ދިހައެއް: ދަލޭކަދައިތަ
ދިހައެއް: ދަލޭކަދައިތަ

(އޮގަސްޓް 1 ގައި ޖެހި ބަޔާ ގުޅޭ)

ބައްތީގެ އަލި އެޅުނު އިރު އެ ދޮރުގެ ހާލަތު ފާތިރަށް ފެނުނެވެ. ޖަހާފައި ހުރީ ބަނބުކެޔޮ ފިލަ އެވެ. ބައެއް ތަންތަނުން ފޫގޮސް، ލޯވަޅުތައް އެޅިފައި ހުއްޓެވެ. ދޮރުގައި ތަންޑެން ނެތެވެ. އޭނާ އަތް ޖައްސާލާފައި މަޑުމަޑުން ކޮއްޕާލުމުން އެއްވެސް އަޑެއް ނީވެ، އެތެރެއަށް ހުޅުވުނެވެ.

ފާތިރުގެ ފުރަތަމަ ފިޔަވަޅާ އެކު ވެސް ވަށައިގެން ބަލައިލެވުނެވެ. އެއީ އެތެރެގެއޭ ކިޔޭ ވަރަށް ވުރެ ވެސް ކުޑަކުޑަ ކޮޓަރިއެކެވެ. އެއް ފަރާތު ފާރުގައި ޖައްސާ ބަހައްޓާފައި ހުރި ލަކުޑި ކުޑަކުޑަ އެނދުގައި ވަނީ ރަނގަޅަށް ތަންމަތި އަޅާފަ އެވެ. މުޅިން ވެސް ބޭނުންކޮށްފައި ހުރީ ހުދު ފޮއްޗެވެ. ބާލީހަކާއި ފާރާ ކައިރީގައި ރީއްޗަށް ބާއްވާލާފައި އޮތް ކަންނެޔޮ ވެސް ސާފު ހުދެވެ.

ރުނބާ ހުރީ އެނދާ ޖެހިގެން ކަހަލަ ގޮތަކަށް ގޭގެ އެއްކޮޅު ފާރު ކައިރީގަ އެވެ. ލަކުޑި މަތިގަނޑެއް ޖަހާފައިވެ އެވެ. އެ މަތިގަނޑު މަތީގައި، ސީދާ މެދަށް ވާ ގޮތަށް ހުރީ ދަގަނޑު ފާޑުގެ މައުދަނަކުން ހަދާފައިވާ ފެން ބޯ ތައްޓެކެވެ.

ދަލޭކަދައިތަ ބުނި ގޮތަށް ފުރަތަމަ ބިސްމިން، އޭގެ ފަހުން ކުރުސި ކިޔާލި އެވެ. ދެން ތަށީގައި ހިފަހައްޓައި، ހަމަ އެ އަތުން ރުނބާގެ މަތިގަނޑު ނެގި އެވެ. ރުނބާ ތެރެއަށް އަލިކޮށްލުމާ އެކު އޭނާ އަށް ފެނުނީ، މެދަކާ ހިސާބަށް ތިރިވެފައި ހުރި ސާފު ފެނެވެ. މަޑުމަޑުން ފެންގަނޑު ތެރެއަށް ތަށި ކޮއްޕާލުމަށް ފަހު ނެގި އެވެ. ދެން އެހާމެ މަޑުން ރުނބާގެ މަތިގަނޑު ބާއްވާލި އެވެ.

ދަލޭކަދައިތަ ކައިރި އަށް ގޮސް، އެއް އަތުން ފުޅިބައްތި އަޅުވާލުމަށް ފަހު، ފެން ތަށި ހިފައިގެން ގޮނޑީގައި އިށީނެވެ. އެދައިތަ އޮތީ ލޯ މަރާލައިގެންނެވެ. ހަދަންވާ ގޮތެއް ނޭނގި، ސުވާލެއްގެ ތެރޭގައި ފާތިރު އިނެވެ. ދެން ކުއްލިއަކަށް ދަލޭކަދައިތައިގެ އަތުން، ފާތިރުގެ ވާތު އަތްތިލާގައި ހިފާލި އެވެ. އޭނާ އަށް ފުރަތަމަ އިހުސާސްވީ ފިނިކަމެކެވެ. އެވަގުތު ލޯ ހުޅުވާލުމެއް ނެތި ދަލޭކަދައިތަ ބުނީ "މަޑުމަޑުން ފެން ތަށި ބޯލާށޭ" އެވެ.

