26 ޖުލައި 2018 - 09:48

ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރް ފަދައިން ހަގު އަންހެން ދަރިފުޅު ހުޝީ ވެސް ބޭނުންވަނީ ބަތަލާއަކަށް ވާން ކަމަށް ބައްޕަ ބޯނީ ކަޕޫރް ބުނެފި އެވެ.
"ސްޕޮޓް ބޯއި އީ" އަށް އޭނާ ބުނި ގޮތުގައި ހުޝީ ވަކި ދާއިރާއެއް އިހުތިޔާރު ކުރާކަށް އެއްވެސް އިރެއްގައި ބާރެއް ނާޅަ އެވެ. އަދި އޭނާ ކުރިއަށްދާން ބޭނުންވާ ކޮންމެ ދާއިރާއަކުން ކުރިިއަށް ދާން އަބަދު ވެސް ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.
ސްރީދޭވީ ބުނެފައިވާ ގޮތުގައި މޮޑެލް ކުރުމަކީ ހުޝީ ވަރަށް ޝައުގުވެރިކަން ހުންނަ ކަމެކެވެ. އެހެންވެ އޭނާ މޮޑެލްއެއްގެ ގޮތުގައި ފެނިދާނެ ކަމަށް ބުނެފައިވެ އެވެ. ހުޝީއަކީ މިހާރު ވެސް އިސްޓަގްރާމްގައި ވަރަށް މަޝްހޫރު ކުއްޖެކެވެ.
"އެކަމަކު މިހާރު ގަބޫލު ކުރެވޭ ހުޝީ ވާނީ ބަތަލާއަކަށްކަން. އެ ކަހަލަ ވާހަކަތަކެއް އޭނަ އެބަހުރި ދައްކާފައި،" ބޯނީ ބުންޏެވެ. "ކުރިން އޭނަ މޮޑެލްއަކަށް ވާން ބޭނުންވެގެން އެ ވާހަކަ ވެސް ވަރަށް ދެއްކި."
އޭނާ ބުނި ގޮތުގައި ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން މިހާރު ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ އެކްޓަރު އަރްޖުން ކަޕޫރަކީ ވެސް ކުރިން ފިލްމް ކުޅޭނެ ކަމަށް ގަބޫލު ކުރެވުނު މީހެއް ނޫނެވެ.
"އެކަމަކު އެކްޓް ކުރުމަކީ އޭނަގެ ކިބައިގައި ހުރި ހުނަރެއް ކަމަށް ސަލްމާން ހާނަށް ފާހަގަ ކުރެވިގެން ދިން ހިތްވަރުން އަރުޖުން އަށް ވެސް ކާމިޔާބު ކެރިއަރެއް ބިނާ ކުރެވުނީ،" ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބޯނީ ބުންޏެވެ. "ދަރިންނަށް ގުދުރަތުން ލިބިފައިވާ ހުނަރެއް ދައްކާލަ ދޭން ފުރުސަތު ދޭން ވާނެ. ހުޝީ އަށް އެ ފުރުސަތު އަބަދު ވެސް ފަހިވެފައި އޮންނާނެ."
ހުޝީ، 17، ބޮލީވުޑަަށް ނުކުންނަން ޝައުގުވެރިކަން ހުރި ނަމަވެސް އޭނާ ފިލްމް ކުޅެން ފަށާނީ ކޮން އިރަކުން ކަމެއް އަދި ނޭނގެ އެވެ. ދައްތަ ޖާންވީ، 21، ގެ ކެރިއަރު ވެސް އަދި ކިރިޔާ ފެށުނީ އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" ގައި އޭނާ ދައްކުވައި ދީފައިވާ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.
ބޯނީގެ ދެ ކައިވެންޏަށް ލިބުނު ހަތަރު ދަރިންގެ ތެރެއިން ފުރަތަމަ ކައިވެންޏަށް ލިބުނު އަންޝުލާ ކަޕޫރް، 25، އަކީ ފިލްމީ މަސައްކަތްތަކާ އެއްވެސް ވަރަކަށް އުޅޭ ކުއްޖެއް ނޫނެވެ. އެކަމަކު އޭނާ ކުޑައިރު ސްކޫލްގައި އުޅުނު އިރު ތިއޭޓަޕްލޭތަކުގައި ވަރަށް ގިނައިން ބައިވެރިވެފައިވެ އެވެ.
ބޯނީ ބުނި ގޮތުގައި އަންޝުލާއަކީ ކިޔަވަން ވަރަށް ލޯބި ކުރާ ކުއްޖެކެވެ. އޭނާއަކީ ނިއުޔޯކްގެ ބާނާޑް ކޮލެޖުންނާއި ކޮލަމްބިއާ ޔުނިވަސިޓީގެ ގްރެޖްއޭޓެކެވެ.