އަންހެން ކެންޑިޑޭޓް ސައިކަލްގައި ދޮރުން ދޮރަށް ކެމްޕޭން ކުރުމުގައި
އަންހެން ކެންޑިޑޭޓް ސައިކަލްގައި ދޮރުން ދޮރަށް ކެމްޕޭން ކުރުމުގައި

އިސްލާމްއާބާދު (ޖުލައި 24) - ޕާކިސްތާނުގައި މާދަމާ ބާއްވާ އާއްމު އިންތިޚާބަށް ޕަންޖާބް ޕްރޮވިންސްގެ މުލްތާން ސިޓީގެ ހަނި މަގުތަކުގައި ނޫޝިން އަފްޝަން ކެމްޕޭނަށް ނުކުމެ އުޅޭ ގޮތް އެތައް ބަޔަކު ފާހަގަކުރެ އެވެ. އުމުރުން 36 އަހަރުގެ އަފްޝަން އާއްމުކޮށް ކާރުގައި އުޅުނު ނަމަވެސް އޭނާ ވަނީ ރައްޓެއްސެއްގެ އަތުން ސައިކަލެއް ހޯދައިގެން ދޮރުން ދޮރަށް ކެމްޕޭން ފަށައިފަ އެވެ.

އަންހެން ކެންޑިޑޭޓް ސައިކަލްގައި ދޮރުން ދޮރަށް ކެމްޕޭން ކުރުމުގައި
އަންހެން ކެންޑިޑޭޓް ސައިކަލްގައި ދޮރުން ދޮރަށް ކެމްޕޭން ކުރުމުގައި

"އަހަރެން އަބަދުވެސް ގަބޫލް ކުރަން ފިރިހެނުން މަސައްކަތް ކުރާ ގޮތަށް އަހަރެންނަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް،" އަފްޝަން ބުންނެވެ.

ޕަންޖާބުގެ މުޒައްފަރްގާރް ޑިސްޓްރިކްޓަށް ނިސްބަތްވާ ތިން ކުދިންގެ މަންމަ ދަނީ ނޭޝަނަލް އެސެމްބްލީގެ ގޮނޑި ކާމިޔާބު ކުރަން 15 ފިރިހެނުންނާ ވާދަކުރަމުންނެވެ. އިންތިޚާބަށް ފުރަތަމަ ފަހަރަށް އަފްޝަން ވާދަކުރަނީ އަވާމީ ނޭޝަނަލް ޕާޓީ (އޭއެންޕީ) ގެ ޓިކެޓުގަ އެވެ.

މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ އަފްޝަން އަކީ ޕާކިސްތާނުގެ އެންމެ ބައިބޯ ޕަންޖާބް ޕްރޮވިންސްގައި އޭއެންޕީގެ ފަރާތުން ވާދަކުރާ ހަމައެކަނި އަންހެން ކެންޑިޑޭޓް ވެސް މެ އެވެ.

އަފްޝަން ބުނީ އޭނާ އަކީ އަންހެނަކަށްވުމުން ބައެއް ފަހަރު ބިރު ދެއްކުންތަކާ ކުރިމަތިވާ ކަމަށެވެ.

އަފްޝަން ވާދަކުރާ ސަރަހައްދުގައި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ވަރުގަދަ ނަމަވެސް އަފްޝަން އުއްމީދު ކުރަނީ އޭނާ އަށް ކާމިޔާބުވާނެ ކަމަށެވެ. ޕާލަމެންޓަށް ހޮވިއްޖެ ނަމަ އަންހެނުންގެ ހައްގުތަކާއި ތައުލީމާއި ސިއްހީ ކަންކަން ރަނގަޅު ކުރަން ވަކާލާތު ކުރާނެ ކަމަށް އޭނާ ވަނީ ވައުދުވެފަ އެވެ.

ޕާކިސްތާނުގެ އިންތިޚާބީ ގަވާއިދުތަކުގައިވާ ގޮތުން ކޮންމެ ޕާޓީއަކުން ވާދަކުރާ ކެންޑިޑޭޓުންގެ ފަސް ޕަސެންޓް ކޯޓާއެއް އަންހެނުންނަށް ދޭން ޖެހެ އެވެ. ނޭޝަނަލް އެސެމްބްލީގެ 342 ގޮނޑީގެ ތެރޭން 60 ގޮނޑި ވަނީ އަންހެނުންނަށް ރިޒާވްކޮށްފަ އެވެ. މާދަމާ ޕާކިސްތާނުގައި ބާއްވާ އާއްމު އިންތިޚާބުގައި ވާދަކުރާ 3،675 ކެންޑިޑޭޓުންގެ ތެރޭގައި 171 އަންހެން ކެންޑިޑޭޓުން ހިމެނެ އެވެ.