ފާތިރު އެ ފެން ތަށި މަޑުމަޑުން ބޮމުން ދިޔައިރު އޭނާގެ ހަށިގަނޑު ތެރޭގައި ދަތުރުކުރީ އަޖައިބެއް ކަހަލަ އެ ފިނިކަމެވެ. އެ އިހުސާސް ފިލައިގެން ދިޔައީ އެންމެ ފަހު ފެންފޮދު އޭނާގެ އަރުތެރެއަށް އެތެރެވުމާ އެކުގަ އެވެ.

"ދެން ގޮސް ތަށި ހުރި ތަނުގައި ބަހައްޓާފައި، ގެއިން ނުކުމޭ!" އުއްޑުން، ލޯ މަރާލައިގެން އޮތް ދަލޭކަދައިތަ ބުންޏެވެ.

ކިތައްމެ ގިނަ ސުވާލުތަކެއް އުފެދުނަސް އެ ނޫން ގޮތެއް ފާތިރަކަށް ނެތެވެ. މިއީ އޭނާ އަށް ދުވަހަކު ވެސް ކުރިމަތިވި ކަހަލަ ހާދިސާއެއް ނޫނެވެ. އޭނާގެ ސިކުނޑި ވަނީ ބުނަން ނޭނގޭ ބާރަކުން ރަހީނުކޮށްފަ އެވެ. އޭނާ ތެދުވެ، އަނެއްކާވެސް ފުޅިބައްތި ހިފައިގެން ގޮސް، ތަށި ހުރިތާ ބެހެއްޓުމަށް ފަހު ނުކުމެ، ބައްތި އެ ހުރި ތަނުގައި އަޅުވާފައި، އެއްވެސް ސުވާލެއް ނުކޮށް، ގޭގެ ބޭރު ދޮރާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ދޮރުމަތީގައި، ގެއަށް ވަންނަން ތައްޔާރުވެފައި ތިބީ، ހަތަރު އަންހެނުންނެވެ. އެމީހުން ތިބީ ހުސް ރަތުން ފަހާފައިވާ މުސްކުޅި ލިބާހުގަ އެވެ. އެކި ކުލަކުލައިގެ ކަސަބުން ނަލަކަން ގެނެސްފައިވާ ބޯވަޅުން، ފާތިރަށް ފެނުނީ، ވިދުމެވެ. އެކެއްގެ އަތުގައި، ފެން އަޅާ ކުޑަ ލޯގަނޑެކެވެ. އަނެކަކު ކިހިލި ޖަހައިގެން ހުރީ ބަނޑިޔަލެކެވެ. އަނެއް ދެ މީހުންނަކީ އެހީތެރިންނެވެ.

ފާތިރު ގޭގެ ދޮރުން ބޭރަށް ނުކުތެވެ. އޭނާގެ ކޮންމެ ފަރާތަކުން ދެ އަންހެނުން، އޭނާ އަށް ކުޑަވެގެން ކަޅި ވެސް ހިންގާނުލައި، އެތެރެއަށް ވަނެވެ.

ސުވާލުތައް ކިތައްމެ ގިނަޔަސް، އަޖައިބުވުން ކިތައްމެ ބޮޑަސް މިހާރު އޭނާ އެހެރީ އާދަޔާ ހިލާފު ސަގާފަތެއްގެ މެދަށް އާދެވިފަ އެވެ. މި މީހުން މި ކުރަމުން ދާ ކަންކަމުގެ ހަމަ އެއްވެސް މައުލޫމާތެއް ރަށުގެ އެހެން މީހުންނަށް ލިބިފައިނުވާ ކަން ޔަގީނެވެ. މި މީހުން މި އުޅޭ ގޮތް ފެންނަ ނަމަ އެ ވާހަކަ ކޮންމެވެސް ވަރަކަށް ދެކެވޭނެ އެވެ. އެއްގޮތަކީ ދަލޭކަދައިތަ ކައިރިއަށް އަންނަ މީހުންނާ މެދު މި ދެ ގޭ ދޮށުގައި ހިނގާ އެއްވެސް ކަމެއް ރަށުގެ އެހެން ބަޔަކަށް ރޭކާނުލުމެވެ. ކޮންމެވެސް ކަހަލަ ބާރަކުން ވަންހަނާވެފައި އޮތީ އެވެ.

