26 ޖުލައި 2018 - 09:47

އިންޑިއަން އައިޑޮލް ސީޒަން 10 ގެ ގާލާ ރައުންޑް 14 ބައިވެރިންނާ އެކު އަންނަ ހަފުތާގައި ފަށަން ތައްތާރުވެއްޖެ އެވެ.

ފާއިތުވި ހޮނިހިރު ދުވަހުގެ ރެ އާއި އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްތައް ނިންމައިލީ ތިއޭޓަ ރައުންޑަށް ދަތުރު ކުރި 18 ބައިވެރިންގެ ތެރެއިން 14 ބައިވެރިން ގާލާ އަށް ކަށަވަރު ކުރުމަށް ފަހު އެވެ. މިއީ އިންޑިއަން އައިޑޮލްގެ ތާރީހުގައި ވެސް ގާލާ އިން 14 ބައިވެރިއަކަށް ފުރުސަތު ދިން ފުރުތަމަ ފަހަރެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިިޑޮލްގެ ޝޯތައް ބާއްވަމުން އަންނަ އިރު، ގާލާ އިން އާންމުކޮށް ފުރުސަތު ދެނީ 12 ބައިވެރިއަކަށެވެ.
ނަމަވެސް މި ފަހަރު އޮޑިޝަނަށް ދިޔަ ބައިވެރިންގެ ތެރެއިން ތިއޭޓަ ރައުންޑާ ހަމައަށް ދަތުރު ކުރި ލަވަކިޔުންތެރިންގެ ތެރެއިން ގިނަ ބައިވެރިން އާދަޔާހިލާފު މޮޅު ހުނަރުތަކެއް ދައްކުވައި ދީފައިވާތީ 14 ބައިވެރިއަކަށް ފުރުސަތު ދޭން ނިންމީ އެވެ.
ބައެއް ބައިވެރިން ވަނީ ދެ ފަހަރެއްގެ މަތިން ގޯލްޑެން މައިކް ވެސް ހާސިލްކޮށްފަ އެވެ.
1. ނިތިން ކުމާރް (ހިމާޗަލް ޕްރަދޭޝް)
2. ސޯމިއާ ޗަކްރަބަރަތީ (ވެސްޓް ބެންގާލް)
3. ބިޝްވަޖީތު (އޮރިއްސާ)
4. ސަލްމާން އަލީ (ހަރިޔާނާ)
5. ކްރިޝްނަކާލީ ސާހޫ (ތުރިޕޫރާ)
6. އަންކުޝް ބަރަދްވާޖް (ހިމާޗަލް ޕްރަދޭޝް)
7. ރެނޫ ނަގަރް (ރާޖަސްތާން)
8. އިންދިރާ ދާސް (ވެސްޓް ބެންގާލް)
9. އަވަންތީ ޕަޓޭލް (މުމްބާއީ)
10. ކުނާލް ޕަންޑިތު (މުމްބާއީ)
11. ސޯރަބް ވަލްމިކީ (އުއްތަރު ޕްރަދޭޝް)
12. ވިބޯ ޕްރަޝާރް (ނިއު ދިއްލީ)
13. ނީލަންޖަނާ (އަލިޕޫރް)
14. ސޯނިއާ ގަޒްމާ (ވެސްޓް ބެންގާލް)
ސޮނީން ގެނެސްދޭ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުންގެ ތެރޭގައި ހިމެނެނީ މި ޝޯގެ އާންމު ޖަޖް އަދި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކާއި އިންޑިއަން އައިޑޮލް ޖޫނިއާގައި ޖަޖްކަން ކުރި މިއުޒިކް ކޮމްޕޯޒަރު/ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީގެ އިރުން ނޭހާ ކައްކަރް އެވެ.
ނޭހާއަކީ އިންޑިއަން އައިޑޮލް ސީޒަން ދޭއްގައި 2005 ގައި ވާދަ ކުރި ބައިވެރިއެކެވެ. އޭނާއަކީ މިހާރު އިންޑިއާގައި ތިބި އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެކެކެވެ.
ސޮނީން "އިންޑިން އައިޑޮލް" ސީޒަން 10 ގެ އެޕިސޯޑްތައް ގެނެސް ދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ގެނެސް ދިން އިންޑިއަން އައިޑޮލް ސީޒަން 9 ކާމިޔާބު ކުރީ ކެރެލާ އަށް ނިސްބަތްވާ އެލްވީ ރެވަންތު އެވެ.