25 ޖުލައި 2018 - 10:21

(އާދިއްތަ ދުވަހާ ގުޅޭ)
މަންމަ ހުރީ ނަމާދަށެވެ. ނަމާދު ނިމެންދެން ޖިނާ އެނދުގައި އިށީނދެލައިގެން އިނެވެ. ސަލާންދީފައި އަޒީޒާ ބަލައިލިއިރު ޖިނާ އޮތީ ދެފައި ތިރިއަށް ބާލައިގެން އެނދު ހުރަހަށް އުއްޑުން އޮށޯވެގެން ލޯމަރައިލައިގެންނެވެ.
"ދަރިފުޅާ!" ނަމާދުދޮޅި ބާލަމުން އަޒީޒާ ގޮވައިލިއެވެ. "ހާދަހާ ބޮޑު ފިކުރެއްގަ ތި އޮތީ؟"
"ފިކުރެއް ނުކުރަމޭ މަންމާ!" ތެދުވަމުން ޖިނާ ބުންޏެވެ. "ކިހިނެކޭ ވީ؟ ފޯނުން އެ ވާހަކައެއް ނުދެއްކޭނޭ ބުނީމަ އައި ގޮތަށް މި ތަނަށް މި އައީ."
ނަމާދުދޮޅި ފަތްޖަހައިފައި އަރިމަތީ ކަފޭރާއަށް ލައިފައި އަޒީޒާ އެނދުގައި އިށީނދެލިއެވެ. ވާހަކަ ފަށާނެ ގޮތަކާމެދު ކުޑަކޮށް ވިސްނައިލިއެވެ.
"މަންމައަށް އެނގޭ ދަރިފުޅު ކުރާކަމެއް ކުރާނީ ވަރަށް ވިސްނާފަކަން،" އަޒީޒާ ބުންޏެވެ. "ދަރިފުޅު އިންނަން ތިއުޅެނީ ކޮންކަހަލަ ކުއްޖަކާ؟ މީގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން މަންމައަށް ނިދިފައޮއްވާ ވަރަށް އެހެންކަހަލަ ހުވަފެނެއް ފެނިއްޖެ! ދެން ކޮންމެހެން އެ ހުވަފެން ކިޔައިދޭކަށް ބޭނުމެއް ނޫން. ޒޫނާ އެއީ ކޮންކަހަލަ ކުއްޖެއް؟"
ޖިނާ ވިސްނައިލިއެވެ. މަންމަމެންގެ އުމުރަކީ ހުވަފެނާއި، ޔޯލަވާހަކަތައް ގަބޫލުކުރާ އުމުރެކެވެ. ޒޫނާއަށް ދިމާވި ހާދިސާ ކިޔައިދީފި ނަމަ ދެން ވާނީ ކިހިނެއްކަން ޖިނާއަށް އެނގެއެވެ.
"އަހަރެން ވަރަށް ރަނގަޅަށް ދަންނަ ކުއްޖެއް އެއީ،" ޖިނާ ޔަގީންކަން ދިނެވެ. "މުޅި ރާއްޖޭގަ ވެސް ހިޔެއްނުވޭ އެ ކަހަލަ ކުއްޖެއް އުޅޭނެހެނެއް. ވަރަށް ކިޔަމަންތެރި.."
ކުއްލިއަކަށް ޝާޒްލީ ދޮރު ހުޅުވައިލިއެވެ.
"ބުޅާ ގޮވައިގެން މި ތަނަށް ނުވަދޭ ދަރިފުޅާ!" އަޒީޒާ އަވަސްއަވަހަށް ބުންޏެވެ.
"މިއޮތީނު ބައްޕަ!" ޝާޒްލީ އެތެރެއަށް ވަންނަމުން ބުންޏެވެ. "ކޮންގްރެޓްސް އިނގޭ!"
ޖިނާއަށް މަރުޙަބާކިއީ ކީއްވެގެންކަން ނޭނގޭތީ އަޒީޒާ ހައިރާންވެފައި ޝާޒްލީއަށް ބަލައިލިއެވެ.
"ބައްޕައަށް މިއަދު އެވޯޑެއް ލިބުނޭ. ނޫހުގަ އެބައޮތް ފޮޓޯޖަހާފަ. ފްރެންޑެއް އެ ފޮޓޯ ދެއްކީ،" ޝާޒްލީ ބުންޏެވެ. "ޖެހޭނެ މިއަދު ޕިއްޒާ ގެންނަން."
"މައްސަލައެއް ނޯންނާނެ." ޖިނާ ޖަވާބުދިނެވެ.
ޖިނާ ފުންމައިގެން ތެދުވިއެވެ. ޝާޒްލީ ގޮވައިގެން ބޭރަށް ނުކުތެވެ. ފަހަތުން އަޒީޒާ ވެސް ނުކުތެވެ. އެންމެން މިސްރާބުޖެހީ ސޯފާއަށެވެ. ޓީވީ ހުރީ ހުޅުވައިފައެވެ. ސޯފާގައި ފުރަތަމަ އިށީނީ ޖިނާއެވެ. ޖިނާގެ ކަނާއަތްފަރާތުގައި އަޒީޒާ އިށީނެވެ. ވަގުތުން ޝާޒްލީ ބޮޑާހާކައިލިއެވެ. ގޮނޑީގައި ނުއިށީނދެ މާމައަށް ލޯއަޅައިލިއެވެ.
"ހުނ!" އަޒީޒާ ތެދުވަމުން ބުންޏެވެ. "މީ އަދި ވަކި ތާކު ނޫނީ ނީށީނދެވޭ އަންހެނެކޭ ދޯ!"
އަޒީޒާ ތެދުވުމުން އެ ޖާގައިގައި ޝާޒްލީ އިށީނެވެ.
"ބައްޕަގެ ރައިޓްސައިޑް އެއީ ރިޒާވް ތަނެއް،" ޝާޒްލީ ފަޚުރުވެރިވެލައިފައި ބުންޏެވެ. "އޮންލީ ފޯ މީ!"
"ޔަގީންތާ!" ޖިނާ އެއްބަސްވަމުން ޝާޒްލީގެ ބޮލުގައި ފިރުމައިލިއެވެ. "ކޮބައިތަ ފަޒޭލާ ސުހޭލު؟"
ފަޒޭލު ކޮޓަރިން ނުކުތެވެ. ބުޅާ ފުންމައިގެން ޖިނާގެ އުނގަށްއެރިއެވެ.
"ބޭބެ ނެތް ގެޔަކު،" ސޯފާގެ އަތްގަނޑުގައި އިށީންނަމުން ފަޒޭލު ބުންޏެވެ. "އެކަމަކު މިހާރު އަންނާނެ. ކޯޗެއް ބައްޕަ ތި ހޯދަނީ؟"
"ޓީވީ ނިއްވާލަންވެގެން ރިމޯޓު މި ހޯދަނީ." ޖިނާ އެކި ދިމަދިމާއަށް ނަޒަރުހިންގަމުން ބުންޏެވެ.
"ތިއޮތީނު ރިމޯޓު!" ކައިރީގައި ހުރި މޭޒަށް އިޝާރާތްކޮށްލަމުން އަޒީޒާ ބުންޏެވެ. "ދަރިފުޅަކަށް ނުފެނޭ؟"
ޖިނާ އައިނުއެޅިއެވެ. މަންމަ ބުނި ފަދައިން ރިމޯޓު އޮތީ ދެތިން ފޫޓު ދުރުގައެވެ.
"ކީއްކުރާނީ މަންމާ!" ރިމޯޓު ނަގަމުން ޖިނާ ބުންޏެވެ. "ލެންސް ހައްދަން ދާންވީ. ހައްތާ ވެސް ދާންދާން. ކޮބާ މިއަދުވެސް ވަޒީފާ ސިޓީގެ ޖަވާބެއް ނުލިބޭ؟ ބައްޕައަކީ އެކަކަށް ވެސް ގަދަކަމުން ކިޔައިވައިދޭނެ މީހެއް ނޫން. އެ ކުއްޖަކު ކިޔަވާނެ ހިސާބެއް އެނގޭނީ އެ ކުއްޖަކަށް. އެކަމަކު ޖެހޭނެ ވަޒީފާއެއް އަދާކުރަން."
ވަޒީފާގެ ކަންތައް ދިޔައީ ހަމަޖެހެމުންނެވެ. ހާމަކުރާ ވަގުތު ނުޖެހެނީއެވެ. ފަޒޭލު ހުލާސާކޮށްލިއެވެ.
"ޝާޒްލީއަށް ކަމުދާ ތަނެއް ނުފެނިގެން ލަސްވީ،" ފަޒޭލު ބުންޏެވެ. "މިހާރު އޯކޭވެއްޖެ! ތިން މީހުން އެއްކޮށްހެން ހީވަނީ ޖޮބަށް ނުކުމެވޭނީ. ބައްޕައަށް ވަރަށް އަވަހަށް ސަޕްރައިޒެއް ދޭނަން. ސެލަބްރޭޓް ކުރާނަންތަ؟"
"ތީ ދެން އަހާ ކަހަލަ އެއްޗެއް ވެސް ނޫނެއްނު!" ޖިނާ ޔަގީންކަންދިނެވެ. "ބައްޕަ ވެސް މިހެން އުޅެލާފަ ދޭނަން ސަޕްރައިޒެއް. އެ ވާނެ ފިސާރި ސަޕްރައިޒަކަށް. ބަލަންތިބޭ!"
އިތުރު ތަފުސީލެއް ނުދީ ޖިނާގެ ވާހަކަ އެ ހިސާބުން ނިންމައިލީއެވެ. ޝާޒްލީ ގަޔަށް ކުއްލި ހޫނެއްވިހެން ޝާޒްލީއަށް ހީވިއެވެ. އެ ހޫނުކަން ޖިނާއަށް ވެސް އިހުސާސްކުރެވުނެވެ. ހީވިގޮތެއްކަމަށް ބަލައިފައި ޖިނާ އަޅާނުލީއެވެ. ސޯފާގެ ކުރިމަތީގައި ހުއްޓިގެން ހުރީ ކާކުކަމެއް ޖިނާއަކަށް ނޭނގެއެވެ. އެ ތަނުގައި ތިބި އެކަކަށް ވެސް "އޭނައެއް" ނުފެނެއެވެ. އިންސާނަކަށް ނުވީތީއެވެ. އެ ހަށިގަނޑެއްގައި އަލި ޖެހިފައި ރައްދުވާ ކަހަލަ ޖިސްމާނީ ހަށިގަނޑެއްގެ ވެރިޔަކަށް އޭނަ ނުވީތީއެވެ. ޖިންނީންނަކީ އެ ކަހަލަ ބައެކެވެ. ގާތުގައި ހުއްޓަސް ނުވަތަ ޖެހިގެން އޮތަސް އޭނައެއް ނުފެންނާނެއެވެ. ބައެއްފަހަރު ހީއެއް ވެދާނެއެވެ. އާދަޔާޚިލާފު ރޯޅިއެއް ޖެހިލިހެންނެވެ. ހިޔަންޏެއް ހުރަސްކުރިހެންނެވެ. އަލިގަނޑެއް ފެނުނުހެންނެވެ. އެއްބައިފަހަރު ލޯގަނޑުން ފެނިދާނެއެވެ. އަނެއްބައިފަހަރަކު ނުފެންނާނެއެވެ. އެ ބާރަކީ ޖިންނީންގެ ފުރިހަމަ އިޚުތިޔާރަށް ދޫކޮށްލެވިފައިވާ ކަންކަމެވެ. އެހެންނަމަވެސް ޖިންނީންގެ ކުޅަދާނަކަމާ މެދުގައި ހައިރާންވާކަށް ނުޖެހެއެވެ. ބިރުގަންނާކަށް ވެސް ނުޖެހެއެވެ. އެ ހުރިހައި އިހުސާސެއް ޙައްޤުވަނީ ޖިންނީންނާއި އިންސީން ވެސް އުފެއްދެވި ފަރާތަށް އެކަންޏެވެ. ހަމައެކަނި ﷲ އަށެވެ. ޖިނާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި އިފުރީތު ވައިގެތެރެއަށް ފޭދިގެންދިޔައެވެ. ހިރަފުސްކޮޅެއް ފަދައިންނެވެ. ލޮލަށް ނުފެންނަހާ ކުދިކުދިވެގެން، ކަންފަތަށް ނީވޭހާ ހަމަހިމޭންކަމާ އެކުގައެވެ. ބޮޑުކޮޓަރީގެ ދޮރާއި ކަނީގެ ހިންމިތެރެއިން ފޭދިގެން ވައިތެރެއަށް އަރައިގެންދިޔައީ ވިދުވަރެއްހެންނެވެ. އެ ވިދުވަރުގެ އަލި ގޭތެރެއަށް އެޅުނެވެ.
"ވިދާލީތަ؟" ޖިނާއަށް ބުނެވުނު ވެސް މެއެވެ.
އެހެން މީހަކު މާ ބޮޑު ޝައުޤުވެރިކަމެއް ނުދެއެވެ. ދިޔަ ބާރުމިނުގައި އިފުރީތު މައްޗަށް އަރައިގެން ގޮސް މަދޮށްޓަކަށް ވުރެ މާލެ ކުޑަކޮށްފައި އަނެއްކާ ބިމާ ދިމާއަށް މިސްރާބުޖެހިއެވެ. ބަޑިއަކުން ދޫކޮށްލި ވަޒަނެއްހެން ދިޔަގޮތަށް ގޮސް ޒޫނާގެ ގޭގެ ފުރާޅުން އެތެރެއަށް ދެމިގަތެވެ. ހަމަހިމޭންކަން ވެރިވެފައިވާ ބޮޑުކޮޓަރީގެ ހަމަހިމޭންކަން އިތުރަށް ފުންކުރަމުންނެވެ. މޭޒު ކައިރީގައި ގާދިރު އިނެވެ. ގަޑީގައި އާ ކަމަރެއް އެޅުވުމުގެ މަސައްކަތުގައެވެ. އެ ތަނުގައި އިފުރީތެއް ހުރިކަމެއް ގާދިރު ނުވެސް ދެނަހުއްޓެވެ. އެ ގެޔަކީ ގާދިރު ފެންކިޔަވައިފައިވާ ތަނެކެވެ. އޭގެ އުނދަގޫ އިފުރީތަށް ކުރިއެވެ. މުޅި ތަން ފެންނަނީ ފުސްކޮށެވެ. ހީވަނީ ދުންއަޅައިފައި އޮތްހެންނެވެ. އެހެންނަމަވެސް، އާންމުގޮތެއްގައި އިފުރީތުންނަކީ ޖިންނީންގެ ތެރެއިން އެންމެ ބާރުގަދަ މަޚްލޫޤުންނެވެ. ފަސޭހައިން ފައްސައިނުލެވޭ، ގޮތް ހުސްކޮށްނުލެވޭ ގިންތީގެ އަހުލުވެރީންނެވެ. އައި ބޭނުން ފުއްދައިގެން ނޫނީ ދާހިތްނުވާ ފަހުލަވާނުންނެވެ. އިރުކޮޅަކުން އެ ތަނަށް ސަކީނާއާއި ޒޫނާ ނުކުތެވެ. ދަހިވެތިކަމާ އެކުގައި ޒޫނާގެ މޫނަށް ބަލަހައްޓައިގެން އިފުރީތު ހުއްޓެވެ. ގަދަކަމުން ކަމެއް ކުރާނެ ނަމަ އެ ކަމެއް ކުރުމަކަށް އޭރު ވެސް ހުރަހެއް ނެތެވެ. އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ޒޫނާ ޖަހައިގަނެގެން ވެސް އޭނައަށް ދެވުނީހެވެ. ހިތާމައަކީ، ޒޫނާ ފެންނައިރަށް އެ ހިތުގައި ލޯބި އުތުރިއަރަން ފަށާކަމެވެ. ރުހުމާއި އެކުގައި ޒޫނާގެ ލޯބި ހާސިލުކުރަން ބޭނުންވާކަމެވެ. އެ ވަގުތު ޖެހެނީއެވެ. ޒޫނާގެ ސިކުނޑިއަށް ވަސްވާސްލުމުގެ ފުރަތަމަ ހަރުފަތަށް އިފުރީތު އެރިއެވެ.
"މި ގެއަކު ޕާޓީއެއް ނުބޭއްވޭނެއްނު،" ގާދިރު ބުންޏެވެ. "ރަނގަޅު ހޯލެއް ލިބޭތޯ ބަލަމާ!"
"އަހަރެން ބޭނުމެއް ނޫން ޕާޓީ ބާއްވާކަށް،" މޭޒު ކައިރީގައި ހުރި ގޮނޑި ދަމައިލައިފައި އިށީންނަމުން ޒޫނާ ބުންޏެވެ. "ކޯޓަށް ގޮސް ކައިވެނިކޮށްލީމަ ނިމުނީނު. ޖިނާ ވެސް ބޭނުންވަނީ އެހެން ހަދަން."
"ތީ ހަމަ މަންމަ ވެސް ބޭނުންވި ގޮތް،" މޭޒު ކައިރީގައި ކޮޅަށްހުރި ސަކީނާ ބުންޏެވެ. "ފާޑުފާޑުގެ ތަންތަނުގަ ޕާޓީ ބާއްވަން އުޅެނިކޮށް އަނެއްކާ ވެސް ޖިންނި އަވަލަވާފާނެ. ރަނގަޅަށް ވެއްޖެއްޔާ މިހާރު މި ތަނުގަ ހުންނާނެ އަޑުއަހަން."
"ދެން މަންމާ!" ސަމާސާ ގޮތަކަށް ޒޫނާ ބުންޏެވެ. "ގާދިރުބޭ ބުނި މި ގޭގެ ދޮރުން އެތެރެއަކަށް އެ ކަހަލަ އެއްވެސް އެއްޗަކަށް ނުވަދެވޭނޭ."
ގާދިރު ގަޑި ހިފައިގެން ހޮޅިބުރި ކައިރިއަށް ޖެހިލިއެވެ.
"ކަށަވަރުތާ!" ގާދިރު ބުންޏެވެ. "ދެފައި ކަށިމަތި ބިންދާލާނަން."
"އެކަމަކު ޖިންނިސައިތާނުން ގޭގެއަށް ވަންނަނީ ދޮރުންތަ؟" ސަކީނާ ސުވާލުކުރިއެވެ. "އެއީ ފާރުގެތެރެއިންނާ، ތަޅުވަޅުގެ ތެރެއިން ވެސް ދެމިގަންނަ ބައެއް."
ސަކީނާގެ ތަޢުރީފު އަޑުއިވުފައި އިފުރީތުގެ މޫނުމަތިން ކިބުރުވެރިކަން ފާޅުވިއެވެ.
"ބަލަ ސަކީނާ ދުށީމެއްނު އަހަރެން މުޅި މި ގެޔަށް ފެންކިޔެވިތަން،" ގާދިރު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "މި ގެ ފެންނަ ހިސާބަށް ވެސް ޖިންނީންނަކަށް ނާދެވޭނެ. އަންދާ އަޅިޔަށް ހަދައިލާނަން."
ކުއްލިއަކަށް ހޮޅިބުރި އެނދިއެވެ.
"ކަންތަކާ ޖެހުނީ!" ގާދިރު ޗޮކެއްކަނޑައިފައި ބުންޏެވެ. "އެ ހޮޅުބުރި ޖެހިތާ އަދި ހަފުތާއެއް ނުވާނެ. މިހިރީ ގަޑިއަށް ކަމަރު ލެއްވިފައެއްނު! މިހާރު ނޭނގެ ފިހާރައެއް ވެސް ހުޅުވައިފަ ހުންނާނެކަމެއް. ކޮބައިތަ އުއްބައްތި؟"
ސަކީނާ އުއްބައްތި ދިއްލިއެވެ. ހޮޅިބުރިއަށް ކަޅިއަޅައިގެންހުރި އިފުރީތު އައިސް ޒޫނާ ގާތަށް ހުއްޓުނެވެ. ޒޫނާގެ މޫނަށް ފުމެލިއެވެ. ވަރަށް މަޑުމަޑުންނެވެ.
"އަހަރެންނަށް ވަރަށް ސަޅި އައިޑިޔާއެއް އަތުވެއްޖެ މަންމާ!" ޒޫނާ ކުއްލިއަކަށް ބުންޏެވެ. "ޕާޓީ ނުބޭއްވިޔަސް ކުޑަ ސަޔެއް ހަދައިލަމާ! ހުޅުމާލެ ނޫނީ ވިލިނގިލި ކަހަލަ ތަނެއްގެ ގޮނޑުދޮށް ކިހާ ސަޅިވާނެ؟ ސާދަފަނަރަޔާ ކަންނޭނގެ ދިމާވާނީ. ޖިނާއަށް ވެސް އޭރުން ޔަގީންވާނެ މިހާރު އަހަރެން އެއްކޮށް ރަނގަޅުވެއްޖެކަން."
ގާދިރަށް ބަލައިލެވުނީ ސަކީނާގެ މޫނަށެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން ވެސް، ބޮލުގެ އިޝާރާތުން ސަކީނާ ނޫނެކޭ ބުނިތަން ގާދިރަށް ފެނުނެވެ.
"ހަނދުވަރުމަތީގަ؟" ކަރުކެހިލައިފައި ގާދިރު ބުންޏެވެ. "ކޮންމެހެން އެހާ މުހިންމުތަ؟"
"ގާދިރުބެއަށް އެނގޭތަ؟" ޚިޔާލަކަށް ގެއްލިގެން އިން ޒޫނާ ބުންޏެވެ. "އަހަރެން ހާދަ އިންނަހިތްވާ ތަނެކޭ އެއީ. އެކަމަކު ފަތިސްހަނދުވަރު މިހާރު ހިތަށްއެރިޔަސް ކޮންމެވެސް ބިރުވެރިކަމެއް ހަނދާންވަނީ. އަހަރެން ބޭނުން އެހެން ބުނީމަ އުފާވެރިކަމެއް ވެސް ހަނދާންވާން. އަހަރެން ބޭނުން އުފާވާ ކަހަލަ ހަނދާނެއް ރައްކާކުރަން."
(ނުނިމޭ)