ފާތިރުގެ އަމިއްލަ ގޭގައި ހަދާފައިވާ ބިންގަރާސް ނުވަތަ "އިންސާފުގެ ޗެމްބަރު"ގައި، މީހަކަށް ނުފެންނަ ގޮތަށް ރައްކާކޮށްފައި ހުރި 10 ނަންބަރު ކަބަޑު ހުޅުވާލުމުން އޭނާ އަށް ލިބުނު ހައިރާންކަން، އޭގެ ފަހުން މިހާރު މަހެއް ވީ އިރު ވެސް ފިލައިގެން ނުދެ އެވެ؛ އާންމު އިންސާނުންނަށް ގަބޫލުނުކުރެވޭ ކިތައްމެ ސިއްރެއް، އަޖައިބުތަކެއް އަދިވެސް ދުނިޔޭގައި ބަރާބަރަށް ހިނގަމުން ދާ ކަން އޭނާ ވަނީ، ގަބޫލުކޮށްފަ އެވެ. މި ޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީ އަށް ވުރެ ވެސް، ބައެއް ފަހަރަށް، އެކަންކަމުގެ ބާރުގަދަ އެވެ.

އެ ބޮޑު މަހުޖަނު އިބްރާހިމް މަރުވެދިޔައީ، އޭނާގެ ފުރާނަ އަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް، މޮޅެތި ޑޮކްޓަރުން ނިންމައިގެން ތިއްބަ އެވެ. އޭނާގެ ވަށައިގެން، އެންމެ ޒަމާނީ މެޝިންތައް ހުއްޓެވެ. އޭނާގެ ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ބަރާބަރަށް ރެކޯޑްކުރަމުން، ނަރުހުންނާއި ޑޮކްޓަރުންނަށް ފެންނަމުން ވެސް ދިޔަ އެވެ.

ވަކި ގަޑިއެއް ޖެހުމުން ހަމަ ކުއްލިއަކަށް އިބްރާހިމް މަރުވި އެވެ. އޭގެ ފަހަތުގައި އޮތީ، 10 ނަންބަރު ކަބަޑުގައި، ރައްކާކޮށްފައި ހުރި، ރަން ފުޅިއަކަށް އަޅާފައިވާ ފެނެވެ. އެ ފެނުގެ ބާރެވެ. އެވާހަކަ އެހެން މީހެއް ގާތު ބުންޏަސް ގަބޫލެއް ނުކުރާނެ އެވެ. އޭނާ އަށް އެ އަޖައިބު ހިތުގެ އަޑިން ގަބޫލުކުރެވުނީ އޭގެ ބާރު ތަޖުރިބާކުރެވުމުންނެވެ.

ދަލޭކަދައިތަ އަކީ އޭގެ އަނެއް އަޖައިބެވެ.

ބޭރަށް ނުކުމެ ފާތިރަށް ބަލައިލެވުނީ ޖެހިގެން ހުރި ގެއާ ދިމާއަށެވެ. އެއްކަހަލަ ހަތަރު ފިރިހެނުން ހަމަ އެ ތިބި ގޮތަށް ގުޑާ ވެސް ނުލައި ތިބީ އެވެ. ހަތަރު އަންހެނުންނަކީ އެ މީހުންގެ އަނބިންކަން ފާތިރަށް ޔަގީންވި އެވެ.

