25 ޖުލައި 2018 - 14:50

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް ކަނޑައަޅައި، އެ މެމްބަރުންނާ ގުޅޭ ގޮތުން ނިހާއީ ހުކުމެއް އިއްވަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ފެބްރުއަރީ 1 ގެ އަމުރުގައި މެމްބަރުންނާ ގުޅޭ ގޮތުން ހުރި ބައިތައް ބާތިލުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް، މިދިއަ ފެބްރުއަރީ މަހު، ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުގައި ބުނާ ބައި ބާތިލް ކުރަން ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފަ އެވެ. އެކަމަކު އެ މެމްބަރުން ވަކިވަކިން ކޯޓަށް ހުށަހެޅި މައްސަލަތައް ބަލަން ޖެހޭ ކަން ހުކުމުގައި ފާހަގަކުރި އެވެ.
ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ހުކުމް އިއްވުމުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިތަކުގެ މައްސަލައިގައި "ދުސްތޫރީ މައްސަލައެއް" އުފެދިފައި އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ނިހާއީ ހުކުމެއް އަންނަން ޖެހޭ ކަން ހުކުމުގައި ފާހަގަކުރެއްވި އެވެ.
ހުކުމްގައި ބުނަނީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު އޮންނަ ގޮތުންނާއި ގާނޫނުއަސާސީ އާއި ގާނޫނުތަކުން ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ ކޯޓު ކަމަށެވެ. ދަށު ކޯޓުތަކުން ކުރާ ހުކުމްތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތައް ބަދަލުކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބުނަސް ދަށު ކޯޓުތަކަށް އެ ބާރު ނުލިބޭ ކަން ހުކުމުގައިވެ އެވެ.
އެކަމަކު ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓުން މައްސަލަ އަލުން ބަލައި، މުރާޖައާ ކުރުމުގެ ބާރު ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑިއާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެ ނަމަ، އެކަން ބެލުމުގެ ބާރު ވެސް ގާނޫނުއަސާސީން ދީފައި އޮތީ ސުޕްރީމް ކޯޓަށް ކަމަށް، ހުކުމްގައި ބުނެފައިވެ އެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ހަތަރު މެމްބަރެއްގެ ގޮނޑިއާ މެދު ހިލާފު އުފެދިގެން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ބާއްވާފައިވާ ކަމަށެވެ. އެކަމަކު ގޮނޑީގެ މައްސަލާގައި އިތުރު ގޮތެއް ނިންމަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1ގެ އަމުރުގައި އޮތަސް އެއީ އެފަދަ މައްސަލަތަކުގައި ގޮތް ނިންމަން ޖެހޭ އުސޫލާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ހުކުމުގައިވެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީީގެ ފަނޑިޔާރު އަލީ ހަމީދު ތިއްބަވައިގެން ނެރުނު ހުކުމް ބާތިލްކުރައްވަމުން މިހާރުގެ އުއްތަމަފަނޑިޔާރު ޑީޑީ ވިދާޅުވީ ބާކީ ތިއްބެވި އަށް މެމްބަރުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
ފެބްރުއަރީ 1 ގެ އަމުރު ނެރުމުގައި ޑީޑީގެ އިތުރުން މިހާރު ވެސް ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.
އެ އަމުރަށް ފަހު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް މިހާރު ވަނީ ހުކުމް ވެސް އިއްވައިފަ އެވެ. އަދި އެ ބޭފުޅުން ފަސޭހައިން ފަނޑިޔާރުކަމުން ވަކިކުރެވޭނެ މަގު ތަނަވަސްކުރަން، ފަނޑިޔާރުންގެ ގާނޫނަށް އިސްހާލެއް ހުށަހަޅައި، ހަމައެކަނި ސަރުކާރުގެ މެމްބަރުން މިހާރު ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ.
އެކަމަކު ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލިހުގައި ވޯޓެއް ނަގައިގެން ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތް އިރު، ފަނޑިޔާރުންގެ ގާނޫނަށް ގެންނަ ބަދަލަކުން އެކަން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ބުނެ އެވެ. ގާނޫނީ އެ މައްސަލައިގެ ބަހުސް ބޮޑުވިޔަސް އުއްތަމަފަނޑިޔާރު ޑީޑީ އާއި ފަނޑިޔާރު އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު ވަނީ ގާނޫނަށް ގެނައި އެ އިސްލާހު ސައްހަ ކަމަށް ވެސް ނިންމަވައިފަ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ބަދަލުގައި މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ އެވެ.
ގޮނޑި ގެއްލުނު ކަމާ މެދު ހިލާފު އުފެދިގެން އެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. މީގެ އޭގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި އަނެއް އަށް މެމްބަރުންގެ މައްސަލަ މިދިޔަ ހޯމަދުވަހު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މަޖިލިހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ހަމައެކަނި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ. ޖަލްސާތަކުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އެ ބޭފުޅުން ވިދާޅުވަނީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ އަޣުލަބިއްޔަތުން ހުށަހައަޅާފައި އޮއްވާ އެއަށް ވޯޓަށް ނާއްސަވައި، ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި 12 މެމްބަރުންނަށް ނުވަދެވޭ ނަމަ، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާނެ ކަމަށް ވެސް އިދިކޮޅު މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.