02 އޯގަސްޓް 2016 - 06:41
ގޭބިސީތައް ސްމާޓް ވަނީ އެވެ. ކޮންމެ ގެ އަކީ "ސްމާޓްހޯމް"އެކެވެ. ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ އާއިލާގެ މެންބަރެއްގެ ގޮތުގައި ރޮބޮޓެއް ކޮންމެ ގޭބިސީއަކަށް ބޮޑު ފަޚުރަކަށް ވާނެ އެވެ.
ސްމާޓްހޯމްތަކުގައި ނޯކަރުންނާއި ގާޑުންނަކީ ރޮބޮޓް އެވެ. ސްމާޓްހޯމްތަކަށް އަމާޒުކޮށް އަހަރު ދެކޮޅު "ވިސްނުން ތޫނު" ރޮބޮޓްތައް ބާޒާރަށް ނެރޭނެ އެވެ. މަޝްހޫރު ފޯނުތައް ފަހަތުން މިހާރު ދުވާ މިސާލުގައި، ރޮބޮޓްތައް ގަތުމަށް ފިހާރަތައް ދޮށުގައި ދިގު ކިޔޫތައް އޮންނާނެ އެވެ.
މިހިރީ ރައިލީ އެވެ. ސްމާޓްހޯމަކަށް ވަނުމުގެ ކުރިން ރައިލީ ބައްދަލުކޮށްލާށެވެ. މިއީ ވެސް "ވިސްނުން ތޫނު" ރޮބޮޓެކެވެ. މުޅި ގެ ބެލެހެއްޓުން ހަވާލުވެ ހުރި ގާޑުގެ އިސްކޮޅުގައި 10 ސެންޓިމީޓަރު ހަމަނުވެ އެވެ.
މައްސަލަ އަކީ ކޮބައި ހެއްޔެވެ؟ ޗައިނާ ރެސްޓޯރެންޓްތަކުގައި ރޮބޮޓްތައް މަސައްކަތްކުރި އެވެ.
ޝަރުތުހަމަނުވާ ކަމަށް ބުނެ އެ ސޮރުމެންގެ ބޮލަށް ބަޑިޖައި މިހާރު ވަނީ މަރާލާފަ އެވެ. އެކަމަކު ރައިލީ އަށް އެހެނެއް ނުވާނެ އެވެ. އެ އަށް ވުރެ ރައިލީ މާ ކުޅަދާނަ އެވެ.
ރައިލީ އެންމެ ބޮޑަށް ވައްތަރުކުރެވެނީ "ވޯލް-އީ"އާ އެވެ. އެއީ "އެނިމޭޓެޑް" ފިލްމަކަށް ކިޔާ ނަމެކެވެ. ޕިކްސާއިން 2008 ވަނަ އަހަރު އުފެއްދި އެ ފިލްމުގައި އުޅޭ ކުނި ހޮވާ ރޮބޮޓަށް ކިޔަނީ ވެސް "ވޯލް-އީ" އެވެ.
ރައިލީ އަށް ކަނު އަނދިރީގައި ތަންތަން ފެނެ އެވެ. "ނައިޓް ވިޝަން" ކެމެރާއެއް ހުންނާތީ އެވެ. ރައިލީ އަށް ފެންނަ ކޮންމެ ތަނެއް، ސާހިބު މީހާގެ ސްމާޓްފޯނަށް ފޮނުވަ އެވެ. ވީޑިއޯ އާއި އޯޑިއޯ އަދި ފޮޓޯ އެވެ. މޫނާއި ސިފަ ވަކިކުރަން ވެސް އެނގެ އެވެ. ނުދަންނަ މީހަކު ގެ އަށް ވަދެ ކަސިޔާރު ގޮތަކަށް އުޅޭ ނަމަ، ވާނުވާއެއް ނާންގައި ޕޮލިހަށް އަދި ސާހިބު މީހާ އަށް މެސެޖްކޮށް އަންގަ އެވެ.
ރައިލީ އަދި މުޅިން ސްމާޓްހޯމަކަށް ތަސައްރުފު ނުފުދެ އެވެ. އަމިއްލަ އަށް ތަންތަން ހޯދައި، ހިނގާ ބިނގާވެ އުޅޭކަށް ނޭގެ އެވެ. އެކަމަކު ބެހެއްޓި ތަނެއްގައި ދޮޅު ގަޑިއިރެއްހާއިރު ހުރެ އެވެ. ބެޓެރީ ހުސްވާން ކައިރިވުމުން ގޮސް އަމިއްލަ އަށް ޗާޖަރަށް ގުޅެ އެވެ.
ރައިލީ އުފައްދާފައި ވަނީ ސްމާޓްފޯން އެޕްލިކޭޝަނަކުން ކޮންޓްރޯލްކުރެވޭ ގޮތަށެވެ. ގެއިން ބޭރުގައި އުޅެމުން ވެސް ގޭތެރެ ހުރި ހާލަތު ބަލާލެވެ އެވެ.