ގޭތެރޭގައި އެ އަންހެންވެރިން ކުރަމުން ދިޔަ މަސައްކަތެއް ބަލާކަށް ފާތިރު ނޫޅެ އެވެ. އޭނާ ދޮރުގެ އެއް ފަރާތަކަށް ޖެހި، މަޑުން ހުރީ އެވެ. އޭނާގެ ހަ ވަނަ ހިއްސު ބުނަމުން ދަނީ ކޮންމެވެސް އަމުރެއް، ދަލޭކަދައިތަގެ ފަރާތުން އޭނާ އަށް އަދި އަންނާނެ ކަމަށެވެ.

ދިވެހި ސަގާފީ ހެދުމުން ނަލަވެފައި ތިބި ހަތަރު އަންހެނުން އެ ގެއިން މަޑުމަޑުން ނުކުތީ ދިހަ ވަރަކަށް މިނިޓް ފަހުންނެވެ. ފާތިރުގެ ކުރިމަތިން އެ މީހުން ހިނގައިގަތީ އަނެއް ގެއާ ދިމާއަށެވެ. އެވަގުތު އެތަނުން އެއް ފިރިހެނަކު އޭނާ ކައިރި އަށް އަ އެވެ. އެއީ އެންމެ ފުރަތަމަ ވެސް އޭނާއާ ބައްދަލުކުރި މީހާ އެވެ. އޭނާ އަށް ޔަގީންވީ އެއީ އޭގެ ތެރެއިން އެންމެ ދޮށީ މީހާ ކަމެވެ.

"މިހާރު ވަދެގެން ގޮސް، ގޮނޑީގައި އިށީދޭ!" އެ މީހާ ބުންޏެވެ. ދެން ވަގުތުން އެނބުރި، އައި ކޮޅަށް ހިނގައިގަތެވެ.

ފާތިރު މަޑުމަޑުން އަލުން އެ ގޭތެރެ އަށް ވަދެ، ދަލޭކަދައިތަގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އެހާމެ މަޑުން އިށީނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ލޯ ހުޅުވާލި އެވެ. ހިނިތުންވެފައި، ފާތިރާ ދިމާއަށް ބޯ އަނބުރާލި އެވެ.

"އެއީ އަހަރެން ރީތިކޮށް، އަހަރެން އަބަދުވެސް ވުލޫ މަތީ ބާއްވާ މީހުން. އެއަށް ވުރެ ރަނގަޅު ބަޔަކު ދުނިޔެއަކުން ނުލިބޭނެ،" ދަލޭކަދައިތަ ބުންޏެވެ.

އެ ވާހަކައާ ގުޅުވައިގެން ނެރޭނެ ޖުމްލައެއް ފާތިރަކަށް ނޭނގުނެވެ. އޭނާ ވެސް ހިނިތުންވެފައި އިނދެވުނީ އެވެ.

"ދަރިއަކު ނެތުމަކީ އުނިކަމެއް،" ދަލޭކަދައިތަ ބުނެލި އެވެ. ދެން ފާތިރުގެ ދެ ލޮލަށް ބަލަހައްޓައިގެން އޮތީ އެވެ.

މިފަހަރު ވެސް ދައްކާނެ ވާހަކައެއް ފާތިރަކަށް ނުވިސްނުނެވެ. އެއީ އޭނާއާ ދިމާއަށް ބުނި އެއްޗެއް ކަމެއް، ނުވަތަ ދަލޭކަދައިތަގެ އަމިއްލަ ދިރިއުޅުމަށް އަމާޒުކުރި ހަގީގަތެއް ކަމެއް ނޭނގެ އެވެ.

"އަހަރެންގެ ފިރިމީހާ މަރުވީ ދުނިޔޭގައި އޭނާގެ ނަން ދަމަހައްޓާނެ އެހެން ލެއެއް ނެތި. އަހަރެންގެ ވަގުތު އައިސް އެ ޖެހެނީ މި އާއިލާގެ އިލްމުވެރިކަން ހިމާޔަތްކުރާނެ ދަރިއަކު ނެތި. ކޮންމެ ކަމަކަށް ވެސް ސަބަބެއް ވާނެ،" އެހެން ބުނެފައި އަނެއްކާވެސް ދަލޭކަދައިތަ މަޑުކޮށްލި އެވެ. ފާތިރުގެ މޫނާއި ދެ ލޮލުން އޭނާގެ ނަޒަރު ނައްޓައެއް ނުލަ އެވެ.

"ދެ މީހުންނާ ކައިވެނިކުރިން، އެހެންނު؟" ދަލޭކަދައިތަ މިފަހަރު ކުރީ ސުވާލެވެ.

"އާނ،" ފާތިރު ދިނީ އެންމެ ކުރު ޖަވާބެވެ.

"އެ ދެ ކައިވެނި ރޫޅުނީ ވެސް ހަމަ އެންމެ ސަބަބަކާ ހެދި. ފާތިރަށް ދަރިއަކު ލިބެން ނެތުން. ފުރަތަމަ އަނބިމީހާ ވަރިއަށް އެދުމުން، ރުއިވަރު ހަނދާން ހުންނާނެ،" ދަލޭކަދައިތަ، ހުރިހާ ކަމެއް، އެނގޭ މީހެއް ފަދައިން ބުންޏެވެ. އެއީ ހަމަ ތެދެކެވެ. ފާތިރު ވަރަށް ރުޔެވެ. އެހާ ލޯބިން ކުރި ކައިވެންޏެއް، ދަރިއެއް ނުލިބުމުގެ ސަބަބު ދައްކާފައި ރޫޅާލަން އެދުމުންނެވެ. އެކަމަކު އޭނާ އެންމެ ބޮޑަށް ރުއީ، ފާހާނާ ތެރޭގައި ހުރެ އެވެ. އަންހެނުންނަކަށް އެ ކަރުނައެއް ނުފެންނާނެ އެވެ. އެއީ އޭނާ އަށް ހުރި ގޮތް ކަމަށް ވިސްނި، އެ ހަގީގަތް ހިތުގެ އަޑިން އެންމެ ފަހުން ގަބޫލުކުރަން ޖެހުމުން އޮއްސި ކަރުނަ އެވެ.

"އެކަމަކު ފާތިރުގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތް،" ދަލޭކަދައިތަ ބުންޏެވެ.

އެއީ ވެސް ތެދެކެވެ. އޭނާ ޝަކުވާއެއް ނުކުރެ އެވެ. ހިތުގައި އެކަހަލަ އިހުސާސެއް ވެސް ނޫފެދެ އެވެ. އޭނާގެ ދުއާތަކުގައި ކޮންމެ ފަހަރަކު ވެސް "މި ދުނިޔޭގައި މާތް ރަސްކަލާނގެ މި އަޅާއަށް ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވަމޭ" ބުނެ އެވެ. ދަރިއެއް ނުލިބުމަކީ ނިއުމަތަކުން މަހުރޫމް ވުން ކަމަކަށް ބަލާފައެއް ނުވެ އެވެ.

"ދެ ވަނަ ކައިވެންޏަކީ އޮޅުވާލި އޮޅުވާލުމެއް،" ދަލޭކަދައިތަ ބުންޏެވެ.

އެއީ އަސްލު ހަގީގަތެވެ. އޭނާ އެ ކައިވެނިކުރީ، ދަރިއަކު ނުލިބުނަސް، އެކުގައި މުޅި އުމުރަށް ދިރިއުޅޭނެކަމުގެ ޔަގީންކަން އަންހެންމީހާ ދިނުމުންނެވެ. އެކަމަކު، ދަލޭކަދައިތަ ދެންމެ ބުނި ގޮތަށް، އެއީ އޮޅުވާލުމެކެވެ. އެއީ ފާތިރުގެ ފަރާތުން ވަގުތީ ފައިދާއެއް ހޯދުމުގެ ނިޔަތް އޮތް ކައިވެންޏެކެވެ.

"މާތްﷲ މިންވަރު ކުރައްވާ ކަންކަމާ މެދު ޝަކުވާ ނުކުރުމަކީ އިންސާނާގެ އެންމެ ރީތި ސިފަ، އެއީ އެންމެ ހިތްވަރުގަދަ މީހުންގެ ސިފަ. އެކަމަކު އިބްރާހިމް މަރާލަން ފާތިރު ނިޔަތްގަތީ އެ ސިފައިން ވަކިވެ ހުރެ،" ދަލޭކަދައިތަ އެހެން ބުނުމާ އެކު ފާތިރު ދިޔައީ ސިހިގެންނެވެ. އޭނާގެ ދެ ލޯ ބޮޑުވި އެވެ. ދަލޭކަދައިތަ އޮތީ އޭނާ އަށް ވަމުން ދިޔަ ގޮތް ރަނގަޅަށް ބަލާށެވެ.

އެނދުން ނުތެދުވެވި، ގެއިން ބޭރަށް ފައިތިލަ ވެސް އަޅައި ނޫޅޭ އަންހެނަކަށް އެ ސިއްރު ވެސް އެނގުނީ ހެއްޔެވެ؟

"ފުރަތަމަ އުޅުނީ މަރާނުލާ އިބްރާހިމް ދޫކޮށްލަން. ދެ އެކުވެރިންނާ އެކު އެގޮތަށް ރޭވީ ވެސް. އޭރު ޔަގީންކުރީ ކަލޭމެން ދެއްކި ބިރުގައި އިބްރާހިމް ހުރިހާ ވާހަކައެއް އެންމެންނަށް ކިޔައިދޭނޭ. އެކަމަކު ފާތިރުގެ ހިތުގައި އުފެދުނީ ވަރަށް ބޮޑު ޝަކުވާއެއް. ކީއްވެގެންހޭ، އެހާ ނުބައި އަމަލްތައް ހިންގާ އިރު ވެސް އިބްރާހިމަށް ކަމެއް ނުވެ ދުނިޔޭގައި އުޅެވެނީ. އިބްރާހިމްގެ ސަބަބުން އެހެން މީހުންނަށް ދިރިއުޅެވޭކަށް ނެތޭ އެތައް ފަހަރަކު ގަބޫލުކުރި. އެ ގަބޫލުކުރުމަކީ ވެސް ޝަކުވާއެއް. އޭނާ އަކީ ޖެހިފައި އޮތް ބަލާއެއްގެ ގޮތަށް ވެސް ނެގި. ދެން ދުއާކުރީ އޭނާގެ އަނިޔާ އިން ސަލާމަތްކޮށްދޭން އެދި،" އެހާ ހިސާބުން ދަލޭކަދައިތަ އަނެއްކާވެސް ވާހަކަ ހުއްޓާލި އެވެ.

އެއީ އިބްރާހިމާ މެދު ފާތިރު ކަން ކުރި ގޮތެވެ. ދަލޭކަދައިތަގެ އެހީ ހޯދަން އިބްރާހިމްގެ ކިބައިން ރައީސް އެދުނު ވާހަކައާ އެކު، ފާތިރު ނިންމީ ހަމަ އެރޭ އިބްރާހިމް، ކަނޑަށް ދޫކޮށްލާށެވެ. މަސް އަޅާ އައިސް ބޮކްސް ތައްޔާރުކޮށްފިންތޯ ޒަވީން އާއި ނާވިޝް ގާތު އެހީ ވެސް އެ ބިންގަރާހުން އެރޭ އޭނާ ނެރޭށެވެ.

އެކަމަކު އޭގެ ފަހުން ކުއްލިއަކަށް ހިޔާލު ބަދަލުވެ ފާތިރު ވިސްނީ އިބްރާހިމް މަރާލާނެ ގޮތަކާ މެދުގަ އެވެ. އެއީ ޒަވީން އާއި ނާވިޝް އަށް އެނގިގެން އޭނާ އަށް ކުރެވޭނެ ކަމެއް ނޫނެވެ. އިބްރާހިމް މަރާނުލައި ދޫކޮށްލިޔަސް، ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެ، ޖަލަށް ލުމަކީ ދެ އެކުވެރިން ވެސް ބޭނުންވި، އަދި ތިން މީހުން ރޭވި ގޮތް ވެސް މެ އެވެ. އިތުރު ތިން ހަތަރު ދުވަސް ވަންދެން ބިންގަރާހުގައި ބައިންދަން ފާތިރު ދެއްކި ސަބަބަކީ، އިބްރާހިމް ގެއްލިގެން އޭނާ ހޯދަން ފުލުހުންނާއި ސިފައިން ކުރަމުން ދާ މަސައްކަތެވެ. ކަނޑު މައްޗާއި މާލެ ތެރެ ބެލުން އޭރު މަޑުޖައްސާލިކަން ޒަވީން އާއި ނާވިޝް އަށް އެނގެ އެވެ. އެކަމަކު ކޮންމެ ވަގުތަކު ވެސް މަގުމަތިން ވެހިކަލް ހުއްޓުވައި، ނުވަތަ ކަނޑު މަތިން ރޭގަނޑު ދޯންޏެއް މަޑުކޮށް، ސިފައިންނާއި ފުލުހުން ސުވާލު ނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ދުވަސްކޮޅަކު އިބްރާހިމް ބައިންދަން ޒަވީން އާއި ނާވިޝް އެއްބަސްވީ އެހެންވެ އެވެ.

އިބްރާހިމްގެ އުނދަގުލުން ސަލާމަތްކޮށްދެއްވުން އެދި، އެ ތިން ރޭ ދަމުނަމާދަށް ފަހު ފާތިރު ދުއާކުރި އެވެ. އެއީ އޭނާގެ ބައްޕަ ދިން އިރުޝާދެވެ. ބިންގަރާހުގައި ހުރި 10 ނަންބަރު ކަބަޑު އޭނާ ހުޅުވީ، ތިން ވަނަ ރޭގެ އެކެއް ޖެހުމާ އެކު އެވެ. އެރޭގެ އިރާކޮޅު ޒަވީން އާއި ނާވިޝް ފޮނުވާލީ ދޭއް ޖަހާއިރު އަންނަން ބުނެފަ އެވެ. ހޭނައްތާލުމަށް ފަހު އިބްރާހިމް ފޮއްޓަށް ލައިގެން ގެންގޮސް، ފާތިރުމެން މަސްވެރިކަމަށް ނުކުންނަ ދޯންޏަށް އެރުވީ ތިނެއް ޖަހަން އުޅެނިކޮށެވެ. ދޯނި ދުއްވަން ހުރީ ނާވިޝް އެވެ. އިބްރާހިމްގެ ރިސޯޓް ކައިރި އަށް ގޮސް، އޭނާ ނަގައި، އޮރިޔާންކޮށް، މޭގައި އެ ލިއުން ތަތްކުރި އެވެ. ދެން ދޯނީގެ އެތެރޭގައި ރައްކާކޮށްފައި އޮތް ޑިންގީ ނަގައި، އިބްރާހިމް އޭގެ ތެރެއަށް ލާފައި ކަނޑަށް ދޫކޮށްލި އެވެ. އޭރު ޑިންގީ އޮތީ އޮޔާ ނުދާނެ ގޮތަށް ނަގިއްޔަކުން ހައްޔަރު ވެސް ކޮށްފަ އެވެ.

"ތިގޭގެ ބިންގަރާހުގައި ރައްކާކޮށްފައި ހުރީ އާދައިގެ ފެނެއް ނޫން، ފާތިރު. އެއީ އަރަބި އެއް އާއިލާއެއްގެ އަތްމަތިން ވާރުތަވަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެފައި ހުރި އެއްޗެއް،" ދަލޭކަދައިތަ ކުއްލިއަކަށް ބުންޏެވެ. ފާތިރަށް އޭނާގެ އަމިއްލަ ޚިޔާލުތަކުން ނުކުމެވުނެވެ. ދަލޭކަދައިތަ އޮތީ، ހަމަ ކުރިއެކޭ ވެސް އެއްގޮތަށް އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

ސިއްރު ފެނުގެ ވާހަކަ ވެސް އެ ފެށީ އެވެ.

"އެ ފެން އަޅާފައި ހުރި ފުޅި އާއި އެތައް ޖަވާހިރެއް އަސްލު ލިބުނީ ކާކަށްކަން އެނގޭތަ؟ އެއީ މި ގޭގެ ފުރަތަމަ ވެރިޔާ އެދުރު ގާސިމްގެ ދުނިޔޭގައި ރާއްޖޭގައި ވެރިކަން ކުރި ރަދުންނަށް. އެއީ އޭރުގެ އަނިޔާވެރި މަހާމުހައްމަދު މަރުވުމުން ވެރިކަމަށް އެރި އޭރުގެ ބޮޑުވަޒީރު، ނަމަކީ އަހުމަދު ފަހެއް. އެ ނައު ލެއްގީ އޮޔާ އައިސް މި ރަށަށް، ފިއްލަދު އަށް. އެ ނައު، އޮޔާ އައީ އޭގައި ތިބި އެންމެން މަރުވެ، މިސްރާބު ކުރާނެ މީހަކު ނެތި. ނަވުގައި މަރުވެފައި އޮތް ދެމަފިރިންނާއި އެމީހުންގެ ކުޑަ ހަތަރު ފިރިހެން ދަރިންނަކީ އެ އާއިލާގެ އެންމެ ފަހު ލޭ. އެމީހުން ދަތުރުކުރީ، އެ އާއިލާގެ ސިއްރު އެނގި އެމީހުން ފޭރެން، އެ ގައުމުގެ ސިފައިން އުޅޭކަން އެނގުމުން ފިލަން. އެކި ގައުމުތަކަށް ގޮސް އެންމެ ފަހުން ސްޕޭނުން ނަވެއް ހޯދައި، އަޅުންނާ އެކު ދަތުރުކުރީ. ފަހަރެއްގައި ރާއްޖެ އަށް އަންނަން ކަމަށް ވެސް ވެދާނެ،" ދަލޭކަދައިތަ، ތާރީހީ ސިއްރާއި މިހާރު ފާތިރުގެ ބެލުމުގެ ދަށުގައި ހުރި އަޖައިބެއް ކަހަލަ އެ ފެނާ ބެހޭ ވާހަކަ، ސާފުކޮށް ކިޔައިދެމުން ދިޔަ އެވެ.

"ނަވުން ފެނުނު އެއްޗެހި ރަދުންނަށް ފޮނުވީ އެދުރު ގާސިމް. ފެން އަޅާފައި ހުރި ފުޅި ރައްކާކޮށްފައި އޮތީ ރަނުގެ ފޮއްޓެއްގައި. އެ ފެނުގެ ހަގީތް އެ ފުޅީގައި ލިއެފައި އޮވޭ. ރަދުންނަށް އެދުރު ގާސިމް ލިއުނީ އެއީ ދުނިޔެ އިން މީހަކަށް ލިބޭނެ އެންމެ ބޮޑު އަމާނާތޭ، ކޮންމެ ކޮންމެ ކަމެއްގައި އެ ބޭނުންނުކުރާށޭ، އެތައް ސަތޭކަ އަހަރެއް ވީ އިރު ވެސް އެ ފެން ހުސްނުވެ އެ ހުރީ އެހެންވެއޭ. މާ ފަހުން ފާތިރުގެ ކާފަ އަށް ހުރިހާ އެއްޗެއް ވިއްކާލި ރަދުން ވެސް، އޭނާގެ އާއިލާގެ ކުރީގެ އެހެން ރަސްކަލުން ވެސް އެ ފެނުގެ ބޭނުން ހިފާފައެއް ނެތް. ފާތިރުގެ ކާފަ އާއި ބައްޕަ ވެސް އެ ކަބަޑެއް ނުހުޅުވާ. އެކަމަކު ފާތިރު އެތަން ހުޅުވައިފި، އެ ފެން ބޭނުންކޮށްފި. ދެން ވާނީ ކިހިނެއްކަން އެނގޭތަ؟" ދަލޭކަދައިތަގެ އެ ސުވާލުން ފާތިރުގެ ހިތަށް ވަދެގެން ދިޔައީ ބިރުވެރިކަމެކެވެ. (ހަތަރު ވަނަ ބައި އަންނަ ބުރާސްފަތި ދުވަހު)