ހިޔާގެ ކުދިން އަނަންތާރާ މޯލްޑިވްސްގެ އިންޓާންޝިޕް ފުރިހަމަކޮށްފި
ހިޔާގެ ކުދިން އަނަންތާރާ މޯލްޑިވްސްގެ އިންޓާންޝިޕް ފުރިހަމަކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ކުދިންނަށް އަނަންތާރާ މޯލްޑިވްސް އިން ހިންގި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރި ކުދިން އިއްޔެ ދަސްވެނިވެއްޖެ އެވެ.

ޕްރޮގްރާމް ފުރިހަމަކުރި ޖުމްލަ ނުވަ ކުދިން ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވީ ހޮޓެލް ޖެންގަ އެވެ. މި އަހަރު މި ނިމުނީ، 2014 ވަނަ އަހަރުން ފެށިގެން އަނަންތާރާ ރިސޯޓުން ކޮންމެ އަހަރަކު "ޔަންގް އެކްސްޕްލޯރާ"ގެ ނަމުގައި ކުރިއަށް ގެންދާ އިންޓާންޝިޕްގެ ހަތަރު ވަނަ ބުރެވެ.

އޮސްޓްރޭލިޔާ އިން އެކްރެޑިޓްކޮށްފައިވާ ލެވަލް ތިނެއްގެ ސެޓްފިކެޓެއް ބައިވެރިންނަށް ދިން އިރު، ޕްރޮގްރާމު ފުރިހަމަކުރި ކުދިންނަށް ވަނީ، އަންނަ އޮގަސްޓު މަހުން ފެށިގެން އެ ރިސޯޓުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ދީފަ އެވެ.

ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުން އަންނަ ކުޑަކުދިން ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ތަފާތު ފުރުސަތުތައް ތަނަވަސް ކޮށްދިނުމުގެ ގޮތުން، އަނަންތާރާ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީއާ ދެމެދު އެމްއޯޔޫގައި ސޮއި ކުރީ ޖެނުއަރީ 21، 2017 އެވެ.