26 ޖުލައި 2018 - 09:44

މޫނު ނުދައްކާ މި އިސްތަށިގަނޑުގެ ފޮޓޯއެއް ދައްކާލައިފި ނަމަ، މިއީ އެންމެ ހަ މަހުގެ ކުއްޖެއްގެ އިސްތަށިގަނޑު ކަމަށް ގަބޫލު ކުރަން ދަތިވެދާނެ އެވެ. އެކަމަކު ޖަޕާނަށް އުފަން މި އަންހެން ކުއްޖާއަކީ ވިހޭއިރު ވެސް އާދަޔާހިލާފު ވަރުގަދަ، ބޯ އިސްތިގަނޑެއް ލިބިފައިވާ ކުއްޖެކެވެ.
އެ ކުއްޖާގެ މައިންބަފައިން ބޭބީ ޗާންކޯގެ ނަމުގައި އިސްޓަގްރާމް ޕޭޖެއް ހަދައި، ފޮޓޯތައް ހިއްސާކުރަން ފެށުމުން މުޅި ދުނިޔޭގެ ސަމާލުކަން ވެސް މިހާރު ވަނީ ހުއްޓިފަ އެވެ. އިސްޓަގްރާމްގައި ޗާންކޯ ފޮލޯކުރާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 100،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ޗާންކޯގެ ފޮޓޯތަކަށް ހިޔާލުފާޅުކޮށްފައިވާ ބައެއް މީހުން ބުނި ގޮތުގައި ވަރުގަދަ އިސްތަށިގަނޑާ އެކު ތުއްތުތުއްތު ޗާންކޯ ވަރަށް ވެސް ލޯތްބެވެ. އަދި އެއީ ގުދުރަތުން ދެއްވާފައިވާ ހަދިޔާއަކަށްވާތީ، އެކަމާ އުފާކުރަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ފޮޓޯތަކަށް ކޮމެންޓްކުރި އެއް ބަޔަކު ވަނީ ޗާންކޯ އަށް ލިބިފައިވާ ކަހަލަ އިސްތިގަނޑަކަށް ވަަރަށް ބޮޑަށް އެދެވޭ ކަމަށް ވެސް ބުނެފަ އެވެ.
މީޑިއާތަކުން ޗާންކޯއާ ބެހޭ މާ ބޮޑު ތަފުސީލެއް ގެނެސް ދީފައެއް ނުވެ އެވެ. އަދި އެ ކުއްޖާގެ މައިންބަފައިންގެ ވާހަކަތަކެއް ވެސް މިހާތަނަކަށް މާ ބޮޑަކަށް ތިލަވެފައެއް ނެތެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޭބީ ޗާންކޯގެ އިސްތަށިގަނޑު ވަރުގަދަކަމުން، އެ ރީތިކޮށް ބާއްވަން އެންމެ ހަތަރު މަހުން ފެށިގެން ވަނީ ބްލޯ ޑްރައި ވެސް ހަދަން ފަށައިފަ އެވެ. އަދި ދޭތެރެ ދޭތެރެ އިން އިސްތަށިގަނޑު ރީތި ކުރަން ކޮންމެވެސް ވަރަކަށް ކޮށައި ވެސް ހަދަ އެވެ.