ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކުރިން އެކުގައި މަސައްކަތްކޮށްފައި ނުވާ ޖޯޑުތައް ސްކްރީނުން ފެނުމަކީ ބެލުންތެރިން އަބަދުވެސް ބޭނުންވާ ކަމެކެވެ. އެގޮތުން ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ތަރިންނަށް ބަލާއިރު، ކުރިއަށް ރިލީޒްވާން ހުރި ވަރަށް ގިނަ ފިލްމްތަކުން ތާޒާ ޖޯޑުތަކެއް ފެންނާނެ އެވެ.

ދެހާސް ސޯޅައިގައި ރިލީޒް ކުރި ކަންނާޑާ ފިލްމް "ކިރިކް ޕާޓީ" ގެ ހިންދީ ރިމެކިން އިއުލާންކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މި ފިލްމްގެ ލީޑް ބަތަލަކީ ކަރްތިކް އަރިޔަން އެވެ. އޭނާއަކީ މި އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި "ސޯނޫ ކޭ ޓިޓޫ ކޭ ސްވީޓީ" ގެ ބަތަލެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ރޮމޭންޓިކް ކޮމެޑީ "ކިރިކް ޕާޓީ" ގެ ހިންދީ ރިމެކިން އިން ކަރްތިކްއާ އެކު ބަތަލާގެ ރޯލް ކުޅޭނީ ޖެކްލިން ފެނާންޑޭޒެވެ. އެހެން ވެއްޖެ ނަމަ މި ފިލްމްވެގެން ދާނީ ޒުވާން މި ދެ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

އޮކްޓޯބަރުގައި ޝޫޓިން ފަށާ "ކިރިކް ޕާޓީ" ގެ ރިމެކިންގެ ޑައިރެކްޓަރަކީ އަބީޝެކް ޖެއިން އެވެ.

ދާދި ފަހުން ލަންޑަނާއި ސްކޮޓްލެންޑްގައި ޝޫޓިން ނިންމައިލު ސުޖޯއި ގޯޝްގެ މާޑާ މިސްޓްރީ "ބަދްލާ" އަންނަ އަހަރުގެ މާޗް 8 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމްގެ މުހިއްމު ތަރިންނަކީ އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫ އެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ 2016 ގައި ރިލީޒް ކުރި ފިލްމް "ޕިންކް" އިންނެވެ.

"ބަދްލާ" އަކީ ޝާހްރުކް ހާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އެޒްއާ އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމަށް ކުރެވޭ އިންތިޒާރީތައް ވެސް ބޮޑެވެ. ވަކިން ހާއްސަކޮށް ސުޖޯއިގެ ފިލްމަކަށްވާތީ ފިލްމް މޮޅު ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އޭނާއަކީ 2012 ގައި "ކަހާނީ" ހަދައިގެން ބެލުންތެރިން ސިއްސުވައިލި ޑައިރެކްޓަރެކެވެ.

އަންނަ މަހުގެ 24 ގައި ރިލީޒް ކުރަން އޮތް ފިލްމް "ލައިލާ މަޖުނޫ" ރިލީޒް ކުރާ ތާރީހު ފަސްކޮށްފި އެވެ. އެކްތާ ކަޕޫރާއި އިމްތިއާޒް އަލީ ގުޅިގެން ގެނެސްދޭ މި ޒަމާނުގެ "ލައިލާ މަޖުނޫ" ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 7 ގަ އެވެ.

މުޅިން އާ ކާސްޓަކާ އެކު ގެނެސްދޭ ފިލްމްގެ ޑައިރެކްޓަރަކީ އިމްތިއާޒްގެ ކޮއްކޮ ސާޖިދު އަލީ އެވެ.

"ލައިލާ މަޖުނޫ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ޖަބް ވީ މެޓް އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދިން ޑައިރެކްޓަރު އިމްތިއާޒެވެ. މި ފިލްމްކީ އެކްތާއާ ގުޅިގެން އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

މަދޫރީ ޑިކްސިޓާއި ޖޫހީ ޗަލްވާ މުހިއްމު ރޯލްތައް ކުޅުނު ފިލްމް "ގްލާބް ގޭންގް" ބެލުންތެރިންނަށް ގެނެސް ދިން ޑައިރެކްޓަރު ސޯމިކް ސެންގެ އާ ފިލްމް "ޗީޓް އިންޑިއާ" ގެ ޝޫޓިން ލަކްނޫގައި ފަށައިފި އެވެ.

އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ދޯހަޅި ކަންތައްތަކަށް އަލިއަޅުވާލައި ހަދާ "ޗީޓް އިންޑިއާ" ގެ އެންމެ މުހިއްމު ތަރިއަކީ އިމްރާން ހާޝިމީ އެވެ.

މި ފިލްމަކީ ޓީ ސީރިޒްގެ ބުޝަން ކުމާރާއި ސޯނަމްގެ "ނީރްޖާ" ގެނެސް ދިން ޕްރޮޑިއުސަރު އަދި މަޝްހޫރު ފޮޓޯގްރާފަރު އަތުލް ކަސްބޭކަރްގެ އިތުރުން އިމްރާން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ގޮތަށް ގެނެސްދޭ ފިލްމެކެވެ.

"ޗީޓް އިންޑިއާ" ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 25، 2019 ގަ އެވެ. އެ ތާރީހަކީ ރިތިކް ރޯޝަންގެ "ސުޕަ 30" އާއި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ" ވެސް ތާވަލުކޮށްފައި އޮތް ތާރީހެވެ.