25 ޖުލައި 2018 - 13:46

ބެއިޖިން (ޖުލައި 25) - ޗައިނާގައި އުފެއްދި ފޭކް ވެކްސިންގެ މައްސަލާގައި 15 މީހަކު ހައްޔަރުކޮށްފި އެވެ.
ޗައިނާގައި އުފައްދާ ބޭހުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް އެންމެ ފަހުން މައްސަލަ ދިމާވެގެން އުޅެނީ ރެބީސް ވެކްސިންގަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ވެކްސިން އުފައްދާ ޗަންގްޗުން ޗަންގްޝެން ބަޔޯޓެކްނޮލޮޖީ ކުންފުނީގެ ޗެއާމަން ގައޯ ޖުންފަންގް ހިމެނެ އެވެ. ފޭކް ވެކްސިންއާ ގުޅިގެން ރެބީސް ވެކްސިން އުފެއްދުން މިހާރު ވަނީ ހުއްޓާލައިފަ އެވެ.
ޗައިނާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ބުނީ ޗަންގްޝެން ބަޔޯޓެކްނޮލޮޖީ އިން އުފެއްދި ރެބީސް ވެކްސިންގައި "ކޮލިޓީ މިންގަނޑު" ނެތް ކަމަށެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވެސް ވަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ބުނެފަ އެވެ.
ޗައިނާގެ ރައީސް ވިދާޅުވެފައި ވަނީ ވެކްސިންގެ މައްސަލަ ފެންމަތިވުމަކީ ލިބިވަޑައިގަތް ބޮޑު ޝޮކެއް ކަމަށެވެ.