02 އޯގަސްޓް 2016 - 08:53

މި ފަހަރުގެ ސީޒަނާ އީގަލްސް ކުރިމަތިލީ އާދައިގެ ސްކޮޑަކާ އެކު އެވެ. މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ކެޕްޓަން އިސްމާއިލް އީސާ (މެސީ) އާއި ޔަޝްފާދު ހަބީބް (މުލަކޭ) ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ. ބަދަލުގައި ގެނައީ ޒުވާން ކުޅުންތެރިންނެވެ. އެކަމަކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ނުވަ މެޗު ކުޅުނުއިރު، ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އީގަލްސް އެވެ.

ލީގުގެ ދެ ވަނައިގައި މި ވަގުތު އީގަލްސް އޮތީ ނުވަ މެޗުން 17 ޕޮއިންޓާ އެކު އެވެ. ލީގުގައި މާދަމާރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމުގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) "މިހާރު" އަށް ބުނީ އީގަލްސްގެ ޒުވާން ކުޅުންތެރިން މި ސީޒަނުގައި ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން މީހުން އެ ޓީމާ މެދު ދެކޭ ގޮތް ތަފާތުވެފައިވާ ކަމަށެވެ.
"މިއީ ވަރަށް ދުރާލާ ރާވައިގެން ހަތަރު އަހަރު ވަންދެން އެއް ޒުވާން ކުޅުންތެރިންތަކެއް އެއް ޓީމަކަށް ކުޅުވައިގެން ޓީމެއް ބިނާކުރުމުގެ ފައިދާ. ވަކިވަކި ކުޅުންތެރިންނަށް ވުރެން ބޮޑަށް ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތެއް މިއީ. ހަގީގަތުގައި ޓީމެއް ބިނާކުރުމަކީ ތަށްޓެއް ހޯދުމަށް ވުރެން އުނދަގޫކަމެއް. އީގަލްސް އަށް ޓީމެއް ބިނާ ކުރެވިއްޖެ. ދެން މިހާރު މި އުޅެވެނީ އިރާދަކުރެއްވިއްޔާ ތަށްޓަކާ ވެސް ވަރަށް ގާތުގައި،" ސާންތީ ބުންޏެވެ.
އޭނާ ބުނީ އީގަލްސް އިން ޓީމެއް ބިނާކުއިރު އެންމެ ބޮޑު އިސްކަމެއް ދިނީ ވީހާވެސް ގިނަ ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
"ނަތީޖާ ނެރުމާ އެއްވަރަށް އަޅުގަނޑު އިސްކަމެއް ދެން ކުޅުންތެރިންނަށް ފުރުސަތު ދޭން. މި އަހަރު ވެސް މިދިޔަ ނުވަ މެޗުގައި އަޅުގަނޑުމެން ތަފާތު 23 ކުޅުންތެރިއަކަށް ޓީމުން ޖާގަ ދީފިން. އެއީ ފުރަތަމަ އެގާރައިގައި ވިޔަސް ފަހު މިނިޓް ކަމަށް ވިޔަސް ބޭނުންވަނީ އެ ކުޅުންތެރިއަކަށް ޕްރެޝަރާ ކުރިމަތިލާން ދަސްކޮށްދޭން އެ ފުރުސަތު ދޭން. ދޭ ފުރުސަތުތަކުގެ ބޭނުން ކުޅުންތެރިން ހިފާ ކަމުގެ ނަތީޖާ މި ފެންނަނީ،" ސާންތީ ބުންޏެވެ.
އޭނާ ބުނީ މެޗަކަށް ފަހު މެޗެއް ބަލިނުވެ ނިންމޭތީ ކުޅުންތެރިންގެ ހިތްވަރު ވެސް ވަރުގަދަ ވަމުން އަންނަ ކަމަށާއި ކުޅުންތެރިންގެ ވިސްނުމުގައި ވެސް މިހާރު އެއް ޕޮއިންޓަށް ވުރެ ބޮޑަށް އޮންނަނީ ތިން ޕޮއިންޓް ހޯދުން ކަމަށެވެ.
ބީޖީ އަތުން މޮޅުވުމަކީ މިދިޔަ ސީޒަނުގައި ވެސް އީގަލްސް އަށް ވަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. މިފަހަރު ލީގުގެ ފުރަތަމަ ބުރުގައި މިި ދެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ބީޖީ މިވަގުތު ލީގުގެ އެންމެ ފުލުގައި އޮތް ނަމަވެސް ސާންތީ ބުނީ މެޗު ފަސޭހަކޮށް ނުލާނެ ކަަމަށެވެ.
"ފާއިތުވި ދޮޅު އަހަރަށް ބަލާއިރު ވެސް އީގަލްސް އަށް ބީޖީ އަތުން މޮޅެއް ހޯދަން ވަނީ އުނދަގޫވެފައި. ބީޖީގެ ރޭވުން އަބަދުވެސް އީގަލްސްއާ ދެކޮޅަށް މަސައްކަތް ކުރޭ. އެ ހުރިހާ ކަމަކަށް ބަލާއިރު ބީޖީއާ ދެކޮޅަށް ސަމާލުވާން ޖެހޭ،" ސާންތީ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް ކުޅުނު ތިން މެޗެއް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެ ތިން މެޗުގައި ވެސް އީގަލްސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. ސާންތީ ބުނީ މި ފަހަރުގެ ޓްރާންސްފާގައި މެސެޑޯނިއާގެ ފޯވާޑް ރިސްޓޭ ނައުމޯވް އެ ޓީމާ ގުޅުމުން، ލަނޑު ނުޖެހުމުގެ މައްސަލަ އަށް ހައްލެއް ލިބެމުން އަންނަ ކަމަށެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ދިނުމަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ނިންމާފައިވަނީ މާދަމާ ހަވީރު އެވެ. ހަވީރު ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ. މާދަމާރޭ އީގަލްސް ނުކުންނާނީ ބީޖީއާ ދެކޮޅަށެވެ.