މޮޅު ކުޅުންތެރިންގެ ނޮމިނޭޝަނުގައި ނޭމާއެއް ނެތް
މޮޅު ކުޅުންތެރިންގެ ނޮމިނޭޝަނުގައި ނޭމާއެއް ނެތް

ލަންޑަން (ޖުލައި 25) - ފީފާ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށްދޭ ބެސްޓް އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ނޮމިނޭޝަނުގެ ތެރެއިން ބްރެޒިލްގެ ތަރި ނޭމާ ބާކީވެއްޖެ އެވެ.

ފީފާ އިން އިއްޔެ އާންމުކުރި 10 ކުޅުންތެރިންގެ ލިސްޓުގައި ހިމެނެނީ ދާދި ފަހުން ޔުވެންޓަސްއާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ، މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ، އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން، ޗެލްސީގެ އެޑެން ހަޒާޑް، ޓޮޓެންހަމްގެ ހެރީ ކޭން، ޕީއެސްޖީގެ ކިލިއަން އެމްބާޕޭ، ބާސެލޯނާގެ ލިއޮނަލް މެސީ، ރެއާލުގެ ލޫކަ މޮޑްރިޗް، ލިވަޕޫލްގެ މުހައްމަދު ސަލާހު އަދި ރެއާލުގެ ޑިފެންޑަރު ރަފައެލް ވަރާން އެވެ.

ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު ރެއާލުން ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރިއިރު އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަަހައިދިން ރޮނާލްޑޯ އާއި ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ، އަދި ބާސެލޯނާ އަށް މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މެސީގެ އިތުރުން ފްރާންސާ އެކު ވޯލްޑް ކަޕާއި އެތުލެޓިކޯއާ އެކު ޔޫރޮޕާ ލީގުގެ ތަށި އުފުލާލި ގްރީޒްމަން ހިމެނެ އެވެ.

ލިވަޕޫލަށް ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ސަލާހާއި 1990 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ގެންގޮސްދީ މި ފަހަރުގެ ވޯލްޑް ކަޕުގެ ރަން ބޫޓު ހާސިލްކުރި ކޭން އަދި ބެލްޖިއަމްގެ ދެ ތަރިން ކަމަށްވާ ހަޒާޑާއި ޑިބްރޭނާގެ އިތުރުން ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗަކީ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ނޭމާގެ ނަން ލިސްޓުގައި ނުހިމެނޭތީ ބްރެޒިލްގެ މީޑިއާތަކުން ވަނީ އެ ލިސްޓު ފުރިހަމަ ނޫން ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. އެއް ބަޔެއްގެ ނަޒަރުގައި ނޭމާ ޕީއެސްޖީއާ އެކު ފްރާންސް ލީގު ކާމިޔާބު ކުރުމަކީ ލިސްޓުގައި އޭނާގެ ނަން ހިމެެނެން ޖެހޭ ސަބަބެކެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން ސީޒަންގެ މުހިއްމު ހިސާބުން އޭނާ ކުޅުމާ ދުރަށްދާން ޖެހުމުން އޭނާ އަށް މި ފަހަރުގެ ގަދަ 10 އަކުން ޖާގަ ގެއްލުނީ އެވެ.

ފީފާ އިން ވަނީ އެންމެ މޮޅު ކޯޗުންގެ ނޮމިނޭޝަން ވެސް އިއްޔެ އިއުލާންކޮށްފަ އެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ، ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް، ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް، ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޑިޑިއޭ ޑެޝޯމްޕްސް، މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ، ލިވަޕޫލްގެ ޔާގެން ކްލޮޕް، ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ، އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް، ބާސެލޯނާގެ އާނެސްޓޯ ވަލްވޭޑޭ އަދި ރެއާލަށް ތާރީހީ ކާމިޔާބުތަކެއް ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗުކަން ދޫކޮށްލި ޒިނެދިން ޒިދާން އެވެ.

ފީފާއިން މީގެ ދެ އަހަރު ކުރިން ތައާރަފްކުރި ބެސްޓް އެވޯޑްސްގެ މި ފަހަރުގެ ހަފްލާ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 24 ވަނަ ދުވަހު ލަންޑަންގަ އެވެ.