ރާއްޖެ ތަރައްގީ ކުރަނީ ޗައިނާ އިން، އިދިކޮޅަށް އެހީވަނީ އިންޑިއާ: ޒުހޫރު
ރާއްޖެ ތަރައްގީ ކުރަނީ ޗައިނާ އިން، އިދިކޮޅަށް އެހީވަނީ އިންޑިއާ: ޒުހޫރު

އިދިކޮޅު އިއްތިހާދުން ވެރިކަމަށް އަންނަން އުޅެނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިސް، އަދި ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ތައްޔާރުކުރި "އަތޮޅު ޖަގަހަ" ހުޅުވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ، ރައީސް ޔާމީން ދެވަނަ ދައުރަކަށް ނުހޮވައިފި ނަމަ ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށެވެ. އަދި ޒުހޫރު ވިދާޅުވީ، ރައީސް ޔާމީން ރާއްޖެ ތަރައްގީ ކުރަމުން ގެންދަވަނީ ޗައިނާގެ އެހީގައި ކަމަށް ވާއިރު، އިދިކޮޅު ފަރާތްތަކުން ތިބީ އިންޑިއާއާ އެކު ކަމަށެވެ.

"އަޅުގަނޑުމެން [ރާއްޖެ ތަރައްގީ ކުރަން] އެހީތެރިކަން މި ހޯދަނީ ޗައިނާ ސަރުކާރުން. ހަމަ އެއާ އެކީ، އިދިކޮޅުން ތިބި ބަޔަކު [ވެރިކަމަށް] އަންނަން މި މަސައްކަތް ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގައި. މި ދެ ބައި [ޗައިނާ-އިންޑިއާ] މީހުންގެ ތަޅާފޮޅުމަކީ އެއްބަޔަކު އަނެއް ބަޔަކު ރާއްޖެ އިން ފައްސައިލުން،" ރާއްޖެއާ މެދު އިންޑިއާ އާއި ޗައިނާ އިން ގެންގުޅޭ ވާދަވެރި ގުޅުމަށް އިޝާރާތް ކުރައްވަމުން ޒުހޫރު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައިސްފި ނަމަ، އިންޑިއާ އިން ބޭނުންވެގެން ޗައިނާގެ އިންވެސްޓްމަންޓުތައް ރާއްޖެ އިން ބޭރު ކުރާނެ ކަން ދޭހަވާ ގޮތަށް ޒުހޫރު ވިދާޅުވީ، އޭރުން ރާއްޖޭގެ އިގްތިސާދު ހީނަރުވެ، ޑޮލަރު މަދުވެ، އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ޑޮލަރުގެ އަގު މަތިވާނެ ކަމަށެވެ.

"އެހެންވީމާ ވިސްނާލައްވާ އަޅުގަނޑުމެން ރާއްޖޭގައި މި އޮތް ތަރައްގީ ކުއްލިއަކަށް ހުއްޓުވާލަން ހިފައިފި ނަމަ ދެން ގައުމަށް ވެގެންދާނެ ގޮތް. ގައުމުގެ އެތެރޭގައި މި އެނބުރޭ ފައިސާ މިއީ މި ތަރައްގީއާ ހެދި އެނބުރެމުން މި ދަނީ. އަޅުގަނޑުމެންގެ ޑޮލަރު ތާށި ނުވެ ކުރިއަށް މި ގެންދެވެނީ މި ތަރައްގީއާ އެކީގައި،" ރައީސް ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުރެއްވި ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން އެދޭ ސަބަބަކީ ރާއްޖެ އެ ހާލަތައް ވެއްޓިޔަ ނުދިނުމަށެވެ.

ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެން ޗައިނާއާ ގާތްގުޅުމެއް ބާއްވާތީ، އިންޑިއާގެ ނުރުހުން ރާއްޖެ އަށް ވަނީ އަމާޒުވެފަ އެވެ. މާލެ-ހުޅުލެ ބްރިޖާއި ފްލެޓް އިމާރާތް ކުރުމުގެ ބިޔަ މަޝްރޫއުތައް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަނީ ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ. އެހެންވެ، މިއިން ޒަމާނެއްގައި ވެސް ޗައިނާއާ އެކު ގުޅުން ރަނގަޅު ނުވާ މިންވަރަށް ރައީސް ޔާމީން ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރައްވައިފަ އެވެ. ހަމަ އެއާއެކު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ދުވަހަކު ވެސް ގޯސް ނުވާ ދަރަޖަ އަށް ގޮސްފަ އެވެ.