕްރައިވެޓައިޒޭޝަން ބޯޑަށެވެ.
އަދި ޕީއެސްއެމް ބޯޑުގެ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައެޅުމުގެ ބާރު ވެސް ޕްރައިވެޓައިޒޭޝަން ބޯޑަށް މިހާރު ލިބޭނެ އެވެ.
މީގެ އިތުރުން ޕީއެސްއެމްގެ ބޯޑުގައި ކުރިން ހަތް މެމްބަރުން ތިބި ނަމަވެސް ދެން ތިބޭނީ ފަސް މެންބަރުންނެވެ. އަދި މެންބަރުގެ ކަމުގެ ދައުރު ހަތް އަހަރުން ފަސް އަހަރަށް ތިރިވެފައިވާއިރު މެންބަރުންނަށް ދެ ދައުރު ބޯޑުގައި އަދާ ކުރެވިދާނެ އެވެ.