25 ޖުލައި 2018 - 10:48

ތެލް އަވީވް (ޖުލައި 25) - ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ތުރުކީގައި ކުރައްވަމުން ގެންދަވަނީ އަނދިރި، ޚުދުމުޚްތާރު ވެރިކަމެއް ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފި އެވެ.
ނަތަންޔާހޫ ތުހުމަތު ކުރެއްވި ގޮތުގައި އުރުދުޣާން ގެންދަވަނީ ސީރިއާ އާއި ކުރުދީންނާ ދެކޮޅަށް ގަތުލްއާއްމު ހިންގަމުންނެވެ. އަދި އަމިއްލަ ގައުމުގެ އެތައް ބަޔަކު ޖަލުގައި ބަންދުކުރަމުންދާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
ނަތަންޔާހޫ ކޯފާ އިސްކުރައްވާ އުރުދުޣާން އަށް ފާޑު ވިދާޅުވީ އިޒްރޭލުގެ ވެރިންނަކީ ހިޓްލަރާ އެއްފަދަ ކަމެއް ކަމަށް އުރުދުޣާން ސިފަ ކުރެއްވުމާ ގުޅިގެންނެވެ. އަދި ދުނިޔޭޭގައި އޮތް އެންމެ ނަސްލީ ތަފާތު ކުރުން ބޮޑު ގައުމަކީ އިޒްރޭލް ކަމަށް އުރުދުޣާން ވިދާޅުވުމާ ގުޅިގެންނެވެ. އުރުދުޣާންގެ ފާޑު ވިދާޅުވުން އައިސްފައި ވަނީ އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމަށް އެ ގައުމުގެ ޕާލަމެންޓުން ފާސްކުރުމާ ގުޅިގެންނެވެ.
އުރުދުޣާން ކުރިން ވެސް ވަނީ ނަތަންޔާހޫ އަށް ފާޑު ވިދާޅުވެފަ އެވެ. މި އަހަރު ކުރީކޮޅު އުރުދުޣާން ވަނީ ނަތަންޔާހޫ އަކީ ބިންތައް ފޭރިގަންނަ ޓެރަރިސްޓެއް ކަމަށް ވިދާޅުވެފަ އެވެ.
ތުރުކީ އާއި އިޒްރޭލުން ވަނީ 2010 ވަނަ އަހަރު ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ދެ ގައުމުގެ ގުޅުން 2016 ވަނަ އަހަރު އަލުން ގާއިމްކުރި ނަމަވެސް މި އަހަރުގެ މެއި މަހު ވަނީ އެއް ގައުމު އަނެއް ގައުމުގެ